Advertisement

ބަޖެޓަށް ބޭނުންވާ ތިން ބިލިއަން ހޯދަނީ އެތެރޭގެ ބާޒާރުން: ފިނޭންސް މިނިސްޓަރު

27 ޑިސެންބަރު 2023 - 08:23 0

އަމަން ހަލީމް

އަމަން ހަލީމް

ފިނޭންސް މިނިސްޓަރު ޝަފީގު އާއި ހައުސިން މިނިސްޓަރު ހައިދަރު ކެޕިނެޓުގެ ބައްދަލުވުމަކަށް ފަހު ވަޑައިގަންނަވަނީ. -- ފޮޓޯ: ރައީސް އޮފީސް


ބަޖެޓަށް ބޭނުންވާ ތިން ބިލިއަން ހޯދަނީ އެތެރޭގެ ބާޒާރުން: ފިނޭންސް މިނިސްޓަރު

27 ޑިސެންބަރު 2023 - 08:23 0

މި އަހަރަށް ފާސްކޮށްފައިވާ ސަޕްލިމެންޓަރީ ބަޖެޓުގެ ހަރަދުތައް ހަމަޖައްސަން ބޭނުންވާ ފައިސާގެ ތެރެއިން ތިން ބިލިއަން ރުފިޔާ ހޯދާނީ އެތެރޭގެ ބާޒާރުން ކަމަށާއި ބާކީ ހަމަޖައްސާނީ އިގުތިސޯދު ކުރުމާއި ހަރަދުތައް ފަސްކުރުމުގެ ތެރެއިން ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.

ސަޕްލިމެންޓަރީ ބަޖެޓާއެކީ މި އަހަރުގެ ބަޖެޓު 49 ބިލިއަން ރުފިޔާ ފަހަނައަޅައި ގޮސްފައިވާއިރު، ބަޖެޓަށް އިތުރު ކުރި 6.5 ބިލިއަން ރުފިޔާގެ ތެރެއިން 6.1 ބިލިއަން ރުފިޔާ ހޯދަން ޖެހެނީ ދަރަންޏަށް ފައިސާ ނަގައިގެންނެވެ. ބަޖެޓު ފާސްކުރީ މީގެ ތެރެއިން ބޮޑު ބަޔެއް ބަޖެޓު ސަޕޯޓު ލޯނާއި ބޭރުގެ ކްރެޑިޓަރުން އަތުން ފައިސާ ހޯދާ ގޮތަށެވެ.

މި ފައިސާ ހަމަޖެއްސި ގޮތެއް ހާމަނުކޮށް އޮތުމަށް ފަހު، އިއްޔެ ފިނޭންސް މިނިސްޓަރު ވަނީ ބަޖެޓު ހަރަދުތައް ހަމަޖައްސަން ރާވާފައިވާ ގޮތް "އަދަދު"އާ ހިއްސާކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ބަޖެޓަށް ބޭނުންވާ ފައިސާގެ ބޮޑު ބައި އެތެރޭގެ ބާޒާރުގައި ސެކިއުރިޓީސް ވިއްކައިގެން ލިބޭނެ އެވެ. އަދި އިތުރު 200 މިލިއަން ރުފިޔާ ހޯދާނީ ބޭރުން ނަގާ ލޯނަކުންނެވެ.

މި ފައިސާ އަންނަ މަހުގެ ކުރީކޮޅު ނޫނީ އެންމެ ލަސްވެގެން އަންނަ މަހުގެ މެދު ތެރޭގައި ލިބޭނެ ކަމަށް ޝަފީގު ވިދާޅުވި އެވެ. މިހެންވެ ސަރުކާރުން ވިސްނާފައި ވަނީ މިހާރަށް ކޮންމެހެން ކުރަން ޖެހޭ ހަރަދެއް މެނުވީ ނުކުރާ ގޮތަށް ހަރަދު ކުރަމުން ދިއުމެވެ.

އެގޮތުން ގައުމުގެ މާލީ ހާލަތު ގޯސްކަން ފާހަގަކުރައްވަމުން ޝަފީގު ވިދާޅުވީ މި ދަތި އުނދަގޫ ދަނޑިވަޅުގެ ތެރޭގައި ސަރުކާރުން އިސްކަން ދެނީ ކޮންމެހެން ކުރަން ޖެހޭ ޒަރޫރީ ހަރަދުތަކަށާއި ދައުލަތުގެ ސިޔާސަތުތަކަށް މުހިންމު ހަރަދުތަައް ކުރުމަށް ކަމަށެވެ. އަދި މިކުރެވޭ މަސައްކަތުގެ ތެރެއިން ގައުމުގެ މާލިއްޔަތު ރަނގަޅު ވާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އޭނާ ދެއްވި އެވެ.

ބަޖެޓު ހަރަދުގެ ބޮޑު ބަޔެއް އެތެރޭގެ ބާޒާރުން ހަމަޖައްސަން ނިންމާފައިވާ އިރު، ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރީ އެތެރޭގެ ބާޒާރުން 1.9 ބިލިއަން ރުފިޔާ ހޯދާ ގޮތަށެވެ.