Advertisement

ނޮވެމްބަރު މަހު ކުޑަކުދިންނަށް އަނިޔާ ކުރުމުގެ 131 މައްސަލަ

2 ޖަނަވަރީ 2024 - 08:27 0

ނިމާ ހަސަން

ނިމާ ހަސަން

ކުޑަކުދިންނަށް ކުރާ އަނިޔާ ރަމްޒުކޮށްދޭން ނަގާފައިވާ ފޮޓޯއެއް -- ފައިލް ފޮޓޯ: އަދަދު


ނޮވެމްބަރު މަހު ކުޑަކުދިންނަށް އަނިޔާ ކުރުމުގެ 131 މައްސަލަ

2 ޖަނަވަރީ 2024 - 08:27 0

ނިމިދިޔަ އަހަރުގެ ނޮވެމްބަރު މަހު ކުޑަކުދިންނަށް އަނިޔާ ކުރުމުގެ 131 މައްސަލަ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓަށް ހުށަހަޅައިފި އެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ ތެރެއިން އެންމެ ގިނައިން ރިޕޯޓު ކޮށްފައި ވަނީ ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ މައްސަލަތަކެވެ. އަދި ޖިންސީ ގޯނާގެ މައްސަލަތަކެވެ. އެ ދެ ބާވަތުގެ ޖުމްލަ 56 މައްސަލަ ނޮވެމްބަރު މަހު ރިިޕޯޓު ކުރި އެވެ.

އޭގެ އިތުރަށް ކުޑަކުއްޖަކަށް އިހުމާލުވުމެގެން 23 މައްސަލައަކާއި ޖިސްމާނީ އަނިޔާ ދީގެން 20 އަދި ނަފްސާނީ އަނިޔާ ދީގެން 15 މައްސަލަ އެއް ވެސް ނޮވެމްބަރު މަހު ރިޕޯޓު ކުރި އެވެ.

އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމާއި ބްލެކްމެއިލް ކުރުމާއި ގްރޫމް ކުރުުމާއި ކުއްޖާގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުން އަދި އިންޓަނެޓް މެދުވެރިކޮށް ގްރޫމް ކުރުން އަދި ގަނާ ލިބުމުގެ މައްސަލަތައް ވެސް ރިޕޯޓުކުރި އެވެ.

ކޮންމެ މަހަކު ވެސް ކުޑަކުދިންނަށް އެކި ބާވަތުގެ އަނިޔާ ދިނުމުގެ ސަބަބުން ގިނަ އަދަދެއްގެ މައްސަލަތައް ކަމާ ބެހޭ އިދާރާއަށް ރިޕޯޓު ކުރެ އެވެ.

ކުޑަކުދިންނަށް އަނިޔާ ދީގެން ސީދާ އެކަމަށް ރިޕޯޓުކުރާ މައްސަލަތަކުގެ އިތުރަށް ވެސް އެހެން ބާވަތްތަކުގެ މައްސަލަތަކުގައި ކުޑަކުދިންނަށް އެކި ކަހަލަ އަނިޔާ ލިބެ އެވެ. އޭގެ ތެރޭގައި, އާއިލީ މައްސަލަތަކާއި ކުދިންގެ ހައްގުތަކަށް އަރައިގަތުމުގެ މައްސަލަތައް ހިމެނެ އެވެ.

އާއިލީ މައްސަލަތަކުގެ ގޮތުގައި ނޮވެމްބަރު މަހު 30 މައްސަލަ ހުށަހެޅި އިރު, ކުދިންގެ ހައްގުތަކަށް އަރައިގަނެ, ސްކޫލަށް ނުފޮނުވުމުގެ ތިން މައްސަލަ އެއް ވެސް ހުށަހެޅި އެވެ.

ކުޑަކުދިންނާ ގުޅުންހުރި ގިނަ މައްސަލަތަކެއް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީއަށް ހުށަހަޅާއިރު, ނޮވެމްބަރު މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި 164 ކުދިން ތިއްބެވެ. އޭގެ ތެރޭގައި އެ މަސް ތެރޭގައި ދައުލަތަށް ނެގި ދެ ކުދިން ވެސް ހިމެނެ އެވެ.