Advertisement

ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކުރުމުގެ ހެޔޮ ނިޔަތް ސަރުކާރުގައި ނެތް ކަމަށް ބުނެ، ކޮމިޓީގައި ވެސް އެމްޖޭއޭއިން ބައިވެރި ނުވި!

28 ޑިސެންބަރު 2023 - 08:35 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ޑިސެމްބަރު 24، 2023 ގައި ސަރުކާރުން މީޑިއާތަކާއެކު، ދިވެހިރާއްޖޭގެ އަޑުގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ބައެއް ނޫސްވެރިން. -- ފޮޓޯ: އަދަދު


ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކުރުމުގެ ހެޔޮ ނިޔަތް ސަރުކާރުގައި ނެތް ކަމަށް ބުނެ، ކޮމިޓީގައި ވެސް އެމްޖޭއޭއިން ބައިވެރި ނުވި!

28 ޑިސެންބަރު 2023 - 08:35 0

ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކުރުމުގެ ހެޔޮ ނިޔަތް ސަރުކާރުގައި ނެތް ކަމަށް ބުނެ، ދިވެހި ނޫސްވެރިން ތަމްސީލު ކުރާ ޖަމްއިއްޔާ، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކަންބޮޑުވުން ފާޅުކޮށް، އަދި ސަރުކާރުން އެކުލަވައިލި މީޑިއާ ކޮމިޓީގައި ވެސް އެ ޖަމިއްޔާއިން ބައިވެރި ނުވަން ނިންމައިފި އެވެ.

ސަރުކާރަށް ފާޑުކިޔާފައިވާ ލިޔުންތައް ޝާއިއުކުރާ ދެ ވެބްސައިޓަށް ރާއްޖެއިން ނުވަދެވޭ ގޮތަށް ބަންދުކުރުމާއި އެއަށް ފަހު "ފުރަތަމަ" ނޫސް ވެސް ބްލޮކު ކުރުމާއި ގުޅިގެން ނޫސްވެރިން ފާޅުކުރި ކަންބޮޑުވުންތަކާއި، ސަރުކާރަށް ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެން، ޑިސެމްބަރު 24 ގައި މީޑިއާތަކާއެކު ސަރުކާރުން ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި ބައްދަލުވުމެއް ބޭއްވި އެވެ.

އެ ބައްދަލުވުމުގައި އެމްޖޭއޭ އަދި އެޑިޓަރުންގެ ޖަމިއްޔާ، އެޑިޓާސް ގިލްޑުން އަދި ބައެއް ނޫސްތަކުން އެދުނީ ވެބްސައިޓުތައް ބްލޮކުކުރި ސަބަބު ހާމަކޮށް ދިނުމާއި، ބްލޮކުކުރި ވެބްސައިޓުތައް ދޫކޮށްލުމަށެވެ. އެ ބައްދަލުވުމުގައި އެމްޖޭއޭއިން ސަރުކާރަށް ގޮވައިލި ކަންކަމަކީ؛

  • ސަރުކާރަށް ފާޑުކިޔައި ލިޔުންތަކެއް ޝާއިއުކުރަމުން ދަނިކޮށް ބަންދުކޮށްފައިވާ ދެ ވެބްސައިޓް ބްލޮކްކޮށްފައިވާ ކުރުން ނިމުމަކަށް ގެނައުން.
  • ސަރުކާރުން ބްލޮކްކޮށްފައިވާ އަދި ބްލޮކްކުރަން އެދިފައިވާ ވެބްސައިޓްތަކަކީ ކޮބައިކަން ހާމަކުރުމާއި އެ ވެބްސައިޓްތައް ބްލޮކްކުރި ސަބަބުތައް ވެސް އާންމުންނަށް އެނގޭނޭހެން އާންމުކޮށް ހާމަކުރުން؛ އަދި ބްލޮކް ކުރުމަށް ފަހު އެކަން ނިމުމަކަށް ގެނެސްފައިވާ ސައިޓްތަކަކީ ކޮބައިކަން ވެސް ހާމަކުރުން.
  • ގާނޫނަކުން އިންތަކާއި ހުދޫތަކެއް ކަނޑައެޅިގެން ނޫން ގޮތަކަށް ސަރުކާރުން ދެން އިތުރަށް އިންޓަނެޓް ސެންސަޝިޕްގެ ބާރު ބޭނުން ނުކުރާނޭކަމުގެ ޔަގީންކަން ދިނުން.

އެމްޖޭއޭއިން ހުށަހެޅި މި ކަންކަމަށް ބައްދަލުވުމުގައި ބައިވެރިވި، މިނިވަން ޒިންމާދާރު މީޑިއާ އިންޑަސްޓްރީއެއް ރާއްޖޭގައި ގާއިމް ކުރުމަށް ވަކާލާތުކުރާ ހުރިހާ ސީނިއާ އެޑިޓަރުން ތާއިދު ކޮށްފައިވާ ކަަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.

އެ ކަންކަން ޖަވާބެއް ދިނުމުގެ ބަދަލުގައި އެ ބައްދަލުވުމުގައި ސަރުކާރުން ބޭނުންވީ ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކުރުމާއި ނޫސްވެރިކަމުގެ ސިޔާސަތުތައް ކަނޑައެޅުމަށް ހަތް މެމްބަރުންގެ ކޮމިޓީއެއް އުފެއްދުމަށެވެ.

ނަމަވެސް އެ ބައްދަލުވުން ބޭއްވިތާ ތިން ދުވަސް ފާއިތުވެގެން ދިޔައިރު ވެސް އެމްޖޭއޭއިން ހުށަހެޅި ކަންކަމަށް ސަރުކާރުން ޖަވާބެއް ދީފައި ނުވާތީ ސަރުކާރުން އުފެއްދި އެ ކޮމިޓީގައި އެ ޖަމިއްޔާ ބައިވެރިނުވުމަށް މިހާރު ވަނީ ނިންމައިފަ އެވެ.

ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ގިނަ ވަޒީރުންތަކެއްް ވެސް ބައިވެރިވެވަޑައިގެންނެވި. -- ފޮޓޯ: އަދަދު


"ކަންކަން އިސްލާހުކުރުމުގެ ގުޑްވިލް އޮތްކަން ދެއްކުމުގެ ގޮތުން، ވަޒީރުން ވެސް ބައިވެރިވެވަޑައިގަތް އެ ބައްދަލުވުމުގައި މިކަންކަމުގެ ކަށަވަރުކަމަށް މި ޖަމްއިއްޔާއިން އެދުނު ނަމަވެސް އެ ބައްދަލުވުމަށް 48 ގަޑިއިރަށް ވުރެ ގިނަ ވަގުތު ފާއިތުވެގެން ދިޔަ ނަމަވެސް ސަރުކާރުން އެކަމަށް އެދެވޭ އެއްވެސް ޖަވާބެއް މި ޖަމްއިއްޔާއަށް ދީފައެއްނުވެ އެވެ،" ދިވެހި ނޫސްވެރިން ތަމްސީލުކުރާ އެންމެ ގިނަ ދުވަސްވީ ޖަމިއްޔާ، އެމްޖޭއޭއިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

"އެހެންކަމުން މި ޖަމްއިއްޔާގެ އެކްސްކޯއިން މިހާރު ނިންމާފައިވަނީ މީޑިއާގެ މިނިވަންކަން ކަށަވަރުކޮށް މީޑިއާގެ ސިޔާސަތުތައް ކަނޑައެޅުމުގެ މަގުސަދުގައި ކަމަށް ބުނެ އެ ބައްދަލުވުން ނިންމާލަމުން ނެގި ހަތް މެންބަރުންގެ ކޮމިޓީގައި މި ޖަމްއިއްޔާ ބައިވެރިނުވެ ތަނާޒުލްވުމަށެވެ."

އެގޮތަށް އެމްޖޭއޭއިން ނިންމީ ރައްޔިތުންގެ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މީޑިއާގެ މިނިވަންކަން އަދި ރައްޔިތުންނަށް މައުލޫމާތު އެނގުމާއި ދިނުމުގެ ހައްގު ކަށަވަރުކުރަން އިސްލާހީ ފިޔަވަޅު އަޅައި ސަރުކާރުގެ ގުޑްވިލް އޮތްކަން ދެއްކުމަށް ލިބުނު ފުރުސަތުގެ ބޭނުންހިފާފައި ނުވުމުން ކަމަށް އެ ޖަމިއްޔާގެ ބަޔާނުގައި ބުނެފައިވެ އެވެ.

ސަރުކާރު ބޭނުންވެގެން އުފެއްދި ހަތް މެމްބަރުންގެ ކޮމިޓީ އެކުލެވިފައިވާ ގޮތުން ނޫސްވެރިކަމުގެ މިނިވަންކަމާއި މިނިވަން ޒިންމާދާރު މީޑިއާއަކަށް ފަހިވާނޭ ގޮތަށް ނަތީޖާއެއް ނެރެވޭނޭ މައުނަވީ މަސައްކަތްތަކެއް އެ ކޮމިޓީގައި ތިބެގެން ކުރެވޭނޭ ކަމަށް ވެސް އެމްޖޭއޭއިން ގަބޫލެއް ނުކުރެ އެވެ. އަދި އެ ޖަމިއްޔާއި ބުނެފައި ވަނީ އެ ކޮމިޓީ އެކުލަވާލުމަށް ނަންތައް ހުށަހެޅުނު ގޮތާއި ވޯޓަށް އެހުނު ގޮތުގައި އިންސާފުވެރި ނޫން ގޮތްގޮތަށް ކަންކަން ގޮސްފައިވާ ކަމަށެވެ.

"މިގޮތަށް ކަންކަން ހިނގުމަކީ މި ޖަމްއިއްޔާއުން ނިހާޔަތަށް ހިތާމަކުރާ އަދި ކަންބޮޑުވާ ކަމެކެވެ. އަދި ދެފުއް ފެންނަ ހާމަކަން ބޮޑު އުސޫލެއް ނެތި އަދި ގާނޫނެއް ހެދުމެއް ނެތި އިންޓަނެޓް ސެންސަޝިޕްގެ ބާރު ބޭނުން ނުކުރުމަށް މި ޖަމްއިއްޔާއިން ސަރުކާރަށް ގޮވާލާ ގޮވާލުން ތަކުރާރުކުރުމެވެ،" އެމްޖޭއޭގެ ބަޔާނުގައިވެ އެވެ.

ސަރުކާރާ ފާޑުކިޔައި ލިޔުންތައް ޝާއިއުކުރާ ދެ ވެބްސިއިޓު ބަންދުކުރިކަން، އަދި ބަންދުކުރި ސަބަބު ސަރުކާރުން ރަސްމީކޮށް ބުނެފައެއް ނުވެ އެވެ. ސަރުކާރުގެ އޮފިޝަލުން ވިދާޅުވަމުން ދަނީ ރަޖިސްޓްރީކޮށްގެން ހިންގަމުންދާ ނޫހެއް ބަންދު ނުކުރާ ކަމަށެވެ. ނަމަވެސް "ފުރަތަމަ" ނޫހަކީ ރަޖިސްޓްރީކޮށްގެން ހިންގަމުންދާ ނޫހެކެވެ. ފާޑުކިޔުންތައް އަމާޒުވުމުން، އެ ނޫހުގެ ވެބްސައިޓަށް ވަދެވޭ ގޮތް ފަހުން ހެދި އެވެ.