Advertisement

ސްކޫލް ޗުއްޓީގައި ބަލިތަކަށް ސަމާލުވެ، ރައްކާތެރިވުމަށް އެޗްޕީއޭގެ އިލްތިމާސް

24 ޑިސެންބަރު 2023 - 14:08 0

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

ސްކޫލް ބަންދުގައި ދަތުރުތައް ކުރަމުން ދާއިރު ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން އިލްތިމާސް ކުރޭ - ފޮޓޯ: އެޗްޕީއޭ


ސްކޫލް ޗުއްޓީގައި ބަލިތަކަށް ސަމާލުވެ، ރައްކާތެރިވުމަށް އެޗްޕީއޭގެ އިލްތިމާސް

24 ޑިސެންބަރު 2023 - 14:08 0

ސްކޫލް ޗުއްޓީގައި ދަތުރުތައް ކުރާއިރު ބަލިތަކަށް ސަމާލުވެ، ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފި އެވެ.

މި ފެށޭ ހަފްތާއަކީ ސްކޫލް/ކޮލެޖް/ޔުނިވާސިޓީތަކަށް ޗުއްޓީ ފެށޭ ހަފްތާ ކަމަށްވެފައި ގިނަ އަދަދެއްގެ މީހުން ރާއްޖެއިން ބޭރަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރު ކުރާނެ ދުވަސްތަކަކަށް ވާނެތީ އާއި ކުރިއަށް އޮތް ދުވަސްވަރުގައި ރާއްޖެއިން އުމުރާގެ އަޅުކަމަށް ގިނަ އަދަދެއްގެ މީހުން ގޮސް އައިސްވާނެ ދުވަސްތަކަކަށްވާތީ މި ދުވަސްވަރު ބަލިތައް އިތުރުވާނެ ކަމަށް އެޗްޕީއޭއިން ލަފާ ކުރެ އެވެ.

އެގޮތުން، އެހެން އަހަރުތަކަކޭ އެއްފަދައިން އަރިދަފުސް ރޯގާ، ވައިރަލް ހުން އަދި ނޭވަލާ ނިޒާމަށް ޖެހޭ ގައިންގަޔަށް އަރާ ބަލިތައް މި ދުވަސްވަރު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

"އަދި މިހިނގާ ޑިސެންބަރ މަހުގެ ތެރޭގައި ކޮވިޑް-19 ގެ އައު ވޭރިއަންޓް JN.1 ދުނިޔޭގެ ގިނަ ގައުމުތަކުގައި ފެނި ކޮވިޑް-19 ފެތުރުން އިތުރުވެފައިވޭ،" އެޗްޕީއޭ އިން ބުނެ އެވެ.

ބަލިތަކުން ރައްކާތެރިވުމަށް ކުރެވޭނެ ބައެއް ކަންކަން އެޗްޕީއޭ އިން ފާހަގަކޮށްފައިވެ އެވެ. އެގޮތުން ކެއްސައި، ކިނބިހި އަޅާއިރު އަނގަ އާއި ނޭފަތް ކުޑަ ރުމާލަކުން ނުވަތަ ޓިޝޫއަކުން ނިވާކޮށް، އެ ތަކެތި ރައްކާތެރި ކަމާއެކު ނައްތާލުމަށާއި، މާސްކު ބޭނުން ކުރުމަށް އަދި އާންމު ސާފުތާހިރު ކަމަށް ސަމާލު ކަން ދިނުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެ އެވެ.

ރޯގާ ޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދު ކުރުމާއި މިފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިޔުމަށާއި ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު ބަލިމީހާ އާއެކު ވީހާވެސް މަދުމީހުން ދިއުމާއި އަދި ކޮންމެހެން ހޮސްޕިޓަލަށް ދާންޖެހޭ ހާލަތެއްގައި މެނުވީ ހޮސްޕިޓަލަށް ނުދިއުމަށް އެޗްޕީއޭ އިން އިރުޝާދު ދީފައިވެ އެވެ.

އޭގެ އިތުރުން، ރޯގާ ޖެހި ހުން އައިސް ރަނގަޅު ނުވެ ގިނަ ދުވަސްވާނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމާ އެކު، ވީހާވެސް ބޮޑަކަށް އެހެން މީހުންނާ އެކަހެރިވުމަށް އިލްތިމާސް ކޮށްފައިވެ އެވެ.

އެޗްޕީއޭގެ އިލްތިމާސްގައި ވެކްސިން ޖެހުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެދިފައިވެ އެވެ.

އެގޮތުން، އުމުރުން ދުވަސްވީ މީހުންނާއި ގިނަ ބަލިތަކަކަށް ބޭސްކުރާ މީހުން ކޮވިޑް ވެކްސިން ޖެހުމަށާއި އުމުރުން ދުވަސްވީ މީހުންނާއި ފަސް އަހަރުން ދަށުގެ ކުޑަކުދިންނާއި މާބަނޑު އަންހެނުންނާއި ދިފާއީ ނިޒާމު ބަލިކަށި ވެފައިވާ މީހުން އިންފުލުއެންޒާ އިން ރައްކާތެރިވުމަށް އިންފުލުއެންޒާ ވެކްސިން ޖެހުމަށް އެޗްޕީއޭގެ އިލްތިމާސްގައިވެ އެވެ.

ހުން އައިސް، އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ އަރާމުކޮށް، ގިނައިން ދިޔާ ތަކެތި ބޭނުން ކުރުމަށް އެދިފައިވެ އެވެ. އަދި ޕެރެސެޓެމޯލް ފިޔަވައި އެހެން ބޭހެއް ބޭނުން ކުރާނަމަ، ޑޮކްޓަރެއްގެ އިރުޝާދު ހޯދުމަށް ވެސް އެދިފައިވެ އެވެ.

އޭގެ އިތުރުން, މަދިރިން ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް، މަދިރި ހެފުމުން ރައްކާތެރިވުމަށާއި މަދިރި އުފެދި އާލާވާގޮތަށް އެއްޗެއްސާއި ތަންތަން ނުބެހެއްޓުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭގެ އިލްތިމާސްގައިވެ އެވެ.

ސްކޫލްތަކާއި ކޮލެޖުތަކުގެ ދަރިވަރުންނަށް ކިޔެވުން ބަންދުވެ، މި ޗުއްޓީ ތެރޭގައި ގިނަ ބަޔަކު އަންނަނީ އެކި ބޭނުންތަކަށް ދަތުރުތައް ކުރަމުންނެވެ.