Advertisement

ޕޮލިސް ކްލަބް ބަލިކޮށް ތަށި ހޯދުން ހާލީ އަށް ހިތްދަތި

26 ޑިސެންބަރު 2023 - 10:12 0

އަތޫފް އާތިފް

އަތޫފް އާތިފް

ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ އެންމެ މޮޅު ކޯޗުގެ މަގާމު ހޯދީ ހާލީ: މި ފަހަރުގެ މުބާޜާތުގެ ފައިނަލް މެޗުގެ ތެރެއިން--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ޕޮލިސް ކްލަބް ބަލިކޮށް ތަށި ހޯދުން ހާލީ އަށް ހިތްދަތި

26 ޑިސެންބަރު 2023 - 10:12 0

ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ޕޮލިސް ކުލަބް ބަލިކޮށް ތަށި އުފުލާލަން ޖެހުން އެއީ އެ ކާމިޔާބީގެ އުފާފާޅުކުރުމުގައި ވިޔަސް ކުރަން ޖެހުނު ހިތްދަތި ތަޖުރިބާއެއް ކަމަށް ކުލަބް ވެމްކޯގެ ކޯޗު ޚާލިދު މުޙައްމަދު (ހާލީ) ބުނެފި އެވެ.

ރޭ ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ޕޮލިސް ކުލަބާއި ދެކޮޅަށް ވެމްކޯއިން ނުކުމެ ވަނީ ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްފަ އެވެ. ހާލީ ވަނީ މީގެ ކުރިން އެސޯސިއޭޝަން ކަޕު ޕޮލިސް ކުލަބާ އެކު ވެސް ކާމިޔާބުކޮށްފަ އެވެ. ވެމްކޯ އިން ޖެހިޖެހިގެން ތިން ފަހަރު ވެސް އެސޯސިއޭޝަން ކަޕް މި ކާމިޔާބުކުރީ ފައިނަލުގައި ޕޮލިސް ބަލިކޮށްފަ އެވެ.

ހާލީ ބުނީ ވެމްކޯ ޓީމުން މި މުބާރާތައް ނުކުތީ ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށާއި, ހާއްސަކޮށް ތަށި މިލްކު ކުރަން ނުކުތީ އެ އަޒުމުގައި ކަމަށެވެ.

"މީގަ ތަފާތަކީ ކޮންފިޑެންސާ އެކު ކަންކަން ކުރާކަން. ޔަގީންކަމާ އެކު ކަންކަން ކުރާކަން. ވެމްކޯ އަށް ވަރަށް އުފާވެރި އެކަމަކު އަޅުގަނޑަށް ވަރަށް ހިތާމަވެރި. ޕޮލިސް ކުލަބާ އެކު އަޅުގަނޑު މި ކާމިޔާބީ ހޯދާފައި ފަހުން އެ ފުރުސަތު (ޕޮލިސް ކުލަބުން) ނުލިބި އެހެން ކުލަބަކާ އެކު ނުކުމެ, އެ ކުލަބު ބަލިކުރަން ޖެހުމަކީ އަޅުގަނޑަށް ހިތައް ދަތިކަމެއް ލިބޭ ކަމެއް" ހާލީ ބުންޏެވެ.

ވެމްކޯއާ ހަވާލުވީ ޕްރެޝަރާއެކުގައި ކަމަށާއި, ހާއްސަކޮށް ތަށި މިލްކުކުރަން ނުކުތުން އެއީ ބޮޑު ޕްރެޝަރެއް ކަމަށް ހާލީ ފާހަގަކުރި އެވެ.

އެކަމަކު، ވެމްކޯ ޓީމާ އެކު މަސައްކަތްކުރިއިރު ތަށި ހޯދަން ހެދި ޕްލޭނާ އެއްގޮތައް ކަންކަން ދިޔަ ކަމަށް އެސޯސިއޭޝަން ކަޕުގެ އެންމެ މޮޅު ކޯޗުގެ މަގާމު ހޯދި ހާލީ ވަނީ ބުނެފަ އެވެ.

ހާލީ ވަނީ މީގެ ކުރިން ޕޮލިސް ކުލަބްގެ އަންހެން އަދި ފިރިހެން ޓީމާ އެކު ވެސް މި ކާމިޔާބީ ހޯދައިފަ އެވެ. މިއީ ހާލީ ޕޮލިސް ނޫން ކުލަބަކާ އެކު މި ކާމިޔާބީ ހޯދި ފުރަތަމަ ފަހަރެވެ. މި ކާމިޔާބީ ހާއްސަވާ އެންމެ ބޮޑު ސަބަބަކީ ހުރިހާ މެޗަކުން މޮޅުވެގެން ހޯދި ކާމިޔާބެއް ކަމަށް ވުމެވެ.