Advertisement

ޓެން ހާގްއާ އެކު ޔުނައިޓެޑަށް ދަށް ރެކޯޑްތަކެއް

31 ޑިސެންބަރު 2023 - 12:17 0


ޓެން ހާގްއާ އެކު ޔުނައިޓެޑަށް ދަށް ރެކޯޑްތަކެއް

31 ޑިސެންބަރު 2023 - 12:17 0

މެންޗެސްޓާ (ޑިސެމްބަރު 31) - އެރިކް ޓެން ހާގްގެ ކޯޗުކަމުގައި މިދިޔަ ސީޒަނުން ފެށިގެން ކުޅެމުން އަންނަ މެންޗެސްޓާ ޔުނައިޓެޑަށް މި ސީޒަނުގައި އާދަޔާހިލާފަށް ދަށް ރެކޯޑްތަކަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޔުނައިޓެޑުން ކުޅުނު މެޗުގައި ނޮޓިންހަމް ފޮރެސްޓް ދަނޑުގައި ވަނީ 2-1 އިން ބަލިވެފަ އެވެ. މިއީ، 29 އަހަރު ތެރޭ ފޮރެސްޓުން ޔުނައިޓެޑް ބަލިކުރި ފުރަތަމަ ފަހަރެވެ.

ނިކޮލަސް ޑޮމިންގޭޒްގެ ގޯލުން ފޮރެސްޓުން ލީޑުނަގާފައިވަނިކޮށް، މާކަސް ރަޝްފޯޑް ޔުނައިޓެޑަށް އެއްވަރުކޮށްދިނެވެ. ފޮރެސްޓް މޮޅުކޮށްދިން ގޯލު ޖެހީ މޯގަން ގިބްސް-ވައިޓް އެވެ.

އަނެއްކޮޅުން، ރޭގެ މެޗަކީ މި މަސް ތެރޭގައި ޔުނައިޓެޑް ބަލިވި ފަސް ވަނަ މެޗެވެ. އެންމެ ފަހުން ޑިސެމްބަރު މަހެއްގައި ޔުނައިޓެޑް ފަސް މެޗުން ބަލިވީ 1933 ވަނަ އަހަރު އެވެ.

ޔުނައިޓެޑް، މި ވަގުތު ލީގުގެ ހަތް ވަނައިގައި އޮތީ 20 މެޗުން 31 ޕޮއިންޓް ހޯދައިގެންނެވެ.

މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ފުލަށް ގޮސް، ޔޫރަޕްގެ މުބާރާތްތަކުން ޔުނައިޓެޑް ވަނީ ކަޓައިފަ އެވެ. އަދި ލީގު ކަޕުން ވެސް އެ ޓީމަށް ކުރިއަށް ނުދެވުނުއިރު، ސީޒަނުގެ މިހާތަނަށް ޔުނައިޓެޑް ވަނީ 14 މެޗަކުން ބަލިވެފަ އެވެ. މިއީ، 1931 ވަނަ އަހަރަށް ފަހު، ޔުނައިޓެޑުން މި އަދަދަށް ސީޒަނެއްގެ މިހާތަނަށް ބަލިވި ފުރަތަމަ ފަހަރެވެ.

ޕްރިމިއާ ލީގު ސީޒަނެއްގެ ފުރަތަމަ 20 މެޗަށް ފަހު ޔުނައިޓެޑަށް އެންމެ މަދުން ޕޮއިންޓް ލިބުނީ އަދި އެންމެ މަދުން ގޯލު ޖެހުނީ އަދި އެންމެ މަދު މެޗުން މޮޅުވެވުނީ މި ފަހަރު އެވެ. ކަލަންޑަރު އަހަރަށް ބަލާނަމަ ލީގުގައި ޔުނައިޓެޑް ވަނީ 2023 ވަަނަ އަހަރު 21 މެޗުން ބަލިވެފަ އެވެ. މިއީ، 1972 ވަނަ އަހަރަށް ފަހު، ޔުނައިޓެޑުން މި އަދަދަށް ކަލަންޑަރު އަހަރެއްގައި ލީގު މެޗުތަކުން ބަލިވި ފުރަތަމަ ފަހަރެެވެ.

މިއީ، 1989-1990 ވަނަ ސީޒަނަށް ފަހު ލީގުގައި ފުރަތަމަ 20 މެޗުގެ ތެރެއިން ނުވަ މެޗުން ޔުނައިޓެޑް ބަލިވި ފުރަތަމަ ފަހަރެވެ. ޔުނައިޓެޑްގެ ކޯޗުކަމާ ޓެން ހާގް ހަވާލުވި ފުރަތަމަ ސީޒަނުގައި ލީގުގައި ޖުމްލަ އެއްކޮށް ވެސް ބަލިވީ ނުވަ މެޗުންނެވެ.

މި ސީޒަނުގެ ހުރިހާ މުބާރާތަކުން ޔުނައިޓެޑަށް މޮޅުވެވުނު މެޗުގެ އަދަދަށް ވުރެން ބަލިވި މެޗުގެ ނަމްބަރު ގިނަ އެވެ. އަނެއްކޮޅުން، މި ސީޒަނުގައި ޖެހިޖެހިގެން ޔުނައިޓެޑަށް އެންމެ ގިނައިން ވެސް މޮޅުވެވުނީ ތިން މެޗުންނެވެ. ޖެހިޖެހިގެން ދެ މެޗުން މޮޅުވެފައިވަނީ އެންމެ ދެ ފަހަރު އެވެ.

ޔުނައިޓެޑްގެ މި ދަށް ފޯމާ ބެހޭގޮތުން، ޓެން ހާގް، ރޭގެ މެޗަށް ފަހު ވެސް ދިން ޖަވާބަކީ، އެ ޓީމަށް ދިމާވާ އަނިޔާގެ މައްސަަލަތަކުގެ ސަބަބުން ކުޅުންތެރިންގެ ފޯމު ގެއްލި، އޭގެ އަސަރު މުޅި ޓީމަށް ކުރާ ކަމެެވެ.

އެކަމަކު، ޔުނައިޓެޑްގެ ނަތީޖާތައް ރަނގަޅުނުވާނަމަ ޓެން ހާގްގެ ވަޒީފާ ސަލާމަތްކުރެވޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް ރިޕޯޓްތައް ބުނެ އެވެ.