Advertisement

އެފްޑީސީގެ ނަމުގައި ފޮނުވަނީ ސައްހަ ނޫން މެސެޖުތަކެއް

28 ޑިސެންބަރު 2023 - 11:05 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު، ހަމްދާން ޝަކީލް --- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


އެފްޑީސީގެ ނަމުގައި ފޮނުވަނީ ސައްހަ ނޫން މެސެޖުތަކެއް

28 ޑިސެންބަރު 2023 - 11:05 0

ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އިއުލާނު ކުރި ފްލެޓުތަކުގެ ތެރެއިން ފުރަތަމަ ފްލެޓު ލިބޭ 4000 މީހުންނަށް ކަމަށް ބުނެ އެފްޑީސީގެ ނަމުގައި ފޮނުވަމުން ދަނީ ސައްހަ ނޫން މެސެޖުތަކެއް ކަމަށް އެ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.

އެކްސްގައި އެފްޑީސީން ކުރި ޕޯސްޓެއްގައި ބުނީ އެ ކޯޕަރޭޝަންގެ ނަމުގައި ބައެއް ކަހަލަ ލިޔުންތަކެއް ހިމެނޭ ގޮތަށް އާންމުންނަށް މެސެޖުތަކެއް ލިބެމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ ކަމަށް ރައްޔިތުން ސަމާލުވުމަށް އެދޭ ކަމަށެވެ.

"މި ކޯޕަރޭޝަނުގެ ފަރާތުން އެއްވެސް މެސެޖެއް ފޮނުވާފައި ނުވާނެ ވާހަކަ ދަންނަވަން،" އެފްޑީސީގެ ޕޯސްޓުގައި ބުނެފައިވެ އެވެ.

އެނގިފައި ވާގޮތުގައި އެފްޑީސީގެ ނަމުގައި އާންމުންނަށް މެސެޖުތަކެއް ފޮނުވަމުން ދަނީ ވައިބާ ކޮމިއުނިޓީއަކަށް ވަދެވޭ ލިންކަކުންނެވެ. އިއްޔެއިން ފެށިގެން ފޮނުވަމުން ދާ އެ މެސެޖުގައި ބުނެފައި ވަނީ އެ މެސެޖު ލިބޭ މީހުންނަކީ އެންމެ ފުރަތަމަ ފްލެޓު ލިބޭ 4000 މީހުން ކަމަށެވެ.

ނަމަވެސް, ކުރީ ސަރުކާރުން އިއުލާނު ކުރި ފްލެޓު ލިސްޓާ މެދު މި ސަރުކާރުން އަދި ވަކި ގޮތެއް ނިންމައިފައެއް ނުވެ އެވެ. އެސީސީން ވެސް އެ މައްސަލަ ބަލަމުންދާއިރު. ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އޮޅުވާލައިގެން ފްލެޓު ހޯދި މީހުންނަށް ފިޔަވައި ދެންތިބި ހުރިހާ އެންމެންނަށް ވެސް ފްލެޓު ލިބޭނެ ކަމަށެވެ.

މި ސަރުކާރުގެ ހައުސިން މިނިސްޓަރީން ބުނެފައި ވަނީ އެ ލިސްޓާ މެދު ވަކި ގޮތެއް ނިންމާނީ އޭސީސީން އެ މައްސަލަ ތަހުގީގުކޮށް ނިމުމުން ކަމަށެވެ. އޭސީސީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ދަނީ އަމިއްލަ އިސްނެގުމުގެ މަތިން އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

އެކި ފަރާތްތަކުން ފޮނުވާ ގޮތް ނޭނގޭ ލިންކުތަކަށް ނުފިތުމަށް ކަމާބެހޭ އިދާރާތަކުން އަބަދުވެސް އިލްތިމާސް ކުރެ އެވެ. ގޮތް ނޭނގޭ ލިންކުތައް މެދުވެރިކޮށް ބޮޑެތި އަދަދުތަކުން ވައްކަން ކުރުމާއި ޒާތީ މައުލޫމާތުން ވައްކަން ކުރުމުގެ ޖަރީމާތައް ހިންގުން ވަނީ މިފަހަކަށް އައިސް އާންމުވެފަ އެވެ.