Advertisement

ތޯރިގު، އެފްއޭއެމްގެ ރައީސް ކަމަށް ކެންޑިޑެސީ ފޯމު ހުށަހަޅައިފި

27 ޑިސެންބަރު 2023 - 13:46 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު


ތޯރިގު، އެފްއޭއެމްގެ ރައީސް ކަމަށް ކެންޑިޑެސީ ފޯމު ހުށަހަޅައިފި

27 ޑިސެންބަރު 2023 - 13:46 0

އަންނަ މަހު ބާއްވާނެ ކަމަށް އިއުލާނުކޮށްފައިވާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިހާބުގައި ވާދަކުރައްވަން، އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު، އަހްމަދު ތޯރިގް (ޓޮމް) ފޯމު ހުށަހަޅައިފި އެވެ.

އެފްއޭއެމްގެ ރައީސްގެ މަގާމުގައި، ކުރީގެ އެއް ވަނަ ފޯވާޑް، ޓޮމް މަސައްކަތް ކުރެއްވީ 2016 ވަނަ އަހަރުގެ މެއި މަހު 30 ވަނަ ދުވަހު ބޭއްވި އިންތިހާބު ކާމިޔާބު ކުރައްވައިގެންނެވެ. އެއީ، ތިން މަހާ ކުޑަ ދުވަސްކޮޅެއް ވަންދެނެވެ.

އެ ގޮތުން، 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ތެރޭގައި ޓޮމްއާ އެކު، އިންތިހާބުވި އެގްޒެކްޓިވް ކޮމިޓީ (އެކްސްކޯ)ގެ ފަސް މެމްބަރުން އިސްތިއުފާ ދިނުމާ އެކު، އެ އެސޯސިއޭޝަންގެ އަސާސީ ގަވާއިދު ބުނާގޮތަށް އިންތިހާބެއް ބާއްވަން ޖެހުނެވެ. އެ އިންތިހާބުގައި ޓޮމްއާ ވާދަކުރައްވައި، ކާމިޔާބު ހޯދީ މިހާރު އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ. ބައްސާމް ދެ ވަނަ ދައުރު ފުރިހަމަ ކުރަމުން ދަނިކޮށް، ހިންގާ ކޮމިޓީގެ މެޖޯރިޓީ މެމްބަރުން ވަނީ އިސްތިއުފާ ދީފަ އެވެ.

ޓޮމްގެ މިއަދު ކެންޑިޑެސީ ހުށަހެޅިިއިރު، އޭނާގެ ޓީމުގައި ހިމެނެނީ، ރައީސަކަށް ޓޮމްގެ އިތުރުން، ނައިބު ރައީސަކަށް ކުރީގެ އެއް ވަަނަ ގޯލްކީޕަރު، އިމްރާން މުހައްމަދު (ކީޕަރު)، މާޒިޔާގެ ސީއީއޯ އަދި ބައްސާމްގެ ދެ ވަނަ ދައުރުގެ އެކްސްކޯގައި މަސައްކަތް ކުރި، ހުސައިން ޝާފިއު (ކޮއްކީ)، މެމްބަރުންގެ ގޮތުގައި، އެފްއޭއެމް އިންޓަރިމް ރައީސް އަހުމަދު ޝާހިރު، އެފްއޭއެމްގެ ކުރީގެ ޖެރެނަލް ސެކްރެޓަރީ، އަބްދުލް ހަމީދު އަބްދުލް ގަފޫރު (އައްޑޯ)، އަންހެން މެމްބަރެއްގެ ގޮތުގައި މަހިބަދޫ ސްޕޯޓްސް ކްލަބްގެ އުލާ އިބްރާހިމް، މެމްބަރެއްގެ ގޮތުގައި ޓީސީ ސްޕޯޓްސް ކްލަބްގެ މުހައްމަދު މިފްތާހު އަދި މެމްބަރުންގެ ގޮތުގައި އަލީ ރިޒްވާން އާއި އަބްދުﷲ ނާސިހު އެވެ.

އަންނަ މަހު 31 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އެފްއޭއެމްގެ އިންތިހާބާ ބެހޭ ކަންތައްތަކެއް އޮޅުންފިލުވަން ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް ވަނީ އެފްއޭއެމަށް ސިޓީއެއް ފޮނުވައިފަ އެވެ.

ކޮމިޝަނަރު ފޮނުވާފައިވާ ސިޓީގައި މައިގަނޑު ގޮތެއްގައި ސާފުކުރަން އެދިފައިވަނީ ފަސް ކަމެކެވެ. އެއީ، އިންތިހާބާ ގުޅޭގޮތުން ނިންމި ނިންމުމުގެ ތަފްސީލާއި އެފްއޭއެމްގައި މި ވަގުތު އޮތް ހިންގާ ކޮމިޓީގެ ބާކީ އޮތް މުއްދަތު ހަމަވާން ގިނަ ދުވަސްތަކެއް އޮއްވައި، އަވަހަށް އިންތިހާބެއް ބާއްވަން އެފްއޭއެމް ހިންގާ ކޮމިޓީން ނިންމި ސަަބަބާއި އިންތިހާބު އަވަހަށް ބާއްވަން ނިންމި، ހިންގާ ކޮމިޓީގެ ބައްދަލުވުމުގެ އެޖެންޑާއި އާއި ޔައުމިއްޔާ އަދި އެ ބައްދަލުވުމުގެ ހާޒިރީގެ އިތުރުން އެފްއޭއެމްގެ ދާއިމީ މެމްބަރުންގެ ލިސްޓެވެ.