27 ޑިސެންބަރު 2023 - 19:57 0
ރައްޔާން މުހައްމަދު
27 ޑިސެންބަރު 2023 - 19:57 0
އެންމެ ފަހުގެ އެޕަލް ވޮޗްތައް ކަމަށްވާ ވޮޗް ސީރީޒް 9 އަދި ވޮޗް އަލްޓްރާ 2 އެމެރިކާއަށް އިމްޕޯޓްކޮށް ވިއްކުން މަނާކޮށްފި އެވެ.
އެމެރިކާގެ އިންޓަނޭޝަނަލް ޓްރޭޑް ކޮމިޝަން (އައިޓީސީ) އިން މި އުފެއްދުންތަކާ ގުޅޭގޮތުން މިގޮތަށް އަމަލުކުރުމަށް އެޕަލްއަށް އަންގާފައިވަނީ މި އަހަރުގެ އޮކްޓޯބަރުގަ އެވެ. އެއީ ސިއްހަތާ ގުޅޭ ޓެކްނޮލޮޖީ އުފައްދާ ކުންފުންޏެއްކަމަށްވާ މަސީމޯ އިން އެ އިދާރާއަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ.
މަސީމޯ އިން ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވަނީ އެޕަލް ވޮޗްގެ ބްލަޑް-އޮކްސިޖަން ލެވެލް ބެލުމަށް ބޭނުންކުރާ ފީޗާ، މަސީމޯގެ ޕަލްސް އޮކްސިމެޓަރީ ޕެޓަންޓަށް އަރައިގަންނަ ކަމަށެވެ. މައްސަލަ ބެލުމަށް ފަހު އައިޓީސީ އިން ވަނީ މަސީމޯއަށް ތާއީދުކޮށް، އެ ނިންމުން ދަމަހައްޓައިފަ އެވެ.
އާންމު ގަވާއިދުތަކާ މި ނިންމުން ހިލާފުވާނަމަ، ނިންމުން ވީޓޯ ކުރުމަށް ބައިޑެންގެ އޮފީހަށް 60 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ. މި މަހުގެ 25 އަށް އެ މުއްދަތު ހަމަވެފައިވާ އިރު އެ އޮފީހުން އެގޮތަށް އަމަލުކޮށްފައެއް ނުވެ އެވެ.
އެޕަލް އިން ވަނީ މި ދެ އުފެއްދުން ވެސް މި މަހު 21 ގައި އެކުންފުނީގެ ވެބްސައިޓުން ނަގައިފަ އެވެ. އަދި 24 ގައި ވަނީ އެޕަލް ސްޓޯރުތަކުން ވެސް ނަގާފަ އެވެ.
ނަމަވެސް އެޕަލްގެ މައި ކުންފުނީގެ ދަށުގައި ނުވާ ރީޓެއިލަރުންނަށް އަދިވެސް އެބައެއްގެ އަތުގައި ހުރި ގަޑިތައް ވިއްކޭނެ އެވެ. ނަމަވެސް, ސްޓޮކް ހުސްވުމުން ރީސްޓޮކް ކޮށްދިނުން ވެސް އެޕަލްއަށް މަނާވާނެ އެވެ.
ގަޑިތައް ވިއްކުން ހުއްޓާލި ނަމަވެސް އެޕަލް އިން ވަނީ އެމެރިކާގެ ކޯޓް އޮފް އެޕީލްސް ފޮ ދަ ފެޑެރަލް ސާކިޓްއަށް އިމަޖަންސީ އެޕީލެއް ހުށަހަޅާފަ އެވެ. އެޕަލް އިން އެދިފައިވަނީ ފަހުން ޑިޒައިންކޮށްފައިވާ ގަޑިތަކާ މެދު އެގައުމުގެ ކަސްޓަމްސް އިން ގޮތެއް ނިންމަންދެން ބޭން މަޑުޖައްސާލަދިނުމަށެވެ.
Comment