30 ޑިސެންބަރު 2023 - 11:21 0
ހަސަން ޒަރީރު (ލަގަން)
30 ޑިސެންބަރު 2023 - 11:21 0
މިޔަރުގެ ދަތްތަކަކީ ރޭޒަރު ތިލައެއް ފަދަ ތޫނު ކަމެއްގެ އިތުރުން އަހަރުމެން އަޖައިބު ކުރުވަނިވި އެތައް ކަމެއް ލިބިގެންވާ އެއްޗެކެވެ. މިޔަރުގެ ދަތްތަކަކީ އަބަދުވެސް ބަދަލުވާ އެއްޗަކަށް ވާއިރުވެސް ބައެއް މިޔަރުގެ އަނގައިގައި އެއްވަގުތެއްގައި ވެސް 3,000 ދަތް ހުރެއެވެ.
މިސޮރުމެންގެ އަނގައިން ދަތެއް ވެއްޓުނަސް ނުވަތަ ދަތަށް ގެއްލުމެއް ލިބުނަސް އެތަނަކަށް ޖެހިގެން ހުރި ދަތްޕިލާއިން ދަތެއް ބަދަލުވެ އެވެ. އަދި އެކި ދިމަދިމާއަށް ދަތްތައް އަނބުރާލުމުގެ ކުޅަދާނަކަން ވެސް ލިބިގެން ވެއެވެ.
މިޔަރުގެ ދަތަކީވެސް އަޖައިބެއްފަދަ އެތައްކަމެއް އެކުލެވިގެންވާ އެއްޗެއް
މިޔަރުގެ ހުޅުނބާއި ދަތް އުފެދިފައިވަނީ އެއްގޮތަކަށެވެ. ދަތުގެ ބޭރު ފަށަލައިގައި ވަނީ އޮފު ފަށަލަ އެވެ. އޭގެ އެތެރޭގައި ވަނީ ހަރު ބަޔާއި މަދު ފަށަލައެވެ. މިޔަރުގެ ދަތަކީ ވަރަށް ހަރު އެއްޗެކެވެ. މިޔަރުގެ ހުރިހާ ބައިތަކެއް ފަނާ ވެގެން ދާއިރުވެސް ފަނާ ނުވެ ހުންނަ އެއްޗަކީ ދަތެވެ. ދަތްތައް އުފެދިފައިވާ މައުދަނަށް ބަލާއިރު އަހަރުމެންގެ ދަތާ އެ ސޮރުމެންގެ ދަތުގައި ތަފާތެއް ނެތެވެ.
ގިނަ މިޔަރުގެ ދަތްތައް އުފެދިފައި ވަނީ އޭގެ ކާނާ ސިކާރަކުރުމުގައި، ދަތްއަޅާ ވީދައިގެން ނަގާ ބޮޑެތި ތަންގަނޑުގަނޑު ނެގޭ ގޮތަށެވެ. ކާނާ ކުދިކޮށްގެން ހަފާ ގޮތަކަށް ނޫނެވެ. މިޔަރަކީ ހަފައި ކުދިކޮށްގެން ކާއެއްޗެއް ނޫނެވެ. ނަމަވެސް އަޑީ ބަތާނުގައި އުޅޭ ބައެއް މިޔަރުގެ ދަތްތައް ހުންނަނީ ބޮއްޔާއި ގާހަކަ ފަދަ ތަކެތި ފުނޑުފުނޑު ކޮށްލެވޭ ގޮތަށެވެ. އެކަމަކު އަހަރުމެން ހަފައިގެން ކާފަދައިން އެސޮރުމެން ކާނާ ހަފައެއް ނޫޅެ އެވެ.
މިޔަރުގެ ތެރެއިން ގިނަ މިޔަރަކީ ކުޅަދާނަކަމާއި ހުޝިޔާރުކަމާއެކު ޝިކާރަ ކޮށްގެން ކައިއުޅޭ އެއްޗެކެވެ. މި ގޮތުން ރަސް މިޔަރާއި ވޮށިމަސް މިޔަރާއި ފެމުނު މިޔަރާއ އަދި ކާލިގަނޑު މިޔަރު ޝިކާރަ ކުރުމުގައި އާދަޔާހިލާފު ކުޅަދާނަ ކަމެއް ލިބިފައިވެ އެވެ. މި މިޔަރުތައް އާންމުކޮށް ޝިކާރަކޮށް އުޅެނީ މަހާއި ބޯވަދިލަމަހާއި އެހެން ވައްތަރުތަކުގެ މިޔަރާއި އަދި މައްމަލި ޖަނަވާރުތަކެވެ.
ޒެބުރާ މިޔަރާއި މަޑި މިޔަރާއި އަދި ކާޕެޓް މިޔަރަކީ މާބޮޑު ހަރަކާތްތެރިކަމެއް ނެތް މަޑުމައިތިރި މިޔަރުތަކެވެ. މިބާވަތުގެ މިޔަރު ކައި އުޅެނީ ބޮއްޔާއި ކަކުންޏާއި ކަނޑު ބުރަފައްޗާއި ގާހަކަ ފަދަ އަޑީ ބަތާނުން ލިބެން ހުންނަ ކާނާއެވެ.
މިޔަރުގެ ދަތްތަކެއް
މިޔަރުތަކުގެ ތެރެއިން އެންމެ ބިޔަ މިޔަރުތައް ކަމުގައިވާ ފެހުރެއްސާއި އެންބޯ (ބާސްކިންގް) މިޔަރަކީ ޝިކާރަ ކުރުމުގައި ތަފާތު މިޔަރު ތަކެކެވެ. މި ސޮރުމެން ޝިކާރަކޮށް ކައިއުޅެނީ އަނގަ ހުޅުވައިގެން ދުވާއިރު، އަނގައަށް ވަންނަ ފެން ކަރުގަނޑު ތެރެއިން ފުރާނައިގެން އޭގެތެރޭގައިވާ ކުދި މަސްމަހާމެއްސާއި ޕްލެންކްޓަނާއި ފަނިފަކުސާތަކެވެ.
Comment