28 ޑިސެންބަރު 2023 - 10:56 2
ސާއިފް ޝިޔާދު
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އަނދުން ހުސައިން ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް އިދާރާ
28 ޑިސެންބަރު 2023 - 10:56 2
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ވެރިކަން ކުރާ ޕީއެންސީ/ޕީޕީއެމް ކޯލިޝަނަށް ސޮއިކުރަން ރިޝްވަތު ދެމުންދާ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ ގޮނޑީގައި އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ މަޖިލީހުގައި ތަމްސީލު ކުރައްވާ ހުސައިން ޝަހީމް (އަނދުން ހުސައިން) ތުހުމަތު ކުރައްވައިފި އެވެ.
އޭނާ މިފަދަ ތުހުމަތެއް ކޮށްފައި މިވަނީ އިދިކޮޅަށް ނިސްބަތްވާ 11 މެމްބަރަކު ޕީއެންސީއާ ގުޅޭނެ ކަމުގެ އަޑުތަކެއް ފެތުރިފައި ވަނިކޮށެވެ. އޭގެ ތެރެއިން ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްޣަނީ އަބްދުލްހަކީމާއި މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު ވަނީ މިހާރު ވެސް އެމްޑީޕީ ދޫކޮށް ޕީއެންސީއާ ގުޅިވަޑައިގަނެފަ އެވެ. މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވެސް ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ.
މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާގައި ބަހުސް ކުރަމުންދާ ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން އަނދުން ހުސައިން ވަނީ ޕީއެންސީން މިރޭ ބާއްވާ ޖަލްސާއަކީ ރިޝްވަތު ދީގެން މެމްބަރުންތަކެއް ސޮއިކުރާތީ ބާއްވާ ޖަލްސާއެއް ކަމަށް ވިދާޅުވެފަ އެވެ.
"ދެ ތިން މެމްބަރަކު ގައުމިއްޔަތު ދިރުވުމަށް ރިޝްވަތު ދީގެން ގެންގޮސް މިރޭ ޖަލްސާއެއް ބޭއްވުމަކުން އެމްޑީޕީ ފަހަތަކަށް ނުޖެހޭނެ. އަޅުގަަނޑުމެންގެ ސަފުތައް ބަދަހި. ކުރަން އޮތް ކަންތައް ސާފު. އެ މަގަށް މާ ބާރަށް އަތުކުރި އޮޅާލައި ނުކުމެ ތިބި ކަމުގައި ދަންނަވަން. ފަހަތަަށް ޖެހޭނެ އެއްވެސް ސަބަބެއް ނެތް," ޝަހީމް ވިދާޅުވި އެވެ.
"އަދަދު" އާ ވާހަކަ ދެއްކެވި މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވީ ޕީއެންސީއާ ގުޅުމަށް ފައިސާ އާއި ސަރުކާރުގެ ވަޒީފާ ހުށަހަޅަމުންދާ ކަމަށެވެ.
"އަގެއްގެ ގޮތުގައި ހުށަހެޅީ 1.5 މިލިއަން ރުފިޔާ. އަންނަ އަހަރުގެ އިންތިހާބުގައި ވާދަނުކޮށްފިނަމަ ސްޓޭޓް މިނިސްޓަރު ފެންވަރުގެ މަގާމެއް ދޭން ވެސް ހުށަހެޅި. އަދި, އާއިލާ އާއި ބޭނުންވާ އެހެން މީހުންނަށް ވަޒީފާތައް ޔަގީންކޮށްދީ ހަމަޖެއްސުމަށް ވެސް ހުށަހެޅި," ނަން ނުޖެހުމަށް ޝަރުތުކޮށް މި ނޫހާ ވާހަކަ ދެއްކެވި އެމްޑީޕީއަށް ނިސްބަތްވާ މެމްބަރަކު ވިދާޅުވި އެވެ.
އޭނާ އަށް ތިން މީހަކު ގުޅިކަމަށް ވިދާޅުވި އެވެ. އެ ތިން ބޭފުޅުންގެ ހުށަހެޅުން ވެސް ގާތްގަނޑަކަށް އެއްގޮތް ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.
މެމްބަރުން ގަތުމުގެ މާކެޓުގައި ހުށަހަޅަމުންދަނީ ފައިސާ އާއި މަގާމާއި އަދި އާއިލީ މީހުންނަށް ބޭނުންވާ ވަޒީފާކަން ވާހަކަ ދެއްކި ކަމަށް އިތުރު ބައެއް މެމްބަރުން ވެސް އަދަދު ނޫހަށް އެކަށް ކަށަވަރުކޮށް ދެއްވި އެވެ. އަދި ވާހަކަ ދެއްކެވި ބައެއް ބޭފުޅުންގެ ނަންތައް ވެސް ވިދާޅުވި އެވެ.
މެމްބަރުން ސޮއިކުރުން ފާހަގަކުރުމަށް މިރޭ ހާއްސަ ޖަލްސާއެއް ޕީއެންސީން ބާއްވާނެ އެވެ. ދަރުބާރުގޭގައި މިރޭ ބާއްވާ ޖަލްސާގެ ދައުވަތު އެ ކޯލިޝަނުން މިހާރު ފޮނުވާފައިވާއިރު މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އިދިކޮޅު މެމްބަރުންތަކެއް ޕީއެންސީއާ މި ގުޅެނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޒުލުކުރުމާ ގުޅޭ މާއްދާތަކަށް ބަދަލުގެނެސްފައިވާ ދަނޑިވަޅެއްގަ އެވެ.
އެމްޑީޕީން މިދިޔަ ދުވަސްތަކުގެ ތެރޭގައި ތިން މެމްބަރުން ވަކިވެ މަޖިލީހުގައި ތިބި އެމްޑީޕީގެ މެމްބަރުންގެ އަދަދު ވަނީ 53 އަށް ވެއްޓިފަ އެވެ.
މެމްބަރުން ގަނެގެން ގެންދާކަމަށް ޕީޕީއެމް/ޕީއެންސީގެ އާންމު މެމްބަރުންނާއި ބައެއް ސަޕޯޓަރުން ވެސް ތުހުމަތުކުރެ އެވެ. އަދި އެކަމާ ހިތްހަމަ ނުޖެހިގެން ބައެއް ގްރޫޕުތަކުގައި ހިޔާލުފާޅުކޮށްފައިވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment