ޗައިނާގެ މުދަލުން ނަގާ ޓެރިފް 125 ޕަސެންޓަށް ބޮޑުކޮށް، އެހެން ގައުމުތަކަށް ތިން މަހުގެ ލުޔެއް ދޭން ޓްރަމްޕު ނިންމައިފި

10 އޭޕްރީލް 2025 - 05:47 0

އަހުމަދު އާއިދު

އ

އެމެރިކާގެ ރައީސް ޑޮނޯލްޑު ޓްރަމްޕު މިއަދު ވައިޓްހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަވަނީ --- ފޮޓޯ: އެސޯސިއޭޓެޑް ޕްރެސް


ޗައިނާގެ މުދަލުން ނަގާ ޓެރިފް 125 ޕަސެންޓަށް ބޮޑުކޮށް، އެހެން ގައުމުތަކަށް ތިން މަހުގެ ލުޔެއް ދޭން ޓްރަމްޕު ނިންމައިފި

10 އޭޕްރީލް 2025 - 05:47 0

އޭޕްރީލް 10، އިން ފެށިގެން އެމެރިކާއަށް އިމްޕޯޓު ކުރާ ޗައިނާގައި އުފައްދާ މުދަލުން ނަގާ ޓެރިފްގެ ރޭޓު 125 ޕަސެންޓަށް ބޮޑުކޮށް، އެހެން ގައުމުތަކުން ނަގަން ނިންމި ޓެރިފުތައް ތިން މަސް ވަންދެން ނުނެގުމަށް އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕު ނިންމަވައިފި އެވެ.

ވައިޓްހައުސްގައި ނޫސްވެރިންނާ ބައްދަލުކޮށް ޓްރަމްޕް މިކަން އިއުލާނުކުރި ނަމަވެސް އޭޕްރީލް 3، ގައި އާންމުކުރި ޓެރިފް ރޭޓުތަކަށާއި ޓެރިފް ނަގާ ގައުމުތަކުގެ ލިސްޓަށް ބަދަލެއް ނުގެންނާނެ ކަމަށާއި ޓެރިފް ނެގުން ހުއްޓާ ނުލާނެ ކަމަށް ވެސް ޓްރަމްޕު ގެންދެވީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

މި ނިންމުމާއެކު ޗައިނާ ފިޔަވައި އެހެން ގައުމުތަކުން އެތެރެ ކުރާ މުދަލުން ނަގާނީ އާންމު އުސޫލުގެ ދަށުން ނަގާ 10 ޕަސެންޓު ޓެރިފެވެ. މި އަދަދަށްވުރެ ބޮޑުކޮށް ޓެރިފް ނަގާނެ 60 ގައުމެއް ޓްރަމްޕުގެ ލިސްޓުގައި އޮތެވެ.

ޓްރަމްޕު ވެރިކަމަށް ވަޑައިގަތުމަށް ފަހު 20 ޕަސެންޓުގެ ޓެރިފެއް ޗައިނާގެ މުދަލުން ނަގަން ފެށި އެވެ. އެއަށްފަހު އިއުލާނުކުރި 34 ޕަސެންޓުގެ ޓެރިފްއާއެކު ޗައިނާއިން އެމެރިކާއަށް މުދާ އިމްޕޯޓް ކުރާނަމަ 54 ޕަސެންޓުގެ ޓެރިފެއް ނަގަން ނިންމި އެވެ.

އޭގެ ރައްދެއްގެ ގޮތުން ޗައިނާއިން ނިންމީ އެމެރިކާގެ މުދަލުން 34 ޕަސެންޓުގެ ޓެރިފެއް ނެގުމަށެވެ. އެ ނިންމުމާ ގުޅިގެން 104 ޕަސެންޓަށް ޓެރިފް ބޮޑުކުރަން އެމެރިކާއިން ނިންމީ އިއްޔެ އެވެ. އެއަށްފަހު ޗައިނާއިން އަނެއްކާވެސް އެމެރިކާގެ މުދަލުން ނަގާ ޓެރިފް ބޮޑުކުރާނެކަން އިއުލާނުކުރުމާއެކު އެ ގައުމުގެ މުދަލުން ނަގާ ޓެރިފް 125 ޕަސެންޓަށް ބޮޑުކުރަން ނިންމިކަން ޓްރަމްޕު އިއުލާނުކުރެއްވީ ރޭގެ ވަގުތެއްގަ އެވެ.

ޗައިނާއަކީ މިދިޔަ އަހަރު ދެވަނައަށް އެންމެ ގިނަ މުދާ އެމެރިކާއަށް އިމްޕޯޓު ކުރި ގައުމެވެ. ޗައިނާއިން މިދިޔަ އަހަރު 439 ބިލިއަން ޑޮލަރުގެ މުދާ އެމެރިކާއަށް އިމްޕޯޓު ކުރި އެވެ. ނަމަވެސް، ޗައިނާއަށް އިމްޕޯޓުކުރީ އެމެރިކާގައި އުފައްދާ 144 ބިލިއަން ޑޮލަރުގެ މުދަލެވެ.

ޓްރަމްޕުގެ ނިންމެވުމަށްފަހު އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓު ވަނީ ޓެރިފްތައް މެދުކަނޑާލުމަކީ އެ ގައުމުގެ ސަރުކާރުން ފުރަތަމަ ވެސް ބޭނުންވި ގޮތް އަދި ގެންގުޅުނު ސިޔާސަތު ކަމަށް ވިދާޅުވެފަ އެވެ.

މިއީ ގައުމުތަކާއެކު ޓެރިފް ނެގުމުގައި ޑީލުތަކެއް ހަދައި އެއްބަސްވުންތަކަކަށް އައުމަށް ކޮށޭ މަގެއް ކަމަށާއި އެފަދަ މަޝްވަރާތަކަށް އެންމެ ކުޅަދާނައީ ޓްރަމްޕު ކަމަށް ބެސެންޓު ތަކުރާރުކޮށް ވިދާޅުވެފަ އެވެ. ޓެރިފްތައް އިއުލާނުކުރުމަށްފަހު އެތައް ގައުމަކުން ލުއިތަކަށް އެދިފައިވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

އިގްތިސާދީ މާހިރުން ބުނާ ގޮތުގައި ޓެރިފްތައް ނެގުން މެދުކަނޑާލަން ޓްރަމްޕު ނިންމި މައިގަނޑު ސަބަބަކީ މިކަމުގެ ސަބަބުން ކުރިމަތިވެފައިވާ މާލީ ނުތަނަވަސްކަމާއެކު އެމެރިކާގެ އިގުތިސާދު ރިސެޝަނަކަށް ގޮސްދާނެކަމުގެ ބިރު ބޮޑުވުމެވެ. ނަމަވެސް އެމެރިކާ ސަރުކާރުން އެކަން ދޮގުކުރެ އެވެ.