Advertisement

މިދިޔަ ފަސް އަހަރު 69،000 ވެހިކަލް ރެޖިސްޓްރީ ކުރި، މާލެއަށް އެކަނި 42،000

3 ޖަނަވަރީ 2024 - 16:49 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު


މިދިޔަ ފަސް އަހަރު 69،000 ވެހިކަލް ރެޖިސްޓްރީ ކުރި، މާލެއަށް އެކަނި 42،000

3 ޖަނަވަރީ 2024 - 16:49 0

މިދިޔަ ފަސް އަހަރުތެރޭގައި ރާއްޖެއަށް 69,000 އަށްވުރެ ގިނަ ވެހިކަލު ރަޖިސްޓްރީކުރި ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު މިއަދު ވިދާޅުވީ މާލެ ސަރަަހައްދުގެ ޓްރެފިކް މައްސަލަ އިންތިހާއަށް ބޮޑޮވެފައިވާއިރު، ސިއްސައިގެންދާ ވަރުގެ އަދަދުތަކުން ވެހިކަލުތައް ރާއްޖެއަށް އެތެރެކޮށް ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.

އެގޮތުން, މިދިޔަ ފަސް އަހަރުތެރޭ މުޅި ރާއްޖެއަށް ޖުމްލަކޮށް 69،780 ވެހިކަލް ރަޖިސްޓްރީކުރި ކަމަށާއި އޭގެ ތެރެއިން 42،000 އަށްވުރެ ގިނަ ވެހިކަލް ރަޖިސްޓްރީކޮށްފައިވަނީ މާލެ އޭރިއާގައި ކަމަށް ވިދާޅުވި އެވެ.

"މިއީ އާދަޔާ ހިލާފު ބޮޑު އަދަދެއް. މި ސްކޭލްގަ، މި ޓްރެންޑު މިގޮތަށް ދާ ކަމަށްވަންޏާ މާލެ އޭރިއާ ދާނީ އަޅުގަނޑުމެންނަށް ނުހިފެހެއްޓިގެން. މި ދެންނެވީ މިދިޔަ ފަސް އަހަރުތެރޭ 42،000 އަށްވުރެ ގިނަ ވެހިކަލް އެބަހުއްޓޭ މާލެ އޭރިއާ އަށް ރަޖިސްޓްރީކޮށްފައި. މިއީ ވަރަށް ދެރަކޮށް ހިނގާ ކަމެއް،" އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ވެހިކަލް ރަޖިސްޓްރީ ކުރުމުގެ ކަންކަން ގާނޫނުގެ ތެރެއިން ހިނގާ ނަމަ މިހާ ގިނަ އަދަދެެއްގެ ވެހިކަލް ރަޖިސްޓަރީ ކުރަން ނުޖެހޭނެ ކަމަށެވެ. އަދި, މި ސަރުކާރުން ގާނޫނަށް ބަދަލެއް ނުގެނެސް މި މިނިސްޓްރީ އަށް ލިބޭ ބާރުގެ ދަށުން ބައެއް ހާލަތުތަކުގައި ރަޖިސްޓަރީ ކޮށްދިނުން ފަދަ ކަންކަން މަޑުޖައްސައިލުމާއެކު ވެހިކަލްތައް ރަޖިސްޓްރީ ކުރާ އަދަދު ދަށްވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލަ ހައްލުުކުރުމަށް މި ވަގުތުން ވަގުތައް ގެނެވިދާނެ ހައްލުތައް ދެނެގަތުމަށްޓަކައި ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓެކްޓިކަލް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަދި އެއާއެކު ޓްރެފިކް މައްސަލަ ހައްލު ކުރުމަށްޓަކައި ބޭރުގެ އެކްސްޕާޓުންގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެކަމާއި ގުޅޭ އެއްބަސްވުމުގައި މާދަމާ ސޮއިކުރަން ނިންމާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުންވެސް ރާއްޖެއާއި އެހެން ގައުމުތަކާ ދެމެދުގައިވާ ގުޅުންތަކުގެ ދަށުން ޔޫއޭއީ ނުވަތަ ސިންގަޕޫރް ފަދަ ގައުމަކުން އެކްސްޕާޓުން ގެނެސްގެން ރާއްޖޭގައި ހުރި މައްސަލަތައް ދެނެގަނެ، މައްސަލަ ހައްލު ކުރުމަށް ރެކަމެންޑޭޝަންސް ހޯދަން ފޮރިން މިނިސްޓްރީގައި ވެސް ރަސްމީކޮށް އެދިފައިވާނެ ކަމަށް ވިދާޅުވި އެވެ.