ޕެންޝަން އޮފީހުން ބޭއްވި މައުލޫމާތު ދިނުމުގެ އިވެންޓެއްގެ ތެރެއިން.
މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމް (އެމްއާރްޕީއެސް) ހިންގުމަށް ނަގަމުން އަންނަ އިދާރީ ފީ, އަންނަ ޖެނުއަރީ 1، ވަނަ ދުވަހުން ފެށިގެން ކުޑަކުރަން ޕެންޝަން އޮފީހުގެ ބޯޑުން ނިންމައި އެކަން މިއަދު ގެޒެޓުގައި އިއުލާނުކޮށްފި އެވެ.
އެމްއާރްޕީއެސް ހިންގުމަށް އިދާރީ ފީ ނަގަނީ ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގެ ހަތް ވަނަ މާއްދާގެ ދަށުންނެވެ.
މިހާތަނަށް ޕްރީ ރިޓަޔާމަންޓް ފަންޑުންނާއި ޕޯސްޓް ރިޓަޔާމަންޓް ފަންޑުން, އިދާރީ ފީ ގޮތުގައި ނަގަނީ 0.6 ޕަސެންްޓާ ދެމެދުގެ އަދަދެކެވެ. އަލަށް ގެނައި ބަދަލާއެކު, ދެ ފަންޑުން އިދާރީ ފީ ގެ ގޮތުގައި ނަގާނީ ދެ މިންވަރެކެވެ.
އެގޮތުން ޕްރީ ރިޓަޔާމަންޓް ފަންޑުތަކުން ޖެނުއަރީ 1، އިން ފެށިގެން ނަގާނީ އަހަރަކު 0.5 ޕަސެންޓެވެ. އަދި ޕޯސްޓް ރިޓަޔާމަންޓް ފަންޑުތަކުން ޖެނުއަރީ 1 އިން ފެށިގެން އަހަރަކަށް ނަގާނީ 0.3 ޕަސެންޓެވެ.
ޕްރީ ރިޓަޔާމަންޓް ފަންޑުތަކަކީ ޕެންޝަން ލިބޭ އުމުރު ހަމަނުވާ މެމްބަރުންގެ ފައިސާ އިންވެސްޓްކުރެވޭ ފަންޑުތަކެކެވެ. މި ފަންޑުތަކުގައި އިސްކަންދެނީ އިންވެސްޓްމަންޓްތަކުން ނެރެވޭ ނަފާ އިތުރުކޮށް ފައިސާގެ އަގު ހިފެހެއްޓުމަށެވެ.
ޕޯސްޓް ރިޓަޔާމަންޓް ފަންޑުތަކަކީ ޕެންޝަން ލިބޭ އުމުރު ހަމަވެފައިވާ މެމްބަރުންގެ ފައިސާ އިންވެސްޓްކުރެވޭ ފަންޑުތަކެކެވެ. މި ފަންޑުތަކުގައި އިސްކަންދެނީ ކޮންޒަވެޓިވްކޮށް އިންވެސްޓްކޮށްގެން ފައިސާގެ އަގު ހިފެހެއްޓުމަށެވެ.
ޕެންޝަން އޮފީހުން ބުނި ގޮތުގައި އިދާރީ ފީ ނެގުމުގެ މަގުސަދަކީ، އެމްއާރްޕީއެސް ހިންގުމުގެ ހަރަދުތައް ހަމަޖެއްސުމެވެ. އެ ހަރަދުތަކުގެ ތެރޭގައި ހިސާބު ބެލެހެއްޓުމުގެ ހަރަދާއި, އިންވެސްޓްކުރުމުގެ ކަންކަމަށްދާ ހަރަދާއި، މާލީ ގޮތުން ކުރެވޭ މުއާމަލާތްތަކާ ގުޅިގެން ހިނގާ ހަރަދާއި، ކަސްޓޯޑިއަންގެ ހަރަދު އަދި އޯޑިޓްކުރުމަށް ހިނގާ ހަރަދުތައް ހިމެނެ އެވެ.
މިއީ ޕެންޝަން ގާނޫނު ވުޖޫދުވި ފަހުން މި އަދަދު ކުޑަކުރާ ހަތަރު ވަނަ ފަހަރެވެ. މީގެ ކުރިން ކުޑަކުރީ 2015، 2017 އަދި 2018 ގަ އެވެ.
އެމްއާރްޕީއެސްގައި ބައިވެރިވުމަކީ، ރާއްޖޭގައި ވަޒީފާއަދާކުރާ އުމުރުން 16 އަހަރާއި، 65 އަހަރާ ދެމެދުގެ ދިވެހިން ގާނޫނުން މަޖުބޫރުކަމެކެވެ. އެމްއާރްޕީއެސް އަށް ޖަމާވާނީ އެ މުވައްޒަފެއްގެ ޕެންޝަނަށް ބަލާ މުސާރަ ކަމަށްވާ އަސާސީ މުސާރައިގެ ހަތް ޕަސެންޓެވެ. އެ އަދަދު ވަޒީފާދޭ ފަރާތުން ވެސް ޖަމާކުރަން ޖެހޭނެ އެވެ.
މިގޮތުން ޖަމާކުރާ ފައިސާ, ޕެންޝަން ގާނޫނުގައިވާ ގޮތުގެ މަތިން ޕެންޝަން އޮފީހުން އިންވެސްޓްކުރެ އެވެ.
އެމްއާރްޕީއެސްގައި ހުންނަ ފައިސާ ކޮންމެ މީހަކަށް ވެސް ލިބޭނީ އުމުރުން 65 އަހަރު ފުރި ރިޓަޔާވުމުންނެވެ. ނަމަވެސް ވަކި ޝަރުތުތަކެއް ހަމަވާ ނަމަ 55 އަހަރުގައި އާލީ ރިޓަޔަމަންޓް ނެގިދާނެ އެވެ.
ރިޓަޔާކުރުމުގެ ކުރިން އެ ފައިސާ ބޭނުންކުރެވޭނެ އޮންނަނީ މިވަގުތު ދެ ހާލަތެކެވެ. އެއީ ހައުސިން ޑައުންޕޭމަންޓް ދެއްކުމަށާއި ހައްޖު އަދާ ކުރުމަށަށެވެ. ނަމަވެސް އެ ދެ ހާލަތުގައި ވެސް އެ ފައިސާ ބޭނުންކުރެވޭނީ ކަނޑައެޅިފައިވާ ވަކި އުސޫލެއްގެ ދަށުން, ވަކި ޝަރުތުތަކާއެކު އެވެ.
Comment