Advertisement

ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލު އަޅަނީ ހިލޭ އެހީގައި: މިނިސްޓަރު

3 ޖަނަވަރީ 2024 - 13:44 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ހެލްތް މިނިސްޓަރު އަބްދުﷲ ހަލީލް -- ފޮޓޯ: ރައީސް އޮފީސް


ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލު އަޅަނީ ހިލޭ އެހީގައި: މިނިސްޓަރު

3 ޖަނަވަރީ 2024 - 13:44 0

ވިލިމާލޭގައި އަޅަން ނިންމާފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލު އެޅުމަށް ހަމަޖެހިފައިވަނީ ހިލޭ އެހީގައި ކަމަށް ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ވިލިމާލެ އާއި މާލެއާ ދެމެދު ސީއެމްބިއުލާންސް ފެށުމުގެ ރަސްމިއްޔާތަށްފަހު "އަދަދު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ މިހާރު ކުރިއަށް ދަނީ ހޮސްޕިޓަލުގެ ޑިޒައިނިން މަސައްކަތް ކަމަށެވެ. އަދި ޑިޒައިނިން މަސައްކަތް ނިމުމާއެކު މަޝްރޫއުގެ ބަޖެޓު ކަނޑައެޅިގެންދާނެ ކަމުގައި ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެން ޑިޒައިނިންގެ މަސައްކަތް ކުރަމުން މިދަނީ. ޕްރޮޖެކްޓަށް ފައިނޭންސް ހަމަޖެހިފަވަނީ އެހެން ގައުމަކާ ގުޅިގެން ހިލޭ އެހީގެ ގޮތުގަ. ޑިޒައިނިން މަސައްކަތް ނިމުނީމަ އަޅުގަނޑުމެން ބަޖެޓު ހާމަކުރާނަން،" ހެލްތް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން މިއަހަރުގެ ތެރޭގައި ވިލިމާލެ ޓާޝަރީ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށް މިނިސްޓަރު ޑރ. ހަލީލް ވިދާޅުވި އެވެ.

އައު ހޮސްޕިޓަލު އެޅުމަށް ހަމަޖެހިފައިވަނީ މިހާރު ވިލިމާލޭގެ ހޮސްޕިޓަލް ހިންގާ ބިމުގައެވެ. ނަމަވެސް، އެކަށީގެންވާ ޖާގަ ނުލިބޭ ނަމަ، ޓާޝަރީ ހޮސްޕިޓަލް އަޅާނީ ވިލިމާލެ ހޮސްޕިޓަލް މިހާރު ހިންގާ ތަން ތަޅާލުމަށް ފަހުގަ އެވެ.

އެގޮތުން މިހާރު ހުރި ހޮސްޕިޓަލް ތަޅާލާ ނަމަ، ވަގުތީ ގޮތުން ކްލިނިކެއް ނުވަތަ ސިއްހީ މަރުކަޒެއް ހުޅުވާނެކަމަށް ސަރުކާރުން މައުލޫމާތުދެ އެވެ.

އަލަށް އަޅާ ޓާޝަރީ ހޮސްޕިޓަލް ތަަރައްގީ ކުރެވިގެންދާނީ ތިމާވެއްޓާއި ރައްޓެހިގޮތަކަށް ކަމަށް ހެލްތް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.