Advertisement

ނުވަ ލައްކަ ރުފިޔާގެ ދަރަންޏެއް އޮއްވާ ޕީއެސްއެމްއިން ސަންގު ޓީވީއަށް އަނެއްކާ ވެސް މުދާ ދޫކުރުން ފަށައިފި

27 ޑިސެންބަރު 2023 - 12:45 0

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު. ވިދާޅުވީ އުސޫލުން ބޭރުން މުދާ ދޫނުކުރާ ކަމަށް --- ފޮޓޯ: އިސްލާމިކް މިނިސްޓްރީ


ނުވަ ލައްކަ ރުފިޔާގެ ދަރަންޏެއް އޮއްވާ ޕީއެސްއެމްއިން ސަންގު ޓީވީއަށް އަނެއްކާ ވެސް މުދާ ދޫކުރުން ފަށައިފި

27 ޑިސެންބަރު 2023 - 12:45 0

ޕަބްލިކް ސާވިސް މީޑިއާއަށް ދައްކަންޖެހޭ ނުވަ ލައްކަ ރުފިޔާއަށް ވުރެ ބޮޑު ދަރަންޏެއް އޮއްވައި، އެ ކުންފުނިން ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ހިންގެވި ސަންގު ޓީވީއަށް އަނެއްކާ ވެސް މުދާ ކުއްޔަށް ދޫކުރަން ފަށައިފި އެވެ.

މުދާ ކުއްޔަށް ނަގައިގެން 954,000 އަށް ވުރެ ގިނަ ރުފިޔާ ސަންގު ޓީވީން ޕީއެސްއެމްއަށް ދައްކަންޖެހިފައި އެބަ އޮތެވެ. އެ މައްސަލަ ޕީއެސްއެމްއިން ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. އޭގެ ފަހުން ޕީއެސްއެމްގެ ކުރީގެ ބޯޑުން ނިންމާފައި އޮތީ ސަންގަށް މުދާ ދޫކުރުން ހުއްޓާލުމަށެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު ވިދާޅުވީ ސަންގު ޓީވީއަށް މުދާ ދޫކުރަނީ އެ ކުންފުނީގެ އުސޫލުތަކުގެ ތެރެއިން ކަމަށާއި އޭނާ މަގާމާ ހަވާލުވި ފަހުން މިހާތަނަށް ދެ ފަހަރެއްގެ މަތިން މުދާ ދޫކޮށްފައިވާ ކަމަށެވެ.

"އުސޫލާ އެއްގޮތަށް މީގެ ކުރިން ވެސް ޕީއެސްއެމުން ބައެއް ޗެނެލްތަކަށް އިކުއިޕްމެންޓު ދޫކޮށްފައި އެބަހުރި. އަޅުގަނޑު ހަވާލުވިފަހުން ދެފަހަރެއްގެ މަތިން ދޫކުރީ ކުއްޔަށް އިނގޭތޯ ސާވިސްއެއް ގޮތަށް ކުއްޔަށް ދޫކުރީ،" ޒީނާ ވިދާޅުވި އެވެ.

ޕީއެސްއެމްއިން މި ފަހުން ސަންގު ޓީވީއަށް މުދާ ދޫކުރީ އެ ކުންފުނީގެ އުސޫލަށް ފެތޭ ގޮތަށް ނޫން ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. ނަމަވެސް ޒީނާ ވިދާޅުވީ ހުރިހާ މުދަލެއް ވެސް ދޫކޮށްފައި ހުންނާނީ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.

"އުސޫލުން ބޭރުން އިކުއިޕްމެންޓު ދޫކުރާ ކަމެއް އަޅުގަނޑަކަށް މައުލޫމާތު ލިބިފަކާއެއް ނެތް،" ޒީނާ ވިދާޅުވި އެވެ.

ސަންގު ޓީވީން ޕީއެސްއެމްއަށް ދައްކަންޖެހޭ ފައިސާގެ މައްސަލަ އޮތީ ސިވިލް ކޯޓުގައި ހުއްޓިފައި ކަމަށްވެ އެވެ. މައްސަލަ އެކަށީގެންވާ ގޮތެއްގައި ކުރިއަށްނުދަނީ ސަންގު ޓީވީން ކޯޓަށް ހާޒިރުނުވުމާއި ބައެއް އެހެން މައްސަލަތައް ދިމާވެގެން ކަމަށް އެނގިފައިވެ އެވެ. އެގޮތުން ޖުމުލަ 25 ފަހަރަކު ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވިއިރު ސަންގުގެ ފަރާތުން ހާޒިރުވީ އެންމެ ދެ ދުވަހު ކަމަށްވެ އެވެ.