Advertisement

ސިވިލް ސާވިސްގެ އޮފީސްތަކުން ދޭ ހިދުމަތަށް ހިޔާލު ހުށަހެޅޭނެ ނިޒާމެއް ތައާރަފު ކުރަނީ

31 ޑިސެންބަރު 2023 - 18:08 1

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ސަރުކާރުގެ އެންމެ ގިނަ އޮފީސް ހުންނަ ވެލާނާގޭ އިމާރާތް: ހިޔާލު ހުށަހެޅޭނީ ކިއުއާރް ކޯޑެއް ސްކޭންކޮށްގެން -- ފޮޓޯ: އަދަދު ފައިލް


ސިވިލް ސާވިސްގެ އޮފީސްތަކުން ދޭ ހިދުމަތަށް ހިޔާލު ހުށަހެޅޭނެ ނިޒާމެއް ތައާރަފު ކުރަނީ

31 ޑިސެންބަރު 2023 - 18:08 1

ސިވިލް ސާވިސްގެ އޮފީސްތަކުން ފޯރުކޮށްދޭ ހިދުމަތްތަކަށް އާންމުންނަށް ހިޔާލާއި ފާޑުކިޔުން ހުށަހެޅޭނެ ނިޒާމެއް މާދަމާއިން ފެށިގެން ތައާރަފު ކުރުމަށް ނިންމައިފި އެވެ.

ސިވިލް ސާވިސް ކޮމިޝަނުގައި މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ މާދަމާއިން ފެށިގެން ސިވިލް ސާވިސްގެ ހުރިހާ އޮފީހެއްގައި ވެސް ހުންނަ ކިއުއާރް ކޯޑެއް ސްކޭންކޮށްގެން، ފޯރުކޮށްދިން ހިދުމަތާ މެދު ދެކޭ ގޮތް އާންމުންނަށް ހުށަހެޅޭނެ ކަމަށެވެ.

"[މިއީ] ސިވިލް ސާވިސްގެ އިދާރާތަކުން އާންމު ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، އާންމުން ބަލައިގަންނަ ފަދަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ޓަކައި، އިދާރާތަކުން ހިދުމަތް ހޯދާ ފަރާތްތަކުން އިދާރާއިން ފޯރުކޮށްދޭ ހިދުމަތާމެދު ދެކޭ ގޮތް ދެނެގަނެގަތުމަށް ފަރުމާކުރެވިފައިވާ ނިޒާމެއް،" ކޮމިޝަނުން ބުނެފައިވެ އެވެ.

އެ ކޮމިޝަނުން ބުނީ ކޮންމެ އޮފީހެއްގައި ވެސް ފަސޭހައިން ފެންނާނެ ގޮތަކަށް ކިއުއާރް ކޯޑު ހުންނާނެ ކަމަށެވެ. އަދި ސިވިލް ސާވިސްގެ އޮފީހަކުން ބާއްވާ އިވެންޓުތަކުގައި ވެސް އެ ކޯޑު ހުންނާނެ ކަމަށް ކޮމިޝަނުން ބުނެ އެވެ.

އޭގެ އިތުރުން، ކޮންމެ އޮފީހެއްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ވެސް ކިއުއާރް ކޯޑު ފެންނާނެ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

"ވުމާއެކު، އިދާރާތަކުން ހިދުމަތް ހޯއްދަވާ ފަރާތްތަކުން މި ކިއުއާރް ކޯޑް ސްކޭން ކުރެއްވުމަށް ފަހު، ލިބިފައިވާ ހިދުމަތާ ގުޅިގެން ހިޔާލު ހުށަހެޅުއްވުމަކީ މި ކޮމިޝަނުގެ ވަރަށް ބޮޑު އެދުމެއް،" އެ ކޮމިޝަނުގެ އިއުލާނުގައިވެ އެވެ.

ކޮމިޝަނުން ބުނީ، އާންމުން ދޭ ހިޔާލުތަކުގެ މައްޗަށް ބިނާކޮށް ފޯރުކޮށްދޭ ހިދުމަތް އިތުރަށް ތަރައްގީ ކުރަން އެ ކޮމިޝަނުން މަސައްކަތް ކުރާނެ ކަމަށެވެ.

"މި ކަމުގައި، އިދާރާތަކުން ހިދުމަތް ހޯއްދަވާ ފަރާތްތަކުން ދެއްވާ ބިނާކުރަނިވި ހިޔާލުތަކުގެ ބޭނުންކޮށްގެން ސިވިލް ސާވިސްގެ އިދާރާތަކުން އާންމު ރައްޔިތުންނަށް ދެވޭ ހިދުމަތްތައް އިތުރަށް އަވަސްކޮށް ތަރައްގީ ކުރުމަށް މަސައްކަތް ކުރެވޭނެ ވާހަކަ ވެސް ދަންނަވަން،" އެ ކޮމިޝަނުން ބުނެފައިވެ އެވެ.