Advertisement

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރާ އާ ސްކޫލުގެ ބިންގާ އަޅައިފި

25 ޑިސެންބަރު 2023 - 18:09 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

މިއަދުގެ ރަސްމިއްޔާތުގައި ރައީސް އާ ސްކޫލުގެ ބިންގާ އަޅުއްވަނީ: އެއީ 2021 ވަނަ އަހަރު ޑިޒައިން އެންޑް ބިލްޑް އުސޫލުން އަޅަން ހަވާލު ކުރި އިމާރާތެއް -- ފޮޓޯ: ރައީސް އޮފީސް


ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރާ އާ ސްކޫލުގެ ބިންގާ އަޅައިފި

25 ޑިސެންބަރު 2023 - 18:09 0

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އިމާރާތް ކުރާ އާ ސްކޫލުގެ ބިންގާ މިއަދު އަޅައިފި އެވެ.

ސްކޫލުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މި ސަރުކާރުގެ އެންމެ ބޮޑު މަޝްރުއޫއަކީ ސިކުނޑިތައް ބިނާކުރުން ކަމަށެވެ. މި ސަރުކާރުގެ ފުރަތަމަ އިމާރާތަކީ ތައުލީމަށް ބިނާ ކުރާ ތަނަކަށް ހެދުމަކީ އަމާޒެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މި ސްކޫލު ވެގެން ދާނީ މިތަނުގައި ދިރިއުޅޭ ހުރިހާ އާއިލާތަކުގެ ހިތަށް ލިބޭ ތަސައްލީއަކަށް. އާރުސީސީގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިވަޑައިގެން ކޮންޓްރެކްޓާ ފައިނޭންސް މޮޑެލްގެ ދަށުން މި މަސައްކަތް މި ކުރިއަށް ގެންދަނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޖެނުއަރީ މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށި، ގިނަވެގެން 18 މަސް ދުވަހުގެ ތެރޭގައި ސްކޫލުގެ ހުރިހާ މަސައްކަތެއް ނިންމާލެވޭނެ ކަމަށެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން އެ ސްކޫލް އިމާރާތް ކުރަން ހަވާލުކޮށްފައި ވަނީ 2021 ވަނަ އަހަރެވެ.

ރައީސްގެ ވާހަކަފުޅުގައި ހުޅުމާލޭ ދެވަނަ ފިޔަވައްސަކީ މާބޮޑު އަޅާލުމެއް ނުލިބި އޮތް ތަނެއްކަން ފާހަގަކުރި އެވެ. މިއަދު ބިންގާ އެޅި ސްކޫލަކީ ދެވަނަ ފިޔަވަހި ތަރައްގީކުރުމުގެ މަސައްކަތުގެ ވެސް ބިންގާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ޕާކުތަކާއި މައިޒާންތަކާއި، އިޖްތިމާއީ ބޭނުންތަކަށް އިމާރާތްކުރެވޭ ތަންތަން އަދި އިގްތިސާދީ އެކި ބޭނުންތަކަށް ތަރައްގީ ކުރެވޭ ތަންތަނާ، މި ހުރިހާ ކަމެއް ހިމެނިގެން ދާ ގޮތަށް އިރާދަކުރެއްވިއްޔާމު މިތަނުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ފުރިހަމަކަން ގެނެސްދިނުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ސިޔާސަތެއް،" ރައީސް ވިދާޅުވި އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް އިމާރާތް ކުރެވޭ ސްކޫލަކީ 54 ކްލާސް ރޫމާ އެކު، 1700 އަށްވުރެ ގިނަ ދަރިވަރުންގެ ކެޕޭސިޓީގެ ސްކޫލެކެވެ.

ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި ހިއްކި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަދި ހުރީ ސަލާހުއްދީން ސްކޫލު އެކަންޏެވެ. އެ ސްކޫލު ހުޅުވާފައި ވަނީ މި ދިރާސީ އަހަރުގެ ކިޔެވުމާއެކު އެވެ. އެ ސްކޫލުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ ފަހުކޮޅުގައެވެ. އެ މަސައްކަތް ހަވާލުކުރީ 118.35 މިލިއަން ރުފިޔާއަށެވެ.