Advertisement

ސަލާހުއްދީންގެ ދަރުސްތަކުން؛ ފުށަތުފިލި ޖެހިގެންވާ ގަވިޔަނިން އެތައް ފިލާވަޅެއް!

2 ޖަނަވަރީ 2024 - 10:05 2

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު


ސަލާހުއްދީންގެ ދަރުސްތަކުން؛ ފުށަތުފިލި ޖެހިގެންވާ ގަވިޔަނިން އެތައް ފިލާވަޅެއް!

2 ޖަނަވަރީ 2024 - 10:05 2

އިންސާނުން މޮށެއުޅޭ ބަސްބަހާމެދު ވިސްނާލުމުން އެނގި ގާއިމުވާ ކަމަކީ އެއީ އިންސާނުން ހަދާފައި ހުރި އެއްޗެއް ނޫން ކަމެވެ. އިންސާނުންނަށް ކުރެވުނު ކަމަކީ ބަސް އެނގިގަތުމާއި ދެނެގަތުމެވެ. މި ވާހަކަ ހުސައިން ސަލާހުއްދީން ވިދާޅުވީ މިހެންނެވެ.

ބަސްބަހީ މީހުން ހަދާއެއްޗެއް ބަލަގަ ނޫނޭ ތެދޭ

އަސްތައަސްތާ ގުދުރަތުގެ، އޭ އެއްޗެކޭ ހަމަ ހިންގަވާ

ދެބަސްވެވެން ޖާގައެއް އޮތްކަމެއް ނޫންކަމުން ބަހުސެއް ނެތި އެކަމަށް އެއްބަސްވެ އެކަން ހަމަ އެގޮތުގައި ބަލައިގަންނާނީ އެވެ. އިންސާނުން މޮށެ އުޅޭ އެއްވެސް ބަހެއް ހެދިކަމުގެ ޝަރަފު އަޅުގަނޑުމެން ދޭ އެއްވެސް އިންސާނަކު ނެތެވެ. އަދި ބަހެއް ހެދި ވާހަކައެއްްވެސް އަޅުގަނޑުމެންނެއް ނުދައްކަމެވެ. ވާހަކަ ދައްކައި ބަހުސްކޮށް އުޅެނީ ބަސް 'އުފެދުނު' ގޮތުގެ މައްޗަށެވެ. އެެހެންވީމާ ބަސްބަހީ މީހުން ހަދާއެއްޗެއް ކަމަށް އަޅުގަނޑުމެން އެއްވެސް އިރަކު ދެކިގެން އުޅެފައިވާ ކަމުގެ މައްޗަށް ހެއްކެއް ނެތެވެ.

ބަހާމެދު ހުސައިން ސަލާހުއްދީން ހައްދަވާފައިވާ ދިގު ޅެމުގައި މިކަމުގެ މައްޗަށް ހުއްޖަތުތައް ގާއިމުކޮށްފައި ވަނީ ވަރަށް ވެސް ފުރިހަމައަށެވެ. އެ ދިގު ޅެމުގައި ދިވެހިބަހުގެ ބައެއް ހަމަތައް ވިދާޅުވެ ދެއްވަމުން 'އަޖައިބެއްފަދަ ގަވިޔަންޏެއް' ގެ ވާހަކަ ގެނެސްދެއްވާފައި ވެއެވެ. ފުށަތުފިލި ޖެހި ގަވިޔަންޏެވެ. އެންމެ ފުރަތަމަ، ބައިތުތަކުގެ މާނަ ވިދާޅު ނުވެ ހުރިހާ ބައިތެއް ވަކިން ވިދާޅުވަމުން ޅެމުގައި މިބުނާ ފުށަތުފިލިޖެހި ގަވިޔަނި ހޯއްދަވާށެވެ. ބައިތުތަކުގެ މާނަ ކިޔާނީ ދެވަނަ ކިޔުމުގަ އެވެ.

ނަންތަކާ އަދި ކަންތަކާ ގުޅުވާ އަކުރުތައް ހުންނަނީ

އަންނަހެންނޭ މިބުނި ބަސްބަހުގައި ތެދޭހެން ދުރުނުވާ

މި ބައިތުގައި ވިދާޅުވެދެއްވާފައި އެވަނީ ދިވެހި ބަހުގެ ބައިތަކުގެ ތެރެއިން 'އަކުރު' ގެ ތަފުސީލެވެ. އަކުރަކީ ވަކިން އޮންނައިރު ބައެއް ހާލަތުތަކުގައި ވަކި މާނައެއް ދޭވަހާ އެއްޗަކަށް ނުވިޔަސް އެއީ ކޮންމެ ބަހެއްގައިވެސް ހިމެނޭ މައިގަނޑު ތިން ބަހާގެ ތެރެއިން އޭގެ ބާރު ނަފީކުރެވެން ނެތް ބަހާއެކެވެ. "އަކުރުތަކުގެ ބާރު" މި މަޒުމޫނުގައި 'އަކުރު' ގެ ތައުރީފުގައި މުހައްމަދު ޖަމީލުދީދީ ވިދާޅުވެފައި އޮންނަނީ "އަޅުގަނޑުމެންގެ އަތްމަތީގައި ފެންނާން ހުރި ބަހުގެ ގަވާއިދާބެހޭ ފޮތްތައް ބުނެދޭ ގޮތުގައި ބަސްތައް އުފެދިފައި ވަނީ އަކުރުތަކަކުންނެވެ. އެއިން ކޮންމެ އަކުރަކީ އެކަނި އޮންނައިރުވެސް ބާރެއް ހުރި އެއްޗެކެވެ. ބަސްތައް ބިނާކުރުމުގެ ބިންގާ ކަމަށްވާތީއެވެ." މިހެންނެވެ.

"...ބަހުގެ ތިންބައިގެ ތެރެއިން ބައެއް ކަމަށް ހިމެނޭ އަކުރުތަކެއްވެ އެވެ. އެއީ ގަސްތުކުރެވޭ މާނައެއް ދޭހަކޮށްދިނުމަށްޓަކައި ބަސްތައް އެމުނިއެކުލެވިގެންދާއިރު ބޭނުންކުރެވޭ އެއްޗެކެވެ. އެއީ، އަށް، އިން، ޓަކައި، ވުރެ، މިފަދަ އަކުރުތަކެވެ. މިއިން ކޮންމެ އަކުރެއްގައި މާނައެއް އޮންނާނެ އެވެ. އެ މާނައަށް ސީދާނުވާގޮތަށް އޭގެ އަކުރުތައް ބޭނުންކުރާނަމަ ވަރަށް ބޮޑެތި އޮޅުންތައް އަރާނެ އެވެ"

މިކަމަށް މިސާލު ދައްކަވައި އެ މަޒުމޫނުގައި ވިދާޅުވެފައިވެ އެވެ.

"ފިހާރަކައިގެން ގޭގަ ދަނިކޮށް ގޭމައްޗަށް ވެއްޓިއްޖެ" މި ޖުމުލައިން ދޭހަވަނީ ކޮން މާނައެއްތޯ އެވެ. ބުނި މީހަކު ބުނާން ގަސްތުކޮށްފައި އެއޮތީ "ފިހާރައިން ކައިގެން ގެއަށް ދަނިކޮށް ގޭދޮށަށް ވެއްޓިއްޖެ" ކަމަށެވެ. މިސާލުގެ ފުރަތަމަ ޖުމުލައިގައި އެހުރީ 'އަކުރު'ތަކުގެ ބޭނުން ނުކޮށެވެ. ޖުމުލައަށް މާނައެއް ލިބިގެން ދިޔައީ އަކުރުތަކުގެ ބޭނުންކުރީމަ އެވެ. އެއީވެސް ރަނގަޅު ހަމައިގައި ބޭނުންކުރުމުންނެވެ.

ގެހެވިގެންވާ ފުށަތުފިލި ގަވިޔަނި ވެޔޭ ހަމަ ގުޅުވުމަށް

މެހެވިދާހިނދު ނަންނަމަށް އެނގި ދޭހަ ގޮތަކަށް މައުނަވާ

ގަވިޔަނި އަކީ 'ގ' އެެވެ. ފުށަތުފިލި އަކީ 'އެބެފިލި' އެވެ. ޅެމުގެ މި ބައިތުތަކުގައި އެ ވިދާޅުވެ ދެއްވަނީ އެބެފިލިޖެހި ގާފު ނުވަތަ 'ގެ' ބޭނުން ކުރާންވީ ގޮތެވެ. 'ގެ' ބޭނުންކުރާނީ ނަމަކާ ނުވަތަ ކަމަކާ ގުޅުވައިގެންނެވެ. ވަކިން އޮންނައިރު އެ ދޭހަވާ މާނައާއި ކަމެއް ނުވަތަ ނަމެއްގެ ފަހަތަށް މަހާލުމުން ދޭހަވާ މާނަ ތަފާތެވެ. ކަމަކަށް ނުވަތަ ނަމަކަށް ނިސްބަތްކޮށް ބުނާ ވާހަކައެއްގައި މި ފުށަތުފިލި ޖެހި ގަވިޔަނި ބޭނުންކުރުމުން އެކަމަކަށް ނުވަތަ ނަމަކަށް ދޭ ސިފަކުރުން އެއަށް ރައްދު ވެއެވެ. ބަހުގެ ތިންބައިގެ ތެރެއިން 'އަކުރު' ގެ ބައިގައި ހިމެނޭ ފުށަތުފިލިޖެހި ގަވިޔަނި އަބަދުވެސް ބޭނުންކުރާނީ ކަމާއި ނުވަތަ ނަމާއި ގުޅުވައިގެންނެވެ.

މިބުނި ގަވިޔަނި އޮންނަނީ ހަމަ ފޮރުވިގެންނޭ ގިނަހިނދަށް

ލިބުނު ގޮތަކުން ކުރުކުރާތީ ބަހުގެ މޭރުން ދޭހަވާ

ފުށަތުފިލި ޖެހި ގަވިޔަންޏަކީ އަބަދު ފާޅުވާ އަކުރެއް ނޫނެވެ. ލިޔުމުގައި އަދި ކިޔުމުގައި ގިނައީވެސް މި އަކުރު ވަންހަނާ ކުރެވިގެންވާ ފަހަރުތަކެވެ. ވީހާވެސް ކުރު ޖުމުލަތަކަކުން ބުނާން އުޅޭ އެއްޗެއް މޭރުން ކޮށްދެވުމަކީ ބަހުގެ މުއްސަނދިކަން ދައްކުވައިދޭނޭ ކަމެކެވެ. ލަފުޒު ކުރުކޮށްގެން ބޭނުން ކުރާއިރު މާނަ ދޭހަވާނަމަ މޮށެއުޅުމުގައި ދިގު ލަފުޒު ބޭނުން ނުކުރުމަކީ ބަސް ބޭނުންކުރުމުގައި ފެންނާން އޮތް އާދަ އެވެ. ހަމައެކަނި ކަންކަމުގައެއް ނޫނެވެ. މީހުންނާއި ތަކެތީ ނަން ބޭނުންކުރުމުގައިވެސް ފެންނާންއޮތީ މި މިސާލެވެ. އާދަނިކާއި ފާތާނިކެއޭ ބުނުމުން އެ ދައްކަނީ އާދަމް މަނިކާއި ފަތުމަތު މަނިކުގެ ވާހަކަކަން މީހަކަށް ނުއޮޅޭނެ އެވެ. އެމަގުން ބަސް ބޭނުންކުރުން ހިމެނެނީ 'ކޮށްފަރިތަ'އިގެ ތެރޭގަ އެވެ. ގިނަ ހާލަތުތަކުގައި ގަވިޔަނި ފޮރުވިފައި އޮތުމުގެ ސަބަބެއް ކަމަށް ސަލާހުއްދީން ދައްކަވަނީ މި ހުއްޖަތެވެ. ހަމައާ ގަވާއިދުން ލިބޭ ކޮންމެ ފުރުސަތެއްގައި ބަސް ކުރުކުރުމުގެ އާދަ އެވެ.

ބަކަރިމަސް ގެރިމަހުގެ ތާޒާ މަސްކަނީނަމަ އާދަކޮށް

ހަކަވެދާނެއެ ދެރަ އެހަށިގަނޑު ސިއްހަތެއް ލިބިގެންނުވާ

މިބައިތުގައި ހިމެނެނީ ވަންހަނާވެގެންވާ، ފުށަތުފިލިޖެހި ގަވިޔަނިތަކެވެ. ބަކަރި މަހަކީ ބަކަރީގެ މަހެވެ. ގެރިމަހަކީ ގެރީގެ މަހެވެ. 'ގެ' ވަންހަނާވާ ގޮތުގެ އެ މިސާލު ދެއްކެވުމާއެކު ބައިތުގައި ދެއްވީ ނަސޭހަތެކެވެ. އެއީ ދުޅަހެޔޮ ސިއްހަތަކަށް އެދެނީނަމަ އެއްގަމުމަސް އޭގެ ތާޒާކަމުގައި އާދަކޮށް ބޭނުންކުރުމެވެ.

މި ބައިތުގައި 'ހަކަވެދާނެއެ' ކަމަށް ބުނެފައި މިއޮތް ލަފުޒުގެ މާނަ ހޯދަން މަސައްކަތްތަކެއް ކޮށްލާން ޖެހުނެވެ. ބަހުގެ ރަދީފު ބެލިއިރު 'ހަކަ' ކިޔާ ބަހެއް އެބައޮތެވެ. ބަހުގެ މާނައެއް ކަމަށް އޮތީ 'ތާކުންތާކުނުޖެހޭ ވާހަކަ' އެވެ. ބައިތުގައި ބުނާ ވާހަކައަށް މި މާނަ ނުގުޅެ އެވެ.

ދެވަނަ މާނައެއް ކަމަށް އޮތީ އައްޑު އަތޮޅުގައި މި ބަސް ބޭނުންކުރާ މާނައެކެވެ. އެއީ "ހާޑުހައްފަދަ ކޮންމެ އެއްޗެއް" އެވެ. ހާޑުހަކަކީ ހާޑުކައްޕި އެވެ. ހާޑަކީ ފަރުމާނާ ކުނބާ ދުރުވިޔަ ނުދޭން ބައްދާ މަޅި އެވެ. އެހެންވީމާ ހާޑުހަކަކީ މި މަޅި ބެއްދުން ފަސޭހަ ވާނޭ ގޮތަށް ހަދާފައި އޮންނަ ލަކުޑިކޮޅެވެ. މި އެއްޗެއް އޮންނަނީ ދިގު އޮޑިކޮށް ދެލޯވަޅު ތޮރުފައި، އެއްލޯވަޅުން ކުސަފުރައި އަނެއްލޯވަޅުން ވާ ލައްވާ ގޮތަށެވެ. ބޭނުމަކީ ފަރުމާނާ ކުނބާ ދުރުވިޔަ ނުދީ ހިފެހެއްޓުމެވެ. މިއީވެސް މި ޅެމުގެ ސޮދުރުގައި މިބުނާ ވާހަކައަށް އެއްވެސް ބުރަދަނެއް ލިބޭ ނުވަތަ ގުޅުން ހުރި މާނަކުރުމެއް ކަމަށް އަޅުގަނޑަކަށް ނުފެނުނެވެ.

ދެން ރަދީފުގައި އޮތް މާނަ ކުރުމަކީ "ވަރަށް"، "ތަންކޮޅެއް" މި މާނަކުރުމެވެ. މި މާނަކުރުމަށް ދިއުމުން ބައިތުގައި ބުނާ ވާހަކައަށް ކޮންމެވެސް ކަހަލަ ހަމަޖެހޭ މާނަކުރުމެއް ލިބޭކަމަށް ވިސްނުނެވެ. އެހެނީ އެމާނަކުރުމަށް ބެލުމުން، ބައިތުގައި އެބުނަނީ ބަކަރިމަހާއި ގެރިމަސް ފަދަ އެއްގަމުމަސް އޭގެ ތާޒާކަމުގައި ހުއްޓައި ބޭނުންކުރުން އާދަކޮށްފިނަމަ ދެރަކޮށް ތިހުރި ސިއްހަތު ތަންކޮޅެއް ނުވަތަ ވަަރަށް ރަނގަޅުވެދާނެ ވާހަކަ ކަމަށް މާނަ ކުރެވިދާނެ އެވެ.

އަޅުގަނޑަށް މިހެން ހީވިޔަސް، ސަލާހުއްދީނު ވިދާޅުވެފައި އޮތް ވާހަކައެއް އަޅުގަނޑު ކަހަލަ އާދައިގެ މީހަކަށް ވިސްނައިގަނެވޭނީ އިތުރު މަސައްކަތަކުން ކަމަށް ދެކޭތީ މި މާނަކުރުން ކަށަވަރުކުރުމަށް މިކަހަލަ ކަންކަމުގައި އަޅުގަނޑު އަބަދުވެސް ގުޅާ އުޅޭ ދެތިން ބޭފުޅަކަށް ގުޅާލީމެވެ. އަޅުގަނޑަށް ސާފުވީ މިތަނުގައި ބޭނުންކޮށްފައި އޮތް ހަކަ އަކީ ރަދީފުގައި އެ އޮންނަ 'ހަކާ' އަށް ވެދާނެ ކަމެވެ. ހަކާ ގެ މާނައެއް ކަމަށް ރަދީފުގައި އޮތީ ބޮޑުވެ ތަސައްރަފު ފުދޭ ފުދުމެވެ. އެހެންވީމާ 'ހަކަ' މިބަހުގެ ތިންވަނަ މާނައެއްގެ ގޮތުގައި ރަދީފުގައި އޮތް މާނައަށް ވުރެ 'ހަކާ' ގެ މާނަ މި ޅެމުގައި ދައްކާ ވާހަކައާ ގުޅެ އެވެ.

އެހެންކަމުން އަޅުގަނޑު ކުރިއަށް ދާން ނިންމީ ބަސްފޮތުގައި އޮތް 'ހަކާވުން' ގެ މާނައާއެކު އެވެ. އެހެންވީމާ މި ބައިތުގައި ސަލާހުއްދީން އެ ދެއްވި އިރުޝާދަކީ ދުޅަހެޔޮ ސިއްހަތަކަށްޓަކައި ތާޒާ އެއްގަމުމަސް އާދަކޮށް ބޭނުންކުރުމެވެ. އެ ގޮތަށް އަމަލުކޮށްފިނަމަ ތިޔަ ދެރަ ސިއްހަތު ރަނގަޅުވެ 'ހަކާވެދާނެ' ކަމަށް އެ ވިދާޅުވަނީ މަޖާޒީ ގޮތެއްގަ އެވެ. ކެއުމުގައި އެއްގަމުމަސް ބޭނުންކުރުމަކީ އެކަމުގެ މައްޗަށް ދީނީ އިރުޝާދުތައް ވެސް ހުރި ކަމެކެވެ.

ރުއްވަކަރު މޮޅުވާނެޔޭ، ގޭގޭގެ ކަންތައް ކޮށްއުޅޭން

ކުއްޅަވަކު ހުތް ތޫނުވާނެއެ ބިލިމަގަށްވުރެ ދޮންނުވާ

ރުއްވަކަރަކީ ރުކުގެ ވަކަރެވެ. މިތަނުގައި އެއޮތީ ފުށަތުފިލިޖެހި ގަވިޔަނި ވަންހަނާވެފަ އެވެ.

ރުއްވަކަރު ނުވަތަ ރުކުގެ ވަކަރަކީ އިހުގައި ކިއްސަރު ވަޑާމުގެ އިތުރުން ތެދުއުއި ވަޑާމުގެވެސް އެންމެ މަގުބޫލު ވަކަރެވެ. ދެން ވަޑާމުގައި ބޭނުންކޮށްއުޅުނީ ގަސްވަކަރު ނުވަތަ ގަހުގެ ވަކަރެވެ. އަލީ މޫސާދީދީ 2008 ލިޔުއްވާފައިވާ ގޮތުން އިހުގައި ދިވެހިން ގެދޮރު ހެދުމުގައި ދޮރުތައް ހަދާނީ އޮޅުފަށް (އާރުނުލާ ބައި) ނެތް ބަނބުކެޔޮ އާރުންނެވެ. ދަމާދޮރު ފަދަ ބައެއް ތަންތަން ހެދުމަށް ބޭނުންކުރާނީ ހިރުނދާއި ކާނި އާރުފަދަ ހަރު ލަކުޑި އެވެ. ދޮރުފަތަށް ހިރުނދު، ބަނބުކެޔޮ ނުވަތަ ކާނި ފަދަ ލަކުޑި އެވެ. އެނދުއަށްޓާއި އުނދޯއްޔަށް ބޭނުންކުރާނީ ހަރު ވަކަރެވެ. މަޅު އެޅުމުގައި ޅޮސް، ކަނދު އަދި ބަނބުކެޔޮވެސް ބޭނުންކުރެ އެވެ. އެކަމަކު ގޭގެ މަތިވަޑާންގަނޑު ހަދާނީ ނިރޮޅު (ރުކުގެ ވަކަރު) ންނެވެ. ސަލާހުއްދީން ވިދާޅުވަނީ ގޭގޭގެ ކަންތައް ކޮށްއުޅޭން ހަމަ އެންމެ މޮޅީ ރުކުގެ ވަކަރު ކަމުގަ އެވެ.

ބިލިމަގު ނުވަތަ ބިލަމަގަކީ ފޯލިކޮށް ހުންނަ، ހުތްކަން ގަދަ މޭވާއެކެވެ. އޭގެ ހުތަކީ އެކި ކަންކަމުގައި ދިވެހިން ބޭނުންކޮށް އުޅުނު އެއްޗެކެވެ. ކުއްޅަވަކަކީ ހުތްރަހައާއެކު ކިހަސްރަހަ ވެސް ހުންނަ މޭވާއެކެވެ. ކުއްޅަވަކުގައި ހުންނަ ކިހަސް ރަހައިގެ ސަބަބުން ހުތުގެ ބޭނުމުގައި ދިވެހިން އާންމުކޮށް ބޭނުންކޮށް އުޅެނީ ބިލަމަގެވެ. ސަލާހުއްދީން ވިދާޅުވަނީ ދޮންނުވާ ކުއްޅަވަކު ހުތް ނުވަތަ ކުއްޅަވަކުގެ ހުތަކީ ވެސް ބިލަމަގެކޭ އެއްގޮތަށް ބޭނުންކުރެވިދާނެ އެއްޗެއްކަމެވެ.

ވަޅުފެނަށްވުރެ މޮޅުކަމަށް ކިޔަނީ އަބަދު ވާރެއިފެނޭ

ކަޅުއޮށަނިފަތް ދެރަނުވާނެއެ ތާކުޖެހުމަށް ފާރުވާ

އަނެއްކާވެސް ފުށަތުފިލިޖެހި ގަވިޔަނި ވަންހަނާވުމުގެ މިސާލެކެވެ. ވަޅުފެނަކީ ވަޅުގެ ފެނެވެ. ތާހިރުވުމަށާއި ބުއިމަށްވެސް އާދަކޮށް ވަޅުފެން ބޭނުންކޮށް އުޅުނު އެޒަމާނުގައި ސަލާހުއްދީން ވިދާޅުވަނީ، ކިޔާ އުޅޭގޮތުން ވަޅުފެނަށްވުރެ މޮޅީ ވާރޭފެން ކަމަށެވެ. ދެބަހެއް ވެވޭކަށް ނެތެވެ.

އެ ވާހަކައާ ވިދިގެން ވިދާޅުވެފައި އެއޮތީ ދިވެހި ބޭހުގެ ފަސޭހަ ފޯމިއުލާ އެކެވެ. ފާރު ފަސޭހަކުރުމަށް ކަޅުއޮށަނި ފަތް ނުވަތަ ކަޅުއޮށަނީގެ ފަތް ބޭނުން ކުރެވިދާނެ ވާހަކަ އެވެ. އޮށަނި ގަހަކީ އިނގިރޭސި ބަހުން މިކިޔާ ތޯންއެޕަލް ގަހެވެ. އެއީ އިހަށް، ރާއްޖޭގައި ހައްދަންނުޖެހި ހެދޭ ގަސްގަހުގެ ތެރޭގައި ހިމެނޭ ގަހެކެވެ. އެގަހުގެ އޮށުގައި ފޮރުވިފައިވި 'ބޮޑު ސިއްރު' އާންމުވެ އޭގެ ނަހަމަ ބޭނުން ހިފައި، 'އޮށަނި ކައިގެން އުޅުން' އާންމުވެގެން ދިއުމާ ހަމައަށް އެގަހަކީ ވަރަށްވެސް އާންމު ގަހެކެވެ. އޭގެ ފަތުގެ ބޭނުން ދިވެހިން ހިފަމުން އައީ ބޭސްވެރިކަމުގަ އެވެ. އޮށަނީގެ ތެރެއިންވެސް ބޭސްވެރިކަމުގައި ބޭނުންކޮށް އުޅުނީ ކަޅުއޮށަންޏެވެ. މި ގަހުގެ ފަތުގެ ތަނޑުތަކާއި ގަހުގެ ގޮފިތައްވެސް ހުންނަނީ ދަނބު ކުލައިގަ އެވެ. މިޒަމާނުގެ މެޑިކަލް ސައިންސްގައި ވެސް މި ގަހުގެ ބޭނުން ކުރެ އެވެ. މިއީ ތަދުކެނޑުވުމަށާއި، ފާރު ފަސޭހަކުރުމަށް ހަދާ ބޭސްބޭހުގައި ހިމަނާ މާއްދާއެކެވެ. މިކަން އޭރުގެ ދިވެހިން ދަނެ، މި ގަހުގެ ފަތްތައް ފަރުވާއެއްގެ ގޮތުގައި ދިޔައީ ބޭނުންކުރަމުންނެވެ.

މިބުނި ގަވިޔަނި ފޮރުވިގެންވުން ހެޔޮނުވާ ގޮތްތައް ވެޔޭ

އިބުނު މޫސާ ބުނިގޮތުން ނަންތައް ގުޅާއިރު ހަމަނުވާ

ފުށަތުފިލިޖެހި ގަވިޔަނި ވަންހަނާވެގެން ވުމުގެ މިސާލުތައް އިސްވެ އެދިޔައީ އެވެ. އެހެން ނަމަވެސް 'ގެ' ވަންހަނާ ވެގެން ނުވާނޭ ބައެއް ހާލަތުތައް ވެސް 'އަކުރު' ބޭނުންކުރުމުގެ ގަވާއިދުގައި ހިމެނެ އެވެ. އޭގެ އެއް ހާލަތަކީ ނަންތައް ގުޅުވައިގެން ކިޔައިދޭ ހާލަތެވެ.

ރަނަހަމާދި ތަކުރުފާނުގެ ފުތް އައްޝައިހް އަލްފަގީހް އަލްގާޒީ މުހައްމަދު ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނުގެ ދަރިކަނބަލުން ބޮޑު ފާތިމާފާނުގެ ދަރިކަނބަލުން ޒުލައިހާބީގެ ދަރިކަނބަލުން އަތިރީ ހައްވާބީގެ ދަރިކަނބަލުން އަތިރީ ކަމަނާއާ، އައްސައްޔިދު މުހައްމަދު ނަހާ އަލްމަލާބާރީ (ހޮޅިނަހާ) ގެ ފުތް ފަސްމަންދޫ އަލްވަޒީރު ހަސަން ބޮޑު ހަކުރާ ތަކުރުފާނު ކައިވެނި ބައްލަވައިގެން، މި ދެކަނބަލުންނަށް ލިބިވަޑައިގެންނެވި ފާތިމާ މާވާކިލެގެފާނުގެ ދަރިކަނބަލުން އާއިޝާ ކަނބާފާނުއާ، އައްސުލްތާން މުޒައްފަރު މުހައްމަދު އިމާދުއްދީނުގެ ދަރިކަލުން އައްސުލްތާން އިބްރާހީމް އިސްކަންދަރު (2 ވަނަ) ކައިވެނިފުޅު ބައްލަވައިގެން، މި ދެކަނބަލުންނަށް ފުރަސޫތާވި ދަރިކަނބަލުން އާއިޝާ ރަންދިކަނބާފާނުގެ ދަރިކަނބަލުން މާވާ މަރިޔަމްދީދީގެ މާވާ ހުސައިންދީދީގެ އާމިނާ މެދު ދީދީގެ ބޮޑުގަލު މޫސާ ދީދީގެ 'އިބުނު މޫސާ' ނުވަތަ ބޮޑުގަލު މޫސާ ދީދީގެ ދަރިކަލުން، ހުސައިން ސަލާހުއްދީން މި ވިދާޅުވަނީ ނަންތައް ގުޅުވައިގެން ބޭނުންކުރާއިރު 'ގެ' އަކީ ވަންހަނާވެގެން ވާނޭ އަކުރެއް ނޫން ކަމުގަ އެވެ.

"ބަސް" މި ޅެމުގެ 'ފުށަތުފިލި ޖެހިގެންވާ ގަވިޔަނި' ގެ ބަހާގައި ސަލާހުއްދީން ހަމައެކަނި ވިދާޅުވެ ދެއްވީ އެ އަކުރު ބޭނުންކުރާނޭ ގޮތުގެ ގަވާއިދެއް ނޫނެވެ. އެ ގަވާއިދު ވިދާޅުވެދެއްވުމުގައި މިސާލު ދެއްްކެވީ އަގުހުރި އެތައް ނަސޭހަތަކާއި އެތައް މައުލޫމާތަކުންނެވެ. މިޅެމަކީވެސް ސަލާހުއްދީނުގެ ޅެންވެރިކަމާއި އިލްމުވެރިކަމުގެ މައްޗަށް ހުރި ގިނަގުނަ ދަލީލުތަކުގެ ތެރެއިން ދަލީލެކެވެ.