Advertisement

އޭސީސީގެ ރިޕޯޓު ބޮލާލާ ޖަހާފައި ފްލެޓުތައް ނުދޭނަން: ސަރުކާރު

އަމަން އުދަރެސް ފްލެޓް: އޭސީސީގެ ރިޕޯޓު ބޮލާލާ ޖަހާފައި ފްލެޓުތައް ނުދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައި -- ފޮޓޯ: މިރާން ނާޝިމް / އަދަދު


އޭސީސީގެ ރިޕޯޓު ބޮލާލާ ޖަހާފައި ފްލެޓުތައް ނުދޭނަން: ސަރުކާރު

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރި ފްލެޓުތަކާ ގުޅިގެން އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރެފައިވާ ރިޕޯޓު ބޮލާލާޖަހާފައި ފްލެޓްތައް ނުދޭނެ ކަމަށް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ އެ ރިޕޯޓު ބޮލާލާޖަހާފައި އެހެން ގޮތަކަށް ނިންމައިފި ނަމަ ފްލެޓް ނުލިބި ތިބި ފަރާތްތަކުގެ އިތުރުން ފްލެޓު ލިބުނު ފަރާތްތަކުގެ ހައްގު ގެއްލިގެންދާނެ ކަމަށެވެ.

އޭސީސީގެ ރިޕޯޓުގައި ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި ކަމަށާއި، ސަރުކާރުން މަސައްކަތް ކުރާނީ އެންމެ އިންސާފުވެރި ގޮތަކަށް މައްސަލަ ހައްލު ކުރަން ކަމަށް ވެސް ހީނާ ވިދާޅުވި އެވެ.

"ހުރިހާ ކަންބޮޑުވުންތަކެއް އޭސީސީގެ ރިޕޯޓުގައި ހާމަކޮށްފައި ވަނިކޮށް އެ ރިޕޯޓު ބޮލާލާޖަހާފައި އެހެން ގޮތަކަށް އަޅުގަނޑުމެން ނިންމުމަކީ އެއީ ފްލެޓް ނުލިބި ތިބި ފަރާތްތަކުގެ ވެސް އަދި ފްލެޓް ލިބިފައި ތިބި ފަރާތްތަކުގެ ވެސް ހައްގުތަކެއް ގެއްލިގެންދާ ކަމެއް،" ހީނާ ވިދާޅުވި އެވެ.

ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރި ފްލެޓްތައް ލިބޭ މީހުންގެ ލިސްޓަށް އެއްވެސް އުނިއިތުރު ކަމެއް ނުގެނެސް ލިސްޓާ އެއްގޮތަށް ފްލެޓްތައް ހަވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސް ކޮށްފަ އެވެ.

ފްލެޓް ލިސްޓާ ގުޅިގެން އޭސީސީއިން މައްސަލަ ބެލުމަށްފަހު ބުނީ ލިސްޓުގައި ޝަރުތު ހަމަވާ ކަމަށް ނިންމާފައިވާ ބޮޑު ޕަސެންޓެއް ޝަރުތު ހަމަ ނުވާނެ ކަމަށެވެ.

މިގޮތުން ފްލެޓުތަކުގެ ދާއިމީ ލިސްޓުގައި ޝަރުތު ފުރިހަމަވެ، އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވާ ފޯމުތަކުގެ ނިސްބަތަކީ 20.7 ޕަސެންޓު ކަމަށާއި، އަދި ޝަރުތު ފުރިހަމަވީީ ނަމަވެސް މައްސަލަ ހުރި ފޯމުތަކުގެ ނިސްބަތަކީ 19.7 ޕަސެންޓު ކަމަށް އޭސީސީއިން ބުނެ އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓަށް އެދި 15،046 މީހުން ފޯމު ހުށަހެޅިއިރު، ކުރީ ސަރުކާރުން އޭގެ ތެރެއިން ޝަރުތު ހަމަވާ ކަމަށް ނިންމައި ފްލެޓް ދޭން ނިންމީ 4،000 މީހުންނަށެވެ.