Advertisement

މިނިވަން ކަމާއި ހައްގު ބޭނުން ކުރުމުގައި އެހެން މީހުންގެ ހައްގު ތަކަށް ވެސް ބަލަން ޖެހޭނެ: ރައީސް

29 ޑިސެންބަރު 2023 - 17:58 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ދިވެހިރާއްޖޭގެ އަޑުގެ ބާއްޖަވެރި ހެނދުނެއް ޕްރޮގްރާމުގައި ރައީސް މުއިއްޒާއި އަނބިކަނބަލުން ސާޖިދާ. -- ފޮޓޯ: ރައީސް އޮފީސް


މިނިވަން ކަމާއި ހައްގު ބޭނުން ކުރުމުގައި އެހެން މީހުންގެ ހައްގު ތަކަށް ވެސް ބަލަން ޖެހޭނެ: ރައީސް

29 ޑިސެންބަރު 2023 - 17:58 0

ހިޔާލުފާޅުކުރުމުގެ މިނިވަންކަން ގާނޫނުއަސާސީގައި ބަޔާންކުރާ އެންމެ ފުޅާމިނުގައި އޮންނާނެ ކަމަށާއި ނަމަވެސް މިނިވަން ކަމާއި ހައްގު ބޭނުން ކުރުމުގައި، އެހެން މީހުންގެ ހައްގު އެކުލަވޭކަން ގަބޫލުކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ އަޑުގެ 61 ވަނަ އަހަރީ ދުވަހުގެ "ބާއްޖަވެރި ހެނދުނެއް" ޕްރޮގްރާމުގައި ރައީސް މުއިއްޒު ވިދާޅުވީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން މި ސަރުކާރުގައި ފަހިވެގެންދާނެ ކަމަށެވެ. ނަމަވެސް ކޮންމެ ހައްގަކާ އެއްކޮށް ޒިންމާއެއް އޮތްކަން ރައީސް މުއިއްޒު ހަނދާން ކޮށްދެއްވި އެވެ.

"ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އެބައޮތް. މިސާލަކަށް ކޮންމެ މީހަކަށް ވެސް އެ މީހަކު ބުނަން ބޭނުން އެއްޗެއް ދީނާ ހިލާފު ނުވަންޏާ ބުނެވޭނެ. އެކަމަކު އެ ބުނާ އެއްޗެއް އަނެއް މީހާގެ ހައްގަށް ކިހާވަރަކަށްތޯ މި އަރައިގަންނަނީ ވިސްނަން ވާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެމަނިކުފާނު މިހެން ވިދާޅުވިއިރު، ސަރުކާރަށް ފާޑުކިޔައި ލިޔުންތައް ޝާއިއުކުރަމުން ދިޔަ ދެ ވެބްސައިޓަކާއި ރަޖިސްޓްރީކޮށްގެން ހިންގާ އޮންލައިން ނޫހެއް މިދިޔަ ހަފުތާގައި ބަންދުކުރި އެވެ.

ނަމަވެސް ސަރުކާރަށް އަމާޒުވި ފާޑުކިޔުންތަކުގެ ސަބަބުން ބްލޮކުކުރި ވެބްސައިޓުތައް ވަނީ ދޫކޮށްލައިފަ އެވެ. މިހާރު އެ ވަބްސައިޓުތަކަށް ވަދެވެ އެވެ. ނަމަވެސް އެ ވެބްސައިޓުތައް ބަންދުކުރި ސަބަބެއް އަދިވެސް ހާމައެއް ނުކުރެ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ މީޑިއާއަކީ އެންމެ މުހިއްމު އެއް ދާއިރާ ކަމަށާއި މޭޔަރު ކަމުގައި ވެސް، މިހާރު ވެސް މަސައްކަތް ކުރައްވަނީ މީޑިއާއާއެކުގައި ކަމަށެވެ.

"އެއްވެސް ކަމެއްގައި ފޮރުވުމެއް ނޯންނާނެ. ރައްޔިތުން، މީޑިއާތަކުން ބޭނުންވާ ހުރިހާ މައުލޫމާތެއް ލިބިގެންދާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ހުޅުމާލޭގައި މީޑިއާ ވިލެޖެއް އެޅުމަށް މަސައްކަތް ކުރާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ގާނޫނު އަސާސީގެ ދެ ވަނަ ބާބުގައި ބަޔާންކޮށްފައިވާ އެންމެހައި ހައްގުތަކާއި މިނިވަންކަން އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާނޭ ގޮތުގެމަތީން ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށް ގާނޫނުއަސާސީގައި ބަޔާންކުރެ އެވެ. އެއިން އެއްވެސް ހައްގެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ ގާނޫނުއަސާސީއާ ތައާރުޒްނުވާ ގޮތެއްގެމަތީން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުންނެވެ.