Advertisement

އެސޯސިއޭޝަން ކަޕް: އަލަށް ވާދަކުރާ ސިޓީ ފައިނަލަށް، ތިން ވަނަ ސެމީގައި އާބަންކޯ އާއި ވެމްކޯގެ ކުރިމަތިލުމެއް

24 ޑިސެންބަރު 2023 - 10:28 0

އަތޫފް އާތިފް

އަތޫފް އާތިފް

ސިޓީ ސްޕޯޓްސް ކްލަބް ކުޅުންތެރިން އުފާފާޅުުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


އެސޯސިއޭޝަން ކަޕް: އަލަށް ވާދަކުރާ ސިޓީ ފައިނަލަށް، ތިން ވަނަ ސެމީގައި އާބަންކޯ އާއި ވެމްކޯގެ ކުރިމަތިލުމެއް

24 ޑިސެންބަރު 2023 - 10:28 0

ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ ފިރިހެން ޑިވިޝަނުގައި މުޅިން އަލަށް ވާދަކުރާ ސިޓީ ސްޕޯޓްސް ކުލަބުން އާބަންކޯ ބަލިކޮށް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދިއިރު، އެންމެ ފަހުގެ ޗެމްޕިއަން ސްޕޯޓްސް ކުލަބް ސިޓީ ބަލިކޮށް ކުލަބް ވެމްކޯ އިން ތިން ވަނަ ސެމީއަށް ދަތުރުކޮށްފި އެވެ.

އިއްޔެ ހަވީރު ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު އެސޯސިއޭޝަން ކަޕުގެ ފިރިހެން ޑިވިޝަނުގެ ސެމީ ފައިިނަލް ފުރަތަމަ މެޗުގައި ވެމްކޯއިިން ނުކުތީ އެންމެ ފަހުގެ ޗެމްޕިއަން ސްޕޯޓްސް ކުލަބް ސިޓީއާ ދެކޮޅަށެވެ.

އެ މެޗު ފަސޭހަކަމާ އެކު ވެމްކޯ އިން ވަނީ ސީދާ ތިން ސެޓުން ކާމިޔާބުކޮށްފަ އެވެ. މި މެޗުގެ ފުރަތަމަ ދެ ސެޓުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މި ދެ ސެޓު ވެމްކޯއިން ކާމިޔާބުކުރީ 25-22 އަދި 25-20 އިންނެވެ. ތިން ވަނަ ސެޓުގައި ސިޓީގެ ފަރާތުން ފެނިގެންދިޔައީ އާދައިގެ ގޮތަކަށެވެ. އޭގެ ފައިދާ ނަގާ މި ސެޓު ވެމްކޯއިން ކާމިޔާބުކުރީ 25-19 އިންނެވެ.

އިއްޔެ ކުޅުނު ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި ބައްދަލުކުރީ ގްރޫޕް ސްޓޭޖުގެ އެއް ވަނަ ހޯދި ދެ ޓީމެވެ. އެއީ އާބަންކޯ އާއި ސިޓީ ސްޕޯޓްސް ކުލަބެވެ. މި ދެ ޓީމަކީ ވެސް މި މުބާރާތުގައި މުޅިން އަލަށް ވާދަކުރާ ދެ ޓީމެވެ. މި މެޗު ސިޓީ ސްޕޯޓްސް ކުލަބުން ކާމިޔާބުކުރީ 3-1 ސެޓުންނެވެ.

ސިޓީ ސްޕޯޓްސް ކްލަބާއި އާބަންކޯ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކާ އެކު މި މުބާރާތައް ނުކުތް އާބަންކޯ ބަލިކުރުމުގެ އެންމެ ބޮޑު ހިއްސާއެއް އޮތީ ސިޓީގެ ބިދޭސީ ކުޅުންތެރިޔާ އޮމްރޮބެކް ޒުހުންސޯ އެވެ. މުޅި މި މެޗުގައި ވެސް އެންމެ ވާދަވެރިކޮށް ފެނުނީ ފުރަތަމަ ސެޓެވެ. މި ސެޓު ސިޓީ ސްޕޯޓްސް ކުލަބުން ކާމިޔާބުކުރީ 30-28 އިންނެވެ.

އެކަމަކު ޖެހިގެން އައި ދެވަނަ ސެޓުގައި އާބަންކޯ ފެނިގެންދިޔައީ ތަފާތުކޮށެވެ. ތަޖުރިބާކާރު ކުޅުންތެރިޔާ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި ޝަމާއިލް ހުސެއިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި ސެޓު އާބަންކޯއިން ކާމިޔާބުކުރީ 25-22 އިންނެވެ.

އެކަމަކު ޖެހިގެން އައި ދެ ސެޓުގައި އާބަންކޯގެ ފަރާތުން ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ. އޭގެ ފައިދާ ނަގައި، ކޯޗު މުހައްމަދު ޝަރަފްގެ އިރުޝާދުގެ ދަށުުން ތަފާތު ދައްކަމުން އަންނަ، ސިޓީ ސްޕޯޓްސް ކުލަބުން މި ދެ ސެޓު ކާމިޔާބުކުރީ 25-15 އަދި 25-20 އިންނެވެ.

މި މުބާރާތުގެ ތިން ވަނަ ސެމީގައި އާބަންކޯ ނުކުންނާނީ ފުރަތަމަ ސެމީ ކާމިޔާބުކުރި ވެމްކޯއާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ މިރޭ، 20:15 ގަ އެވެ.