Advertisement

ވެންގާ އެންމެ މާޔޫސްވީ އާސެނަލަށް ރޮނާލްޑޯ ނުގަނެވުމުން

30 ޑިސެންބަރު 2023 - 15:21 0


ވެންގާ އެންމެ މާޔޫސްވީ އާސެނަލަށް ރޮނާލްޑޯ ނުގަނެވުމުން

30 ޑިސެންބަރު 2023 - 15:21 0

ޕެރިސް (ޑިސެމްބަރު 30) - ކޯޗިން ކެރިއަރުގައި ކުޅުންތެރިއަކު ގަންނަން ފުރުސަތު އޮވެމެ، އެކަން ނުކުރެވުމުން އެންމެ މާޔޫސްވީ އާސެނަލަށް ކްރިސްޓިއާނޯ ރޮނާލްޑޯ ގަންނަން ލިބުނު ފުރުސަތުގެ ބޭނުން ނުކުރެވުމުން ކަމަށް އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

ފީފާގެ ގްލޯބަލް ފުޓްބޯލް ޑިވެލޮޕްމަންޓްގެ އިސް ވެރިއެއްގެ ޒިންމާއާ ހަވާލުވެހުރި ވެންގާ، ގިނަ ބަޔެއްގެ އިހުތިރާމާއި ލޯބި އަދި ސަމާލުކަން ހޯދާފައިވަނީ އާސެނަލްގެ ކޯޗެއްގެ ގޮތުގައި ހޭދަކުރި 22 އަހަރު އެވެ.

އެ ގޮތުން، އެކި ފޯރަމްތަކުގައި ވެންގާއާ އެންމެ ގިނަ ސުވާލުތައް އަމާޒުވަނީ އާސެނަލްގައި ހޭދަކުރި އަހަރުތަކާ ގުޅުވައިގެންނެވެ. ވެންގާ ވަނީ އާސެނަލަށް ކޯޗުކޮށްދިންއިރު، ވަރަށް ގިނަ ކުޅުންތެރިން ގެންނަން މަސައްކަތް ކޮށްފަ އެވެ. އޭގެ ތެރޭގައި އާސެނަލް ނޫން އެހެން ކްލަބްތަކުގައި ވިދާލައި، އެތައް ކާމިޔާބީއެއް ހޯދި ކުޅުންތެރިން ވެސް ހިމެނެ އެވެ.

އާސެނަލްގެ އަހަރުތަކުގައި ޓްރާންސްފާތަކުގެ ވާހަކަ އަށް ބަލާއިރު، ވެންގާ އަށް އެންމެ ހިތްދަތި ކަމަކަށް ދިމާވީ ސްޕޯޓިން ލިޒްބަންގައި ހުއްޓައި، ރޮނާލްޑޯގެ ސޮއި ނުހޯދެވުމުންނެވެ.

"އެންމެ މާޔޫސްވީ ރޮނާލްޑޯ ނުލިބިގެން. އެއީ އަހަންނަށް އެނގޭ ކުރިން އުޅުނުނަމަ އެކަން ކުރެވުނީސްކަން. އަހަރެމެން އަތުގައި ވެސް އޮތް އެއްބަސްވުމެއް. އެކަމަކު، ޑީލެއްގެ ސިފައިގައި ހުރިހާ ކަމެއް ހަމަޖެހިގެންދިޔައީ ޔުނައިޓެޑަށް. އެއީ ފަހެއް ނޫނީ ހަ ވަރަކަށް ދުވަސް އަހަރެމެން ލަސްވެގެން ދިމާވި ކަމެއް،" ވެންގާ ބުންޏެވެ.

ރޮނާލްޑޯ ވަނީ 2003 ވަނަ އަހަރު، އާސެނަލްގެ އެންމެ ވާދަވެރި ޓީމު، މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުުވުމަށް ފަހު އާދަޔާހިލާފު ކެރިއަރެއް ފަށައިފަ އެވެ.

އެ ގޮތުން، ޔުނައިޓެޑަށް ކުޅުމަށް ފަހު، ރޮނާލްޑޯ ފަހުން ވަނީ ރެއާލް މެޑްރިޑާއި ޔުވެންޓަސް އަށް ކުޅުމަށް ފަހު އަލުން ޔުނައިޓެޑަށް ބަދަލުވެފަ އެވެ. އޭނާ މިހާރު ކުޅެމުން އަންނަ ސައުދީ އަރަބިއްޔާގެ އަލް-ނަސްރަށް ބަދަލުވީ މި އަހަރުގެ ޖެނުއަރީ މަހުުގަ އެވެ. އެ ޓީމުގައި ވެސް ރޮނާލްޑޯ އަންނަނީ ތަފާތު ދައްކަމުންނެވެ.

ފީފާގެ އިވެންޓެއްގެ ތެރެއިން ވެންގާ ވާހަކަ ދައްކަނީ: ވެންގާ އަންނަނީ ފީފާގެ މަގާމާ ހަވާލުވުމަށް ފަހު ފުޓްބޯޅައިގެ އެކި ޕްރޮޖެކްޓްތަކެއްގައި މަސައްކަތް ކުރަމުން.--- ފޮޓޯ: އޭއެފްޕީ


ވެންގާ ބުނީ އާސެނަލްގައި ކެރިއަރުގެ އެންމެ ފަހު ދުވަސްވަރު، ފްރާންސްގެ މިޑްފީލްޑަރު، އެންގޯލޯ ކާންޓޭ ގަންނަން ލިބުނު ފުރުސަތު ގެއްލުމަކީ ވެސް މާޔޫސްކަމެއް ކަމަށެވެ.

އެ ގޮތުން، ފްރާންސްގެ ކާއެންގައި ކާންޓޭ ހުއްޓައި، އޭނާ ގަންނަން އާސެނަލަށް ފުރުސަތު ލިބުނެވެ.

"އަހަރެންގެ ވަރަށް ގާތް އެކުވެރިއެއް ގުޅާފައި ބުނީ، އެބަހުއްޓޭ ކުޅުންތެރިއެއް، (ކާންޓޭ) ފްރާންސްގެ އެއްވެސް މީހެއް (ކްލަބަކުން) ބޭނުންނުވެއޭ، މިއީ ވަރަށް މޮޅު ވާނެ ކުޅުންތެރިއެކޭ. އެކަމަކު، އާސެނަލް ބޯޑުން އޭނަ (ކާންޓޭ) ގެންނަން ސަޕޯޓެއް ނުލިބުނު، ދެން، އަހަންނަށް ވެސް މަސައްކަތް ނުކުރެވުނީ،" ކާންޓޭ، ނުލިބުނު ސަބަބު ކިޔައިދެމުން ވެންގާ ބުންޏެވެ.

ކާންޓޭ ވަނީ ފަހުން ލެސްޓާ ސިޓީ އަށް ބަދަލުވުމަށް ފަހު، އެ ޓީމާ އެކު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށްފަ އެވެ. އަދި ފަހުން ޗެލްސީ އަށް ބަދަލުވުމަށް ފަހު، ޕްރިމިއާ ލީގުގެ އިތުރުން ކްލަބް ކެރިއަރުގައި ހޯދޭނެ ހުރިހާ ބޮޑެތި ކާމިޔާބެއް ހާސިލްކުރި އެވެ. މި ސީޒަނުގައި ކާންޓޭ ވަނީ ޗެލްސީ ދޫކޮށް، ސައުދީ އަރަބިއްޔާގެ ޕްރޯ ލީގުގެ އަލް އިއްތިހާދަށް ބަދަލުވެފަ އެވެ.