Advertisement

މާލޭގައި ފެން ބޮޑުވުމުގެ ސަބަބުން ގެއްލުންވި 96 ގެއެއްގެ މީހުން ވަގުތީ ހިޔާއަށް ބަދަލުކުރަނީ

31 ޑިސެންބަރު 2023 - 22:28 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ތެރެއިން މާލޭގައި މިއަދު ފެންބޮޑުވެފައި : މާލޭގައި ފެން ބޮޑުވުމުގެ ސަބަބުން ގެއްލުންވި 96 ގެއެއްގެ މީހުން ވަގުތީ ހިޔާއަށް ބަދަލުކުރަނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


މާލޭގައި ފެން ބޮޑުވުމުގެ ސަބަބުން ގެއްލުންވި 96 ގެއެއްގެ މީހުން ވަގުތީ ހިޔާއަށް ބަދަލުކުރަނީ

31 ޑިސެންބަރު 2023 - 22:28 0

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ރޭ ފަތިހުއްސުރެ މާލެއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން، ގެއްލުންވި 96 ގެއެއްގެ މީހުން ވަގުތީ ހިޔާތަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު ސެންޓަރާ ހަވާލާދީ ރައީސް މިހެން ވިދާޅުވީ، ފެން ވަދެ ގެއްލުން ލިބުނު ބައެއް ގޭގެއަށް ވަޑައިގެން ހާލަތު ބައްލަވާލެއްވުމަށްފަހު މީޑިއާތަކާ ވާހަކަ ދައްކަވަމުންނެވެ.

"އިރާދަކުރެއްވިއްޔާ މިރޭން މިރެއަށް މި ބަލަނީ ބަދަލުކުރަން ޖެހޭ ގޭގެ، ދެންމެ ޑިޒާސްޓާއިން މައުލޫމާތު ދީފި 96 ގެއެއް މާލޭގެ އެބަޖެހެއޭ މީހުން ބަދަލުކުރަން ވަގުތީ ހިޔާއަށް،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ކާރިސާތަކުގައި އެހީވުމުގެ މަސައްކަތް ވަރުގަދަ ކުރަން ވެސް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން އެމަޖެންސީގައި ގެތަކަށް އަދި މީހުންނަށް ދޭ އެހީތެރިކަން ދިނުމާއި ވަގުތީ ހިޔާތައް ގާއިމުކުރުން އެކުލެވޭހެން މުޅި ޑިޒާސްޓާ މެނޭޖްމަންޓުގެ ނިޒާމު ވަރުގަދަ ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މިކަހަލަ ހުރިހާ ކަމެއް ކުރުމަށް ނިންމާފައި މިވަނީ ދެން މާ ލަސްތަކެއް ނުވެ އަވަސް ފިޔަވަޅުތަކެއް އެޅިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

މިހާރު ކުރަމުންދާ ވިއްސާރާގައި ގެތަކަށް އަދި ރައްޔިތުންނަށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަރުކާރުގެ ހުރިހާ އިދާރާތަކާއި ވުޒާރާތަކުން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މާލެއަށް ޖެހިފައިވާ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް، ކުރިއަށް އޮތް ތަނުގައި ވަރުގަދަ ސްޓޯމް ވޯޓާ ނިޒާމަކާއެކު، މާލޭގެ ހުރިހާ މަގުތަކެއްވެސް ތަރައްގީ ކުރައްވާނެ ކަމަށް، ރިޔާސީ ކެމްޕޭނުގައި ރައީސް ވެވަޑައިގެންފައިވާ ވައުދު ވެސް މިރޭ ރައީސް ވަނީ ތަކުރާރުކުރައްވާފަ އެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ އާއި ފުވައްމުލަކުގައި ވެސް ވަނީ ފެން ބޮޑުވެ މީހުން ދިރިއުޅޭ ގެދޮރަށް އެކިވަރުގެ ގެއްލުންވެފަ އެވެ. އެމީހުންނަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް މޯލްޑިވްސް ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓުން ދަނީ ކުރަމުންނެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައި ވަނީ މިރެއާއި މާދަމާ ވެސް ވާރޭ ވެހޭނެ ކަމަށެވެ. ނަމަވެސް މިއަދަށް ވުރެ މާދަމާ މޫސުން އަލިވާނެ ކަމަށް އެ އިދާރާއިން ލަފާ ކުރެ އެވެ.