27 ޑިސެންބަރު 2023 - 11:53 0
މުހައްމަދު އުޝާމް
އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) ހައި ކޯޓުގެ ޝަރީއަތެއްގައި: އޭނާ ފުރަން ދިން ހުއްދައިގެ މައްސަލަ ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅާނެ - ފޮޓޯ: ހައި ކޯޓު
27 ޑިސެންބަރު 2023 - 11:53 0
ސީލައިފް ފްލެޓްތަކުގެ މައްސަލައިގައި ހިޔާނާތުގެ ދައުވާ އުފުލާފައިވާ އެ ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާން ކްރިމިނަލް ކޯޓުން ދިން ހުއްދައިގެ އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ދައުލަތުން ނިންމައިފި އެވެ.
ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ ދިނުމަށް އަންމަޓީގެ ފަރާތުން ހުށަހެޅީ މައިބަދައިގެން އޮޕަރޭޝަނެއް ކުރަންޖެހޭތީ ކަމަށް ބުނެ އެވެ. އެ ހުށަހެޅުން ބެލުމަށް ފަހު، ބޭސްފަރުވާ އަށް އޭނާ 20 ދުވަހުގެ މުއްދަތަކަށް ރާއްޖޭން ބޭރަށް ދާން ކްރިމިނަލް ކޯޓުން ހުއްދަ ދިނެވެ. އެއީ މި މަހު 6 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށެވެ.
އިއްޔެއަށް އެ މުއްދަތު ހަމަވެފައިވަނިކޮށް ހައި ކޯޓުން އިއްޔެ ވަނީ ކްރިމިނަލް ކޯޓުން ދިން ހުއްދަ ރަނގަޅު ކަމަށް ކަނޑައަޅައިފަ އެވެ. މިއަދު މެންދުރުފަހު 1:00 ޖަހާއިރު ކްރިމިނަލް ކޯޓުގައި ފުރުމުގެ ހުއްދަ ދިނުމުގެ ނިންމުން މުރަޖައާ ކުރުމަށް އަޑުއެހުމެއް ވެސް ތާވަލުކޮށްފައިވެ އެވެ. ފުރުމުގެ ފުރުސަތު އަންމަޓީއަށް އަދި ނުލިބި އޮވެފައި ހައި ކޯޓުގެ ނިންމުމަށް ރިއާޔަތްކޮށް ކްރިމިނަލް ކޯޓަށް އެ ހުއްދަ އަލުން ދެވިދާނެ އެވެ.
ދައުލަތް ތަމްސީލްކުރާ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނީ ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމާފައިވާތީ، އިސްތިއުނާފުގެ މަރުހަލާ ނިމެންދެން ކްރިމިނަލް ކޯޓުގެ އެ އަޑުއެހުން ފަސްކޮށްދިނުމަށް އެދިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިއަދު ހުށަހަޅާނަން ސުޕްރީމް ކޯޓަށް، ދެން ކްރިމިނަލް ކޯޓުގައި އެދިފައިވާނެ އެ ކޯޓުގެ އަޑުއެހުން ފަސްކޮށްދޭން، އަދި ކޯޓުން އޭގެ ޖަވާބެއް ނުލިބޭ،" ޕަބްލިކް ޕްރޮސެކިއުޓަރު އަހުމަދު ޝަފީއު "އަދަދު" ނޫހަށް ވިދާޅުވި އެވެ.
އަންމަޓީގެ މައްޗަށް ކުރި ތުހުމަތުތަކުގެ މައްސަލައިގައި ހޯދުމަށް ރެޑް ނޯޓިސް ނެރެފައިވަނިކޮށް އޭނާ ހައްޔަރުކުރީ ލަންކާގައި އުޅެނިކޮށެވެ. އޭނާގެ އާއިލާ ދިރިއުޅެމުން ދަނީ ލަންކާގަ އެވެ.
އަންމަޓީގެ މައްޗަށް ހިޔާނާތުގެ 42 ދައުވާއެއް އުފުލާފައިވެ އެވެ. އެ ހުރިހާ މައްސަލައެއްގެ ވެސް ޝަރީއަތް ކުރިއަށް ދަނީ ވަކިވަކިންނެވެ. އެއީ، އޭނާ ހިޔާނާތްތެރިވި ކޮންމެ މީހެއްގެ މައްސަލަ ވަކިންނެވެ.
Comment