Advertisement

އެފްޑީސީގެ ފުލެޓުތަކުގެ 11 ޓަވަރެއްގެ ކޮންކްރީޓް މަސައްކަތްތައް ނިންމާ ފިނިޝިން ފަށައިފި

28 ޑިސެންބަރު 2023 - 19:37 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ފަހި ދިރިއުޅުން ފުލެޓުތައް : ފަހި ދިރިއުޅުން ފުލެޓުތަކުގެ 11 ޓަވަރެއްގެ ކޮންކްރީޓް މަސައްކަތްތައް ނިންމާ ފިނިޝިން ފަށައިފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


އެފްޑީސީގެ ފުލެޓުތަކުގެ 11 ޓަވަރެއްގެ ކޮންކްރީޓް މަސައްކަތްތައް ނިންމާ ފިނިޝިން ފަށައިފި

28 ޑިސެންބަރު 2023 - 19:37 0

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކުރާ ފުލެޓުތައް ހުންނަ 32 ޓަވަރުގެ ތެރެއިން 11 ޓަވަރެއްގެ ކޮންކްރީޓް މަސައްކަތްތައް ނިންމާ، ފުލެޓުތަކުގެ ފިނިޝިންގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެގޮތުން ކޮންކްރީޓު މަސައްކަތްތައް ނިންމާފައިވަނީ ކޭޕީއައިއެލްއިން ތަރައްގީކުރަމުންދާ ނުވަ ޓަވަރާއި އެންބީސީސީއިން ތަރައްގީކުރަމުންދާ ދެ ޓަވަރެކެވެ.

އެފްޑީސީއިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން އެންމެ ފަހުން ލިބުނު ކާމިޔާބީއަކީ އަމާން ދޯދި ޓަވަރު އެކެއްގެ ކޮންކްރީޓް މަސައްކަތް މިދިޔަ ހަފްތާގެ ހޯމަދުވަހުގެ ނިޔަލަށް ނިންމުން ކަމަށެވެ.

އެފްޑީސީގެ "އަމާން ދޯދި" އަކީ ކުރީ ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުން އަންނަ 32 ޓަވަރުގެ ތެރެއިން، އެންބީސީސީން އިމާރާތްކުރަމުންދާ ޓަވަރުތަކެވެ. އެ ޓަވަރުތަކަކީ 17 އަދި 18 ބުރީގެ ޓަވަރުތަކެކެވެ.

"މި ކާމިޔާބީގެ އަސްލަކީ މި ކޯޕަރޭޝަނުން މަޝްރޫއު ގަޑިއަށް ނިންމުމަށްދޭ އަހައްމިއްޔަތާއި، ފެންވަރު ރަނގަޅު ފްލެޓްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ އަޒުމްކަމަށް މި ކޯޕަރޭޝަނުން ޤަބޫލުކުރަން،" އެފްޑީސީއިން ބުނެފައިވެ އެވެ.

އޭގެ އިތުރުން މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އަމާން އުދަރެސް ފުލެޓުތަކުގެ ޓަވަރު 11، 12 އަދި 13 ގެ ފިނިޝިން މިހާރު އުޅޭނީ 80 އިންސައްތައިގަ ކަމަށާއި ނުނިމި ހުރީ ލިފްޓު ހަރުކުރުމުގެ މަސައްކަތް ކަމަށް ވެސް އެ ކުންފުނިން ދިން އަދާހަމައިގައިވެ އެވެ.

އެފްޑީސީން އަންނަނީ ހުޅުމާލޭގައި 4000 ހައުސިން ޔުނިޓު ތަރައްގީ ކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 ޔުނިޓާއި ތިން ކޮޓަރީގެ 2،800 ޔުނިޓެވެ. އެންބީސީސީން އަޅަނީ އޭގެ ތެރެއިން 2000 ހައުސިން ޔުނިޓެވެ. ބާކީ ހުރި ޓަވަރުތައް އަޅަނީ އިންޑިއާގެ ޖޭއެމްސީ (މިހާރު ކަލަޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް ނުވަތަ ކޭޕީއައިއެލް) އިންނެވެ.