Advertisement

މާލޭގައި ފެންބޮޑުވެގެން ގެއްލުން ލިބުނު ސައިކަލުތައް ލިޓަސް އިން މިރޭ ހިލޭ ސާވިސްކޮށްދެނީ

31 ޑިސެންބަރު 2023 - 22:23 0

ފެންބޮޑުވެފައި އޮތް މަގަކުން މީހަކު ސައިކަލެއް އަތުން ހިފައިގެން ދަނީ: މިއީ ފަހުގެ ތާރީހެއްގައި މާލޭގައި މިހާ ފެންބޮޑުވި ފުރަތަމަ ފަހަރު -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


މާލޭގައި ފެންބޮޑުވެގެން ގެއްލުން ލިބުނު ސައިކަލުތައް ލިޓަސް އިން މިރޭ ހިލޭ ސާވިސްކޮށްދެނީ

31 ޑިސެންބަރު 2023 - 22:23 0

ވެރި ރަށް މާލެއަށް މިރޭ ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބުނު ސައިކަލުތައް ހިލޭ ސާވިސް ކޮށްދިނުމަށް ލިޓަސް ސާވިސް ސެންޓަރުން ނިންމައިފި އެވެ.

ލިޓަސް އިން ބުނީ މިރޭ އެ ކުންފުނީގެ ބުރުޒު މަގުގައި ހުންނަ އެ ކުންފުނީގެ ސާވިސް ސެންޓަރަށް މިރޭ 11:00 ގެ ކުރިން ގެންނަ ހުރިހާ ސައިކަލެއް ވެސް ހިލޭ ސާވިސްކޮށްދޭނެ ކަމަށެވެ.

ސާވިސް ސެންޓަރު މިރޭ ހާއްސަކޮށްފައި ހުންނާނީ ފެންބޮޑުވެގެން ގެއްލުން ލިބުނު ސައިކަލުތައް ސާވިސް ކުރަން ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ރެއިން ފެށިގެން ވެހެމުން އަންނަ ވާރޭގައި 212،138 މީހުން ދިރިއުޅޭ މާލޭގެ ގިނަ މަގުތައް ވަނީ ފެންބޮޑުވެފަ އެވެ. ބައެއް މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވާއިރު، ފެންގަނޑު ޕާކުކޮށްފައި ހުރި ސައިކަލުތަކުގެ އިންޖީނާ ހަމައަށް އަރަ އެވެ.

ގަދަ ވަޔާއެކު މިއަދު ވެހުނު ވިއްސާރާގައި ބައެއް ސައިކަލުތައް ހުރީ މަގުމައްޗަށް ވެއްޓިފަ އެވެ. ފެންބޮޑުވުމުގެ ސަބަބުން ވެހިކަލް ދުއްވުމާއި ހިނގާބިނގާވެ އުޅުމަށް ވެސް މިއަދު ދަތިވި އެވެ.

މިއަދު ކުރި ވިއްސާރާގައި މާލޭގެ ވަރަށް ގިނަ ގެތަކަށް ވަނީ ގެއްލުންވެފަ އެވެ. ފެންބޮޑުވުމުގެ ސަބަބުން 96 ގެއެއްގައި ދިރިއުޅޭ މީހުން ވަގުތީ ހިޔާތަކަށް ބަދަލު ކުރަންޖެހޭނެ ކަމަށް ސަރުކާރުން ލަފާ ކުރެ އެވެ. އެއީ ކިހާ މީހުންނެއް ކަމެއް އަދި ނޭނގެ އެވެ.

މިދުވަސްވަރު ކުރަމުން މިދާ ވިއްސާރަކީ އާންމުކޮށް ކޮންމެ އަހަރަކު ވެސް އިރުވައި މޫސުން ފެށޭ ދުވަސްވަރަކު ކުރާ ވިއްސާރައެއް ކަމަށާއި، މި އަހަރު މޫސުން ރަނގަޅު ނުވެ ދިގުލައިގެން ގޮސްފައި ވަނީ މި ސަރަހައްދާއި އަރަބި ކަނޑުގައި އުފެދިފައިވާ ކުދި ކޮޅިގަނޑުތަކުގެ ސަބަބުން ކަމަށް މެޓް އޮފީހުން ބުނެ އެވެ.

މިއަދަކީ އިރުވައި މޫސުމުގެ ދެ ވަނަ ނަކަތް ކަމުގައިވާ ފުރަހަޅަ ނަކަތުން ނުވައެކެވެ. މި ނަކަތް ނިމޭނީ ޖެނުއަރީ 5، 2024 ގަ އެވެ.