Advertisement

ދިވެއްސެއްގެ ފުރާނައަށް ވުރެ ސިޔާސީ އެޖެންޑާ އިސްކުރާ ކަމަށް އެމްޑީޕީން ތުހުމަތުކޮށްފި

25 ޑިސެންބަރު 2023 - 12:36 3

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

އިންޑިއާ އިން ހަދިޔާކޮށްފައި އޮންނަ ޑޯނިއާ މަތިންދާ ބޯޓު : ނާއިޝް ހޯދަން ހިންގާ އޮޕަރޭޝަނުގައި ޑޯނިއާ ބޭނުންނުކުރާތީ އިދިކޮޅު އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި - ފޮޓޯ: އެމްއެންޑީއެފް


ދިވެއްސެއްގެ ފުރާނައަށް ވުރެ ސިޔާސީ އެޖެންޑާ އިސްކުރާ ކަމަށް އެމްޑީޕީން ތުހުމަތުކޮށްފި

25 ޑިސެންބަރު 2023 - 12:36 3

އިހި ނަގަން އުޅެނިކޮށް ގެއްލުނު މުހައްމަދު ނައީޝް ހޯދުމުގައި، ސިޔާސީ އެޖެންޑާ އިސްކުރާ ކަމަށް ބުނެ މައި އިދިކޮޅު ޕާޓީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމްޑީޕީއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ނައީޝް ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަތާ 72 ގަޑިއިރަށްވުރެ ގިނައިރު ވެފައިވާއިރު، އަދިވެސް ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ހުރިހާ ވަސީލަތެއް ބޭނުން ނުކުރާ ކަމަށެވެ. އެއީ އިންތިހާއަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް އެޕާޓީން ބުނެ ވެއެވެ.

"ދިވެއްސެއްގެ ފުރާނައަށްވުރެ ސިޔާސީ އެޖެންޑާއެއް އިސްކުރުމަކީ މިޕާޓީން އެއްގޮތަކަށް ވެސް ބަލައިގަންނާނެ ކަމެއް ނޫނެވެ. ނައީޝް ހޯދުމުގެ އޮޕަރޭޝަނުގައި މި ވަގުތު ރާއްޖޭގައި ލިބެން ހުރި ހުރިހާ ވަސީލަތްތަކެއްގެ ބޭނުން ހިފުމަށް ސަރުކާރަށް ގޮވާލަމެވެ." އެމްޑީޕީން ބުނެ އެވެ.

އެމްޑީޕީން ބުނީ، މިފަދަ އޮޕަރޭޝަންތަކުގައި ޒަމާނުއްސުރެ އެކުވެރި ގައުމުތަކާ ގުޅިގެން، އެ ގައުމުތަކުން ލިބޭ ވަސީލަތްތައް ބޭނުންކުރާ ކަަމަށެވެ. ނައީޝް ހޯދުމުގެ އޮޕަރޭޝަނުގައި އެ ވަސީލަތްތައް ބޭނުން ނުކުރާތީ ކަންބޮޑުވާކަމަށް އެމްޑީޕީއިން ބުނެ އެވެ.

"ރާއްޖޭގެ ސިފައިންނާއި ބޭރު ގައުމުތަކާ އެކު ގުޅިގެން ކުރިއަށް ގެންދިޔަ މިފަދަ 1،996 އޮޕަރޭޝަނެއްގައި 3,452 މީހުން ސަލާމަތް ކުރެވިފައި ވުމަކީ މި ދެންނެވި ވަސީލަތްތައް ބޭނުންކުރުމުން އޮޕަރޭޝަންތަކުގެ ކާމިޔާބީގެ ރޭޓު މަތިކަން ހާމަކޮށްދޭ ކަމެކެވެ," އެމްޑީޕީގެ ބަޔާނުގައި ބުނެ އެވެ.

އެމްޑީޕީއިން ނުރުހުން ފާޅުކޮށްފައި ވަނީ ނައީޝް ހޯދުމުގައި އިންޑިއާއިން ހަދިޔާކުރި ޑޯނިއާ މަތިންދާބޯޓު ބޭނުން ނުކުރުމުން ސަރުކާރަށް ފާޑުކިއުން އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.

މީގެ ކުރިން މީހުން ހޯދުމުގެ އޮޕަރޭޝަންތަކުގައި އިންޑިއާއިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާ ބޯޓު ބޭނުން ކުރެ އެވެ. ނަމަވެސް މި އޮޕަރޭޝަނުގައި އެ މަތިންދާ ބޯޓު ބޭނުން ނުކުރާތީ، ހުރި ވަސީލަތެއްގެ ބޭނުން ކުރުމަށް އެދި މީހުން ދަނީ ސޯޝަލް މީޑިއާގައި ހިޔާލު ފާޅު ކުރަމުންނެވެ.

އެ އޮޕަރޭޝަނުގައި ޑޯނިއާ ބޭނުން ކުރަމުން ނުދާއިރު އިންޑިއާ ސިފައިންގެ ހެލިކޮޕްޓަރު އޮޕަރޭޝަންތަކާއި ޑޯނިއާ މަތިންދާބޯޓުގެ އޮޕަރޭޝަންތައް ހުއްޓާލުމަށް މިހާތަނަށް ސަރުކާރުން އަންގާފައި ނުވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވަނީ މި މަހުގެ 17 ގައި ވިދާޅުވެފަ އެވެ.

އެހެންވިޔަސް އިންޑިއާއިން ހަދިޔާކޮށްފައިވާ އެ އުޅަނދުތައް އޮޕަރޭޓްކުރުމުގައި ރާއްޖޭގައި ހަރަކާތްތެރިވާ އިންޑިއާ އަސްކަރިއްޔާގެ 77 އިންސާނީ ހިދުމަތްތެރިން ފޮނުވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ކަމަށް އިންޑިއާ ސިފައިން ފޮނުވާލުމަށް އެ ގައުމުގެ ސަރުކާރުގައި އެދިފައިވާ ކަމަށް އެމަނިކުފާނު ކުރިން ވިދާޅުވެފައިވެ އެވެ.