Advertisement

ފައިނަލުގައި ވެމްކޯ ޓީމުން ނިޒާރަށް ރަނގަޅު އެއްކަމެއް ވެސް ނުފެނުނު

27 ޑިސެންބަރު 2023 - 10:46 1

އަތޫފް އާތިފް

އަތޫފް އާތިފް

ރޭގެ މެޗަށް ފަހު ނިޒާރު (ކ): ފައިނަލް މެޗުގައި މޮޅަށް ކުުޅުނީ ސިޓީ ކަމަށް ވަނީ ބުނެފައި.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ފައިނަލުގައި ވެމްކޯ ޓީމުން ނިޒާރަށް ރަނގަޅު އެއްކަމެއް ވެސް ނުފެނުނު

27 ޑިސެންބަރު 2023 - 10:46 1

ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފިިިރިހެން ޑިވިޝަން ފައިނަލުގައި ސިޓީ ސްޕޯޓްސް ކްލަބް އަތުން ތިން ސެޓުން ބަލިވި މެޗުގައި ކްލަބް ވެމްކޯ ޓީމުގެ ފަރާތުން ރަނގަޅު އެއް ކަމެއް ވެސް ނުފެނުނު ކަމަށް އެ ޓީމުގެ ކޯޗު ނިޒާރު އިބްރާހިމް (ބޮޑޭ) ބުނެފި އެެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓުގައި ރޭ ކުޅުނު ފައިނަލުގައި ސިޓީ އަތުން ވެމްކޯ ބަލިވީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ސިޓީން ގެންދިޔައީ, 28-26، 25-17 އަދި 25-22 އެވެ.

މި މެޗަށް ފަހު ވާހަކަ ދައްކަމުން ނިޒާރު ބުނީ ވެމްކޯ އިން މި މުބާރާތައް ތައްޔާރުވީ, ވަރަށް ރަނގަޅަށް ކަމަށާއި, ފައިނަލުގެ ކުރިން ކުރި ޕްރެކްޓިސް ވެސް ދިޔައީ ރަނގަޅަށް ކަމަށެވެ. އެހެން ނަމަވެސް ފައިނަލް މެޗުގައި ކަންކަން ދިމާވީ އެންމެ ބޭނުންވި ގޮތަކަށް ނޫން ކަމަށް ނިޒާރު ވަނީ ބުނެފަ އެވެ.

އަޅުގަނޑުމެންނަށް މިރޭ (ރޭގެ އެސޯސިއޭޝަން ކަޕް ފައިނަލް މެޗުގައި) ރަނގަޅަށް ކުރެވުނު އެއްވެސް ކަމެއް ނެތް. ލަކް ވެސް ނެތް - ނިޒާރު

ނިޒާރު ބުނީ ވެމްކޯ ޓީމުގައި ތިބި ކުޅުންތެރިންނަށް އިތުބާރު އޮތް ނަމަވެސް ރޭގެ ފައިނަލް މެޗު ފެށުނީއްސުރެ ފެންނަމުން ދިޔަ ކަމަކީ އެ މެޗު އެ ޓީމުގެ އަތުން ގެއްލެމުން އަންނަކަން ކަމަށެވެ. އެ ހުރިހާ ކަމެއް އެ ގޮތަށް ދިޔައިރު، މެޗުގެ ނަތީޖާ އަނބުރާލާ ވަރަށް ވެމްކޯ ޓީމުގެ ކުޅުންތެރިންނަށް ނުކުޅެވުނު ކަމަށް ނިޒާރު ވަނީ އެއްބަސްވެފަ އެވެ.

ނިޒާރު ބުނީ ވެމްކޯ އާއި ސިޓީއާ އޮތް ތަފާތަކީ ވެމްކޯގައި ތިބީ ގައުމީ ޓީމުގެ ކުޅުންތެރިންނާއި ބްރެޒިލްގެ ތަޖުރިބާކާރު ކުޅުންތެރިން ކަމަށެވެ. އެކަމަކު، ތިބި ކުޅުންތެރިންގެ ތަފާތަށް ވުރެ ނިޒާރު ދެކޭ ގޮތުގައި މެޗުން މޮޅުވާން ބޭނުންވާނީ އެ ދުވަހެއްގައި އެކުރާ މަސައްކަތް ވީ އެންމެ ރަނގަޅަށް ކުރުން ކަމަށެވެ.

ޕްރިލިމިނަރީ ބުރުން ފެށިގެން މުބާރާތުގައި ވާދަކޮށް ތަށި ހޯދި ސިޓީން މި ފަހަރުގެ މުބާރާތައް ނުކުތީ ވަރަށް ވަރުގަދަކޮށް ކަމަށް ނިޒާރު ފާހަގަކުރި އެވެ. އަދި ފައިނަލް މެޗަށް ސިޓީން ނުކުތީ "މަރަށް ފުރާނަ" އަށް ކަމަށް ވެސް ނިޒާރު ވަނީ ބުނެފަ އެވެ.

ވޮލީ ސީޒަނުގައި ކުރިއަށްހުރި މުބާރާތްތަކުގައި ވެމްކޯއިން ކާމިޔާބަށް ހިފާނެ ކަމަށާއި, ހާއްސަކޮށް ފިރިހެން ޓީމުން ކުރިއަށްހުރި މުބާރާތްތަކަށް ނުކުންނާނީ އަމިއްލަ ގޯސްތައް ރަނގަޅުކޮށް މި އަށް ވުރެ ވަރުގަދަކޮށް ކަމަށް ނިޒާރު ފާހަގަކުރި އެވެ.