Advertisement

ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް އަކަށް ލަތީފް އިންތިހާބުކޮށްފި

27 މާރިޗު 2024 - 04:06 0


ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް އަކަށް ލަތީފް އިންތިހާބުކޮށްފި

27 މާރިޗު 2024 - 04:06 0

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސްގެ މަގާމަށް، ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ ރައީސްގެ މަގާމު ދެ ވަނަ ދައުރަކަށް ފުރުއްވަމުން އަންނަ މުހައްމަދު ލަތީފް (ލަތީބެ) އިންތިހާބުކޮށްފި އެވެ.

ލަތީފް، އިންތިހާބުވީ، މިހާރު ހިނގަމުންދާ ވޮލީ އެސޯސިއޭޝަންގެ ހިންގާ ބޯޑުގެ ދައުރުގައި ބާކީ އޮތް އަހަރަށެވެ.

ދެ ފަހަރެއްގެ މަތިން އިންތިހާބަށް އިއުލާނުކުރުމުން ވެސް ކުރިމަތިލެއްވީ، ލަތީފް އެކަންޏެވެ. އެހެންވެ، ވޮލީބޯލް އެސޯސިއޭޝަންގެ އަސާސީ ގަވާއިދުގައިވާ ގޮތަށް އެންމެ ފަރާތަކުން ހުސްވެފައިވާ ކޮންމެ މަގާމަކަށް ކުރިމަތިލާފައިވާތީ، އެ ފަރާތްތަކުގެ ކެންޑިޑެސީ ސައްހަވުމާ އެކު، މަގާމަށް އިންތިހާބުކުރަން ނިންމީ މެމްބަރު ކްލަބްތަކުގެ ހާޒިރުގަ އެވެ.

އޯޓީޕީ ބައި ސޮލައިޓްގައި ރޭ ބޭއްވި ވީއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި، ވޮލީ އެސޯސިއޭޝަންގެ މެމްބަރު 10 ކްލަބްގެ ތެރެއިން އަށް ކްލަބް ބައިވެރިވި އެވެ.

ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމިއްޔާ، އެފްއައިވީބިގެ މަންދޫބެއް އޮންލައިންކޮށް ބައިވެރިވި، މި ކޮންގްރެސްގައި، ކޮމިޝަނާ އޮފް ސްޕޯޓްސް، އާއި ކާވާ އޮބްޒާވަރުން ވެސް ހާޒިރުވި އެވެ.

ރޭ ބޭއްވި ވޮލީބޯލް އެސޯސިއޭޝަންގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ތެރެއިން މަގާމުތަކަށް އިންތިހާބުވި ފަރާްތްތަކާއި ހިންގާ ކޮމިޓީގައި ހިމެނޭ މެމްބަރުން.


ހުސްވެފައިވާ ވޮލީބޯލް އެސޯސިއޭޝަންގެ މަގާމުތަކަށް ރޭ އިންތިހާބުވި ފަރާތްތަކަށް ބަލާއިރު، ސީނިއާ ނައިބު ރައީސަކަށް މުހައްމަދު ސާޖިދު (ބޮޑުކާއްޓެ)، ނައިބު ރައީސް ވޮލީބޯލްގެ މަގާމަށް އަލީ ލަތީފް، ނައިބު ރައީސް އިދާރީގެ މަގާމަށް އިއްޒަތު ވަހީދު، ނައިބު ރައީސް/އަންހެން މަގާމަށް އާއިދާ އަބްދުލް ހަކީމް، ހިންގާ ކޮމިޓީ މެމްބަރުންގެ މަގާމަށް ފަތުހުﷲ ވަހީދު (ފައްލޯ)، ސޮފްވާން އަހުމަދު ޝިޔާމް އަލީ އަދި ހިންގާ ކޮމިޓީ މެމްބަރު/އަންހެން މަގާމަށް އައިޝަތު ފަތީނަތު ވަނީ އިންތިހާބުވެފަ އެވެ.

ވޮލީ އެސޯސިއޭޝަންގެ އިންތިހާބީ ނައިބު ރައީސް، އަޝްރަފް އަލީ (އަޝްރާ) މި ބައްދަލުވުމުގައި ވެސް ބައިވެރިނުވެ އެވެ.

ވޮލީ އެސޯސިއޭޝަން ހިންގެވުމުގެ ޒިންމާ ނެންގެވި، ލަތީފް ވަނީ، 2016-2019 އަށް ވީއޭއެމްގެ ރައީސްގެ މަގާމު ފުރުއްވައިފަ އެެވެ. ލަތީފް އަތުން ވޮލީ އެސޯސިއޭޝަންގެ ރައީސްގެ މަގާމު ގެއްލުނީ، މިދިޔަ ސަރުކާރުގެ ކޮމިޝަނާ އޮފް ސްޕޯޓްސް، ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ)، ވޮލީ އެސޯސިއޭޝަންގެ މައްސަލައެއް ބަަލައި، އޭރު އޮތް ލަތީފްގެ ހިންގާ ކޮމިޓީ އުވާލައި، އެސޯސިއޭޝަން އިންޓަރިމް ހާލަތަކަށް ގެންނަން ނިންމުމުންނެވެ.

އޭގެ ފަހުން، ވޮލީގެ އިދާރީ ހިންގުން މައްސަލަތަކެއްގެ ތެރޭގައި އޮތުމަށް ފަހު، ވޮލީ އެސޯސިއޭޝަން އިންތިހާބެއް ބާއްވައި، މުހައްމަދު ރަނޭޝް (ރަނޭ)، އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް އިންތިހާބުވީ، 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގަ އެވެ.

ރަނޭ މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ވީއޭއެމްގެ ރައީސްގެ މަގާމުން އިސްތިއުފާދިންއިރު، ރޭ މަގާމުތަކަށް އިންތިހާބުވި ފަރާތްތަކުގެ ދައުރު އަންނަ އަހަރުގެ އޭޕްރީލް މަހަށް ހަމަވާނެ އެވެ.

ވޮލީބޯލް އެސޯސިއޭޝަންގެ އިންތިހާބު ބާއްވަން ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް، ފުރުސަތު ދެއްވީ ކަންތައްތަކެއް ފުރިހަމަކުރުމަށް ޝަރުތުކޮށެވެ. އެންމެ މުހިންމު ކަމަކަށް ނިންމަން އަންގާފައިވަނީ، 90 ދުވަހުގެ ތެރޭގައި ވޮލީބޯލް އެސޯސިއޭޝަންގެ މިދިޔަ ހަތަރު އަހަރުގެ އޮޑިޓްގެ ކަންކަން ފުރިހަމަ ކުރުމަށެވެ.