Advertisement

އަހަރު 2023: އެންމެ މަގުބޫލު ޝަހުސިއްޔަތާއި ވިދާލި މޫނުތައް

2 ޖަނަވަރީ 2024 - 09:49 11

ނިމާ ހަސަން

ނިމާ ހަސަން


އަހަރު 2023: އެންމެ މަގުބޫލު ޝަހުސިއްޔަތާއި ވިދާލި މޫނުތައް

2 ޖަނަވަރީ 2024 - 09:49 11

ނިމިގެންދިޔަ 2023 ވަނަ އަހަރަކީ ގިނަ ބަޔަކު އިންތިޒާރުކޮށްގެން ތިބި, ކޮންމެ ފަސް އަހަރަކުން އެއް ފަހަރު އަންނަ ސިޔާސީ އެންމެ ބޮޑު ހަރަކާތް އޮތް އަހަރެވެ. ރިޔާސީ އިންތިހާބާ އެކު މުޅި އަހަރު އެއްކޮށް ފުރިފައި އޮތީ ސިޔާސީ ކުލަތަކާއި މޫނުތަކުންނެވެ.

މި އަހަރު ތެރޭގައި އެންމެ ބޮޑު ސަމާލު ކަމެއް ދެވުނީ ރާއްޖޭގެ ސިޔާސީ މަސްރަހުގެ އެންމެ އުހުގައި މިވަގުތު ތިބި ހަތަރު ބޭފުޅުންނަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރައްވަނީ -- ފޮޓޯ: އިޔާން/ އަދަދު


މި އަހަރުގެ އެންމެ މަގުބޫލު ޝަހުސިއްޔަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. އަހަރު ފެށުނު އިރު ވެރިކަން ކުރާ މާލެ ސިޓީގެ މޭޔަރު ކަމުގައި ހުންނެވުމަށް ފަހު "ކުއްލިއަކަށް" ރިޔާސީ ރޭހަށް ނުކުމެވަޑައިގެން ހޯއްދެވި ކާމިޔާބީ އަކީ އޭގެ ސަބަބެވެ.

މީގެ 12 އަހަރު ކުރިން 2011 ގައި ސިޔާސީ މައިދާނަށް ތައާރަފުވި ރައީސް މުއިއްޒު, އެއް ފިޔަވަޅަށް ފަހު އަނެއް ފިޔަވަޅު ކަޑައްތުކޮށް ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވީ ކުރު މުއްދަތެއްގެ ތެރޭގަ އެވެ. އިންތިހާބަށް މަހެއްހާ ދުވަސް އޮއްވާ ކުރިމަތިލާން ނިންމާ, ވަރުގަދަ ކެމްޕޭނެއް ކުރެއްވި އެވެ.

ޖުމުލަ 129،159 ރައްޔިތުންގެ ވޯޓުން އިންތިހާބު ކާމިޔާބުކޮށް, މިއަދު އެއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެވެ.

ކުރީގެ ރައީސް އަބްދުالله ޔާމީން

ކުރީގެ ރައީސް އަބްދުالله ޔާމީން -- ފޮޓޯ: އިޔާން/ އަދަދު


ކޮރަޕްޝަންގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން ވެސް މިއަހަރު ތެރޭގައި މަގުބޫލުކަން ހޯއްދެވީ ރިޔާސީ އިންތިހާބުންނެވެ. ޖަލުގައި ހުންނަވައި އިންތިހާބަށް ކުރިމަތިލައްވަން ފޯމު ހުށަހެޅުއްވި އެވެ. ކެންޑިޑެސީ ބަލައިނުގަތުމުން މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިއުމަށްފަހު ގޮވާލެއްވީ އިންތިހާބު ބޮއިކޮޓް ކުރުމަށެވެ.

އެއަށްފަހު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒަށް ތާއިދު ކުރެއްވި އެވެ. އިންތިހާބަށްފަހު ގޭ ބަންދަށް ބަދަލުވެވަޑައިގަން ހިސާބުން ޕާޓީގެ އެތެރޭގެ ކޯޅުންތައް ބޮޑުވެގެން ދިޔަ އެވެ. އަދި އަމިއްލަފުޅަށް ޕީޕީއެމުން ވަކިވެވަޑައިގެންނެވީ ތާއިދުކުރެއްވި ޑރ. މުއިއްޒުގެ ވެރިކަމަށް އެންމެ ހަތަރު ދުވަހުންނެވެ.

ޕީޕީއެމުން ވަކިވެވަޑައިގެން މިހާރު ޔާމީން ވަނީ ޕީއެންއެފްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވާފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: އިޔާން/ އަދަދު


އަހަރު ފެށިގެން ދިޔައީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގެ ފޯރިންނެވެ. އޭރު ރައީސް ކަމުގައި ހުންނެވި އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރައްވާ, ޕްރައިމަރީން ނާކާމިޔާބުވެ ވަޑައިގެންނެވީ އެވެ.

ނާކާމިޔާބުވެ ވަޑައިގެންނެވުމުން ވެސް ޕްރައިމަރީ ކެމްޕޭނުގައި ގެންގުޅުއްވި ސްލޯގަން, "ފިކުރެއްގެ ދިރުން" ނަމުގައި އެމްޑީޕީ އެތެރޭގައި ހަރަކާތެއް ފައްޓަވާ ކުރިއަށް ގެންދެވި އެވެ. އެއަށްފަހު އެ ހަރަކާތުގެ ބައިވެރިން އެމްޑީޕީން ވަކިވެ, ނަޝީދު އިސްވެ ހުންނަވާ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި އާ ޕާޓީއެއް އުފެއްދި އެވެ.

މީގެ ހަތަރު އަހަރު ކުރިން 2019 އިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި ނަޝީދު, އެ މަގާމުން އިސްތިއުފާ ދެއްވީ, އިތުބާރު ނެތް ކަމުގެ މައްސަލައަކާއެކު މަޖިލިސް ތެރޭގައި ކުރިއަށް ދިޔަ ސިޔާސީ ހައިޖާނެއްގެ ތެރެއިންނެވެ.

އަހަރު ނިމިގެން މިދަނީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެންމެ މަގުބޫލު އެއް ތަރި, މުހައްމަދު ނަޝީދު ސިޔާސީ ދާއިރާއާ ދުރަށް ޖެހިވަޑައިގެން ހުންނެވި މުއްދަތެއްގަ އެވެ.

ކުރީގެ ރައީސް އިބްރާހިމް ސޯލިހު

ކުރީގެ ރައީސް ސޯލިހު -- ފޮޓޯ: ޝާބިން/ އަދަދު


ވެރިކަމުގެ ދައުރު ހަމަވާ އަހަރު ފެށިގެން ދިޔައީ ވެސް ޕާޓީގެ އެތެރޭގެ އިންތިހާބަކުންނެވެ. ރައީސް ނަޝީދާ ވާދަކުރައްވާ, އެމްޑީޕީގެ ރިޔާސީ ޓިކެޓު ކާމިޔާބު ކުރެއްވީ އަހަރުގެ އެންމެ ފުރަތަމަ މަހުގެ ތެރޭގަ އެވެ. އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބަށް ވާދަކުރައްވާ, ތިން މަސް ދުވަހުގެ ބޮޑު ކެމްޕޭނެއް ކުރެއްވި އެވެ.

އެހެން ނަމަވެސް ދެވަނަ ދައުރެއް ކާމިޔާބުވެ ވަޑައިނުގެންނެވި އެވެ. އިންތިހާބުން ނާކާމިޔާބުވެ ވަޑައިގެންނެވުމުން, އިންތިގާލީ މަރުހަލާގައި އިންތިހާބީ ރައީސަށް ފުރިހަމައަށް އެއްބަރުލުން ދެއްވި އެވެ. އަދި އާ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވެސް ވަޑައިގެންނެވި އެވެ.

ހުވާ ކުރުމުގެ ރަސްމިއްޔާތަށްފަހު, ސޯލިހު ސިޔާސީ މައިދާނުން މާ ގިނައަކުން މިހާތަނަށް ނުފެނެ އެވެ.

މަގުބޫލު އެހެން މޫނުތައް

ފުއާދު ތައުފީގް

އީސީގެ ރައީސް ފުއާދު ތައުފީގް -- ފޮޓޯ: އިޔާން/ އަދަދު


މި އަހަރުގެ އެންމެ ބޮޑު އިވެންޓް, ރިޔާސީ އިންތިހާބުގެ ހުރިހާ އިންތިޒާމުތަކެއް ހެން ހަމަޖެއްސުމުގެ ބިޔަ ބޮޑު ޒިންމާ ހަވާލުވެފައި އޮންނަނީ އިލެކްޝަންސް ކޮމިޝަނަށެވެ. ސުލްހަވެރި އިންތިހާބެއް ބާއްވާ ނިންމިއިރު, އެކަމުގެ އެންމެ ބޮޑު ޝުކުރެއް ހައްގުވާ އެއް ފަރާތަކީ އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގެވެ.

އިންތިހާބަށް މަސް ދުވަހަށް ވެފައި ވަނިކޮށް ފުއާދުގެ ދަރިކަލުން ނިޔާވީ, އޭނާއާ މާ ދުރުގައި އިންޑިއާގައި ހުންނަވަނިކޮށެވެ. ނަމަވެސް, ދަރިފުޅުގެ ޖަނާޒާއަށް އިންޑިއާއަށް ފުރާވަޑައިގެންނެވުމުގެ ކުރިން އެ ދުވަހު ވެސް ފުއާދު ނިކުންނެވީ މަސައްކަތަށެވެ.

އޭގެތެރެއިން ރޮމުން, ހިތްވަރު ކުރައްވާ, ހަވާލުވެފައި އޮތް ބޮޑު ޒިންމާ އަދާކުރައްވާ ގައުމަށް ހިދުމަތް ކުރައްވާ މިއަހަރު ފުއާދު ހޯއްދެވީ އިންތިހާބުގެ "ހީރޯ" ގެ ލަގަބެވެ.

މުހައްމަދު އަސްލަމް

މަޖިލީހުގެ ރިޔާސަތުގައި މަޖިލިސް ރައީސް މުހައްމަދު އަސްލަމް -- ފޮޓޯ: މަޖިލިސް


މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ ޕީޖީ ލީޑަރު ކަމުގައި މަޖިލީހުގެ ސިޔާސީ ހައިޖާނުގެ ތެރެއިން ހިތަދޫ އުތުރު ދާއިރާގެ މެންބަރު, އަސްލަމް މިއަހަރު މަގުބޫލުވި އެއް ކަމަކީ ދެވަނަ ދައުރަކަށް ކުރިމަތިލެއްވި ރައީސް ސޯލިހުގެ ރަނިންމޭޓު ކަމަށް ހޮވުމުންނެވެ.

އިންތިހާބުގައި ދެވަނައަށް އެންމެ ތާއިދު ބޮޑު ކެންޑިޑޭޓުގެ ރަނިންމޭޓު ކަމުގައި ހުންނެވުމަށްފަހު ދެން އަސްލަމް ފެނިގެން ދިޔައީ މަޖިލީހުގެ ސިޔާސީ ކުޅިވަރުތަކުގެ ތެރެއިން މަޖިލީހުގެ ރައީސް ކަމަށް އައި ތަނެވެ.

ސިޔާސީ މަސްރަހުގައި އެންމެ މަގުބޫލު އެއް ޝަހްސިއްޔަތު ކަމަށްވާ ރައީސް ނަޝީދު އެ މަގާމުން އިސްތިއުފާ ދެއްވުމާ އެކު, އަސްލަމަކީ މިހާރު ތިން ބާރުގެ ތެރެއިން އެއް ބާރުގެ ވެރިޔާ އެވެ.

ހަސަން ޒަމީލް

ރައީސް ކަމަށް ވާދަ ކުރެއްވި ހަސަން ޒަމީލް -- ފޮޓޯ: އިޔާން/ އަދަދު


ޑިފެންސް މިނިސްޓްރީގެ ނައިބު ކަމުގައި ހުންނެވުމަށްފަހު ވަކިވެ, ރިޔާސީ އިންތިހާބަށް ވާދަކުރެއްވި ހަސަން ޒަމީލަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނީ, އިންތިހާބުގައި ވާދަކުރަން ޒަމީލްގެ ދެމަފިރިން އެއްކޮށް ނިމުމުންނެވެ. ރާއްޖޭގެ ތާރީހުގައި ވެސް ދެމަފިރިން އެކުގައި އިންތިހާބުގައި ވާދަކުރި މިއީ ފުރަތަމަ ފަހަރު ކަމަށްވާތީ އެވެ.

ސިޔާސީ މަސްރަހަށް މުޅިން އާ ދެ މޫނު, އިންތިހާބުގައި ވާދަކުރީ އަމިއްލަ ގޮތުންނެވެ. އެހެން އަމިއްލަ ކެންޑިޑޭޓުންނާ ހިލާފަށް މާބޮޑު ތާއިދެއް ނެތި އިންތިހާބަށް ކުރިމަތިލީ, ސިޔާސީ ގޮތުން ތަޖުރިބާކާރު ބޭބޭފުޅުންނާ އެއް ހަމައެއްގަ އެވެ.

އިންތިހާބުގައި ވާދަކުރުމުގެ އިތުރުން ޒަމީލަށް މަގުބޫލުކަން ލިބުނީ ކެމްޕޭނުގައި, އެކަނިވެރި މައިންގެ އެލަވަންސް ބޮޑުކޮށް ވަޒީފާއަށް ނުދާ މީހުންނަށް އެލަވަންސް ދޭނެ ކަމަށް ވީ ވައުދުންނެވެ. ބޮޑު މަގުބޫލު ކަމާއެކު ވެސް އިންތިހާބު ނިމުނުއިރު ޒަމީލަށް ލިބުނީ 392 ވޯޓެވެ.

ހަމްދާ މުހައްމަދު

ދަ ޑިމޮކްރެޓްސްގެ ހަމްދާ މުހައްމަދު -- ފޮޓޯ: އިޔާން/ އަދަދު


ހަލަބޮލި ސިޔާސީ މަސްރަހުން ނަން ވިދާލި އެންމެ ޒުވާން އަދި އެންމެ އާ އަޑަކީ ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ ހަމްދާގެ އަޑެވެ. ޑިމޮކްރެޓްސް ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ކެމްޕޭން ޖަލްސާއެއްގައި ޕޯޑިއަމަށް އަރާ ދެއްކި ވާހަކަތަކާއެކު ހަމްދާއަށް ސަމާލުކަން ލިބުނީ އެންމެ ރެއަކުންނެވެ.

އަދުގެ ހާލަތުގައި ޒުވާނުން އުޅެން ޖެހިފައިވާ ގޮތާއި މެދު ދެއްކި ވާހަކަތަކަކީ އެތައް ބައެއްގެ ހިތްތަކާ ކުޅެލި ވާހަކަ ކޮޅެކެވެ. ވާހަކަ ދެއްކުމުގެ ހުނަރާއި ހިތްވަރަކީ ވެސް އެ މަގުބޫލު ކަމުގެ މުގުލުގައިވާ ކަންތައްތަކެވެ.

ދުވަސްތަކަކަށްފަހު ޒުވާން އަޑެއް ސިޔާސީ މަސްރަހުގައި ގުގުމާލުމުގެ އިތުރަށް އެ އަޑުގެ ވެރިއަކީ ހިތްވަރުގަދަ އަންހެނަކަށް ވުން ވެސް އެއީ ހަމްދާ ވިދާލި އެއް ސަބަބެވެ.

ފާތިމަތު ދީމާ

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ދީމާ - ފޮޓޯ: އޮލިމްޕިކްސް ކޮމިޓީ


ފާތިމަތު ދީމާ އަލީ އަކީ، 2023 ވަނަ އަހަރަށް ބަލާއިރު ރާއްޖޭގެ އެންމެ ކާމިޔާބު އަންހެން އެތުލީޓެވެ. އޭނާ ވަނީ 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ކާމިޔާބީ، މިދިޔަ އަހަރު، މަޑަގަސްކަރާގައި ބޭއްވި މުބާރާތުގައި ވެސް ތަކުރާރުކޮށްފަ އެވެ. އެ ގޮތުން، ސިންގަލްސް އިން ރަން މެޑަލް ހޯދައި، އަންހެން ޑަބަލްސް އަދި އަންހެން ޓީމު އިވެންޓުން ވެސް ރަން މެޑަލް ހޯދާފައިވެ އެވެ.

ގައުމީ ލެވަލްގައި ވެސް ދީމާ ފެނުނީ ތަފާތު ރޫހެއްގަ އެވެ. އެންމެ ހަގު އުމުރުގައި ގައުމީ އަންހެން ޗެމްޕިއަންކަން ދިފާއުކުރި ޝަރަފް ހޯދި ދީމާ ވަނީ މިދިޔަ، އަހަރު އޭނާގެ އުމުރުފުރާއި ބައިނަލްއަގުވާމީ އެކި ލެވަލްގައި ކުރިއެރުން ހޯދައިފަ އެވެ. ރާއްޖޭގެ ޓީޓީގެ ކުރިމަގު އެންމެ ބޮޑަށް ގުޅިފައިވާ އެއް ކުޅުންތެރިއަކީ ދީމާ އެވެ. އޭނާގެ ކާމިޔާބީގެ ސަބަބުން ރާއްޖޭގެ ކުޅިވަރު ވަނީ ހަރުފަތެއް މައްޗަށް ޖެހިލައިފަ އެވެ.