2 ޖަނަވަރީ 2024 - 11:24 0
ފާތިމަތު ސާޔާ އަހުމަދު
ހަމަލާގެ ވަގުތުކޮޅެއް ކުރިން ލީ ޖޭ މިޔުންގް ނޫސް ކޮންފެރެންސްގައި. -- ފޮޓޯ: ރޮއިޓާޒް
2 ޖަނަވަރީ 2024 - 11:24 0
ދެކުނު ކޮރެއާގެ އިދިކޮޅު ލީޑަރު ލީ ޖޭ މިޔުންގަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
ލީއަށް ހަމަލާ ދިނީ ބުސާން ސިޓީގައި ކުރިއަށް ދިޔަ ނިއުސް ކޮންފެރެންސެއްގެ ތެރެއިން އަންގާރަ ދުވަހުގެ ހެނދުނެވެ.
ހަމަލާ ދިނީ ވައަތު ފަރާތުން ކަރަށެވެ. ހަމަލާ ދިން މީހާ ވަގުތުން ހައްޔަރު ކުރި އެވެ.
ރިޕޯޓުތައް ބުނާ ގޮތުން ކަރުން އެއް ސެންޓިމީޓަރު ކަފައިގެން ގޮސްފައިވާ އިރު، ހެލިކޮޕްޓަރުގައި ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވެ އެވެ.
ފުލުހުން ބުނީ ޒަހަމްގެ ސަބަބުން ފުރާނައަށް ނުރައްކަލެއް ނެތް ކަމަށެވެ.
ހަމަލާ ދިނީ އުމުރުން 50 އަހަރުން މަތީގެ މީހެކެވެ. އޭނާ ވަނީ އޮޓޯގްރާފެއް ހޯދަން ކަމަށް ބުނެ، ލީއާ ގާތްވުމަށް ފަހު ކުއްލިއަކަށް ވަޅި ހަރައިފަ އެވެ.
އެ ހާދިސާގެ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަނީ ލީ ބިންމައްޗަށް ވެއްޓިފައި އޮންނަ އިރު، ރުމާލެއް ކަރުގައި ޖައްސައިގެން ކައިރީގައި މީހުން ތިބޭ މަންޒަރެވެ.
ލީ ނިސްބަތްވާ ޑިމޮކްރެޓިކް ޕާޓީ އޮފް ކޮރެއާގެ ތަރުޖަމާނަކު ބުނީ ލިބުނު ޒަހަމްގެ ސަބަބުން ސާޖަރީއެއް ހަދަން ޖެހޭނެ ކަމަށާއި ލޭ މަނާ ނުވާތީ ޑޮކްޓަރުން ކަންބޮޑުވާ ކަމަށެވެ.
އުމުރުން 59 އަހަރުގެ ލީއަކީ ދެކުނު ކޮރެއާގެ ގާނޫނު ހަދާ މަޖިލީހުގައި އިންޗޯން ތަމްސީލް ކުރާ މެމްބަރެކެވެ. އަންނަ އެޕްރީލް މަހުގެ އިންތިހާބުގައި ވެސް އޭނާ ވާދަކުރާނެ ކަމަށް ލަފާކުރެވެ އެވެ.
ލީ ވަނީ 2022 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރައްވައިފަ އެވެ. އޭނާ ނާކާމިޔާބުވީ އެންމެ 0.73 ޕަސެންޓް ވޯޓުގެ ތަފާތަކުންނެވެ.
އެއީ ދެކުނު ކޮރެއާގެ ތާރީހުގައި އެންމެ ވާދަވެރި އިންތިހާބެވެ. ބެލެވޭ ގޮތުގައި 2027 ގެ ރިޔާސީ އިންތިހާބުގައި ވެސް ލީ ވާދަކުރައްވާނެ އެވެ.
Comment