Advertisement

ނިލަންދޫ ފަރަށް އެރި ބޯޓެއް ފަޅައިގެން ގޮސް ދިޔަވަނީ

31 ޑިސެންބަރު 2023 - 23:43 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ފަރަށް އަރައި ދިޔަވަމުންދާ ސައުތުލައިން: ބޯޓުގެ ފަޅައިގެން ދިޔަ ތަނުގައި ފިލާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން -- ފޮޓޯ: ފައިލް


ނިލަންދޫ ފަރަށް އެރި ބޯޓެއް ފަޅައިގެން ގޮސް ދިޔަވަނީ

31 ޑިސެންބަރު 2023 - 23:43 0

ގއ. ނިލަންދޫ ފަރަށް އެރި ބޯޓެއް ފަޅައިގެން ގޮސް ދިޔަވާތީ އެ ބޯޓު ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ ނިލަންދޫ ނެރު ކައިރިން ފަރަށް އެރީ "ސައުތުލައިން" ނަމަކަށް ކިޔާ ބޯޓެއް ކަމަށެވެ. ގާތްގަނޑަކަށް 20:15 ހާއިރު ހިނގި އެ ހާދިސާގައި އެއްވެސް މީހަކަށް ހާނީއްކަ ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

"މި މައުލޫމާތު ލިބުމާ ގުޅިގެން ގއ. ވިލިނގިލި ޕޮލިސް ލޯންޗު ޕަމްޕެއް ހިފައިގެން ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮސްފައިވޭ. ބޯޓުގެ ފަޅައިގެން ގޮސްފައިވާ ތަނުގައި ފިލާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން،" ފުލުހުން ބުންޏެވެ.

ސައުތުލައިންއަކީ މާލެ އާއި އައްޑޫއާ ދެމެދު ދަތުރު ކުރާ ބޯޓެކެވެ. އެއީ މުދާ އުފުލާ ބޯޓެކެވެ.

ނިމިދިޔަ ހަފުތާ އަދި މި ހަފުތާގައި ރާއްޖެއަށް މޫސުން ގޯހެވެ. ރާއްޖޭގެ ވަރަށް ބޮޑު ސަރަހައްދަކަށް މެޓު އޮފީހުން މިއަދު މޫސުމާ ބެހޭ ސަމާލުތަކެއް ވެސް ނެރުނެވެ.

ކަނޑުދަތުރު ކުރާއިރު ސަމާލުވުމަށް ފުލުހުންނާއި ކަމާބެހޭ އެހެން އިދާރާތަކުން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ދަތުރު ކުރާއިރު އުޅަނދުގެ ސަލާމަތީ ކަންކަން އެންމެ ފުރިހަމައަށް ހުރިކަން ޔަގީން ކުރަން ވެސް އެދެ އެވެ.

މޫސުން ގޯސްވެ ވިއްސާރަވުމުން ވެރި ވަރަށް މާލޭގެ އިތުރުން ފ. ނިލަންދޫ، ކ. ގުރައިދޫ، ލ. ގަން، ފޮނަދޫގައި، ފުވައްމުލައް އަދި އައްޑޫގައި ވެސް ފެންބޮޑުވި އެވެ. ފެންބޮޑުވި ރަށްތަކުގެ ވަރަށް ގިނަ ގެތަކަށް ގެއްލުންވެފައިވާއިރު، ލިބުނު ގެއްލުންތަކުގެ ސަބަބުން މާލޭގެ 96 ގެއެއްގެ މީހުން ވަގުތީ ހިޔާތަކަށް ވަނީ ބަދަލު ކުރަންޖެހިފަ އެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ އާއި ފުވައްމުލަކުގައި ވެސް ވަނީ ފެން ބޮޑުވެ މީހުން ދިރިއުޅޭ ގެދޮރަށް އެކިވަރުގެ ގެއްލުންވެފަ އެވެ. އެމީހުންނަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް މޯލްޑިވްސް ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓުން ދަނީ ކުރަމުންނެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައި ވަނީ މިރެއާއި މާދަމާ ވެސް ވާރޭ ވެހޭނެ ކަމަށެވެ. ނަމަވެސް މިއަދަށް ވުރެ މާދަމާ މޫސުން އަލިވާނެ ކަމަށް އެ އިދާރާއިން ލަފާ ކުރެ އެވެ.