Advertisement

ސުޕަ ލީގަށް ޔޫރަޕްގެ ގިނަ ކްލަބުތަކުގެ ތާއީދެއް ނެތް

24 ޑިސެންބަރު 2023 - 10:30 0


ސުޕަ ލީގަށް ޔޫރަޕްގެ ގިނަ ކްލަބުތަކުގެ ތާއީދެއް ނެތް

24 ޑިސެންބަރު 2023 - 10:30 0

ލުޒޭން (ޑިސެމްބަރު 24) - ޔޫރަޕްގެ ބޮޑެތި ކްލަބުތައް ހިމަނައިގެން އުފައްދަން އުޅުނު ސުޕަ ލީގު ޔުއޭފާ އިން ހުއްޓުވީ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގާނޫނާ ހިލާފަށް ކަމަށް ކޯޓުން ނިންމި ނަމަވެސް، ސުޕަ ލީގަށް މިހާރު ޔޫރަޕްގެ ބޮޑެތި ގިނަ ކްލަބުތަކުގެ ތާއީދެއް ނެތްކަން ހާމަވެއްޖެ އެވެ.

ޔޫރަޕްގެ ކްލަބުތަކުން ޔުއޭފާ އިން ވަކިވެ، ވަކިން ސުޕަ ލީގުގެ ނަމުގައި މުބާރާތް ފެށުމަށް އެއްބަސްވެފައިވާކަން ޔޫރަޕްގެ ބޮޑު 12 ކްލަބަކުން އިއުލާންކުރީ 2021 ވަނަ އަހަރުގެ ކުރީކޮޅުއެވެ. އެހެން ނަމަވެސް، އެކަން ހުއްޓުވުމަށް ޔުއޭފާ އާއި ފީފާ އިން ވަނީ ސުޕަ ލީގުގައި ބައިވެރިވާ ކްލަބުތަކާއި ކުޅުންތެރިންނާމެދު ހަރުކަށި ފިޔަވަޅުއަޅާނެ ކަމަށް ބުނެފައެވެ. ޔުއޭފާ އާއި ފީފާގެ އިންޒާރުތަކާއެކު، 48 ގަޑިއިރުގެ ތެރޭގައި ސުޕަ ލީގު އުފެއްދުމަށް ތާއީދުކުރި 12 ކްލަބުގެ ތެރެއިން 9 ކްލަބަކުން ވަނީ ތާއީދު އަނބުރާ ގެންގޮސްފައެވެ. އޭގެ ތެރޭގައި ޕްރިމިއާ ލީގުގެ ހަ ކްލަބެއް ވެސް ހިމެނެއެވެ.

ޔުއޭފާ އާއި ފީފާ އިން ސުޕަ ލީގުގައި އުފައްދަން މަސައްކަތްކުރި ކްލަބުތަކާ ދެކޮޅަށް ފިޔަވަޅުތައް އަޅަން ބުނި މައްސަލައިގައި އީޔޫގެ އެންމެ މަތީ ކޯޓު ކަމަށްވާ ޔޫރަޕިއަން ކޯޓް އޮފް ޖަސްޓިސް (އީސީޖީ) އިން ކުރި ހުކުމުގައި ބުނެފައިވަނީ ސުޕަ ލީގު ހުއްޓުމަށް ފީފާ އާއި ޔުއޭފާ އިން މަސައްކަތްކުރީ އީޔޫގެ ގާނޫނާ ހިލާފަށް ކަމަށެވެ.

މި ނިންމުމާ ގުޅިގެން، ސުޕަ ލީގުން ވަނީ މުބާރާތުގެ ފޯމެޓަށް ބަދަލުތަކެއް ގެނެސް، 64 ޓީމާއެކު އެ ލީގު ފެށުމުށް މަސައްކަތް ފެށުމަށް ނިންމާފައިވާ ކަމަށް އިއުލާންކޮށްފަ އެވެ.

އެހެން ނަަމަވެސް، ސުޕަ ލީގުން އާ މުބާރާތް ފެށުމަށް މަސައްކަތްކުރަމުންދާ ކަމަށް އިއުލާންކުރުމާއެކު، ސުޕަ ލީގާ ދެކޮޅަށް ޔޫރަޕްގެ ބޮޑެތި ގިނަ ކްލަބުތައް ވަނީ ރަަސްމީކޮށް ބަޔާން ނެރިފައެވެ. އަދި ސަޕޯޓަރުންވެސް ދަނީ އެ ލީގަށް ދެކޮޅުވެރިކަން ފާޅުކުރަމުންނެވެ. ސުޕަ ލީގު އެންމެ ފުރަތަމަ އިއުލާންކުރުމާއެކުވެސް އެކަމާ އެންމެ ބޮޑަށް ދެކޮޅު ހެދީ ބޮޑެތި ކްލަބުތަކުގެ ސަޕޯޓަރުންނެވެ.

ސުޕަ ލީގަށް ތާއީދުކޮށް، އެ މުބާރާތް ކުރިއަށް ގެންދިއުމަށް މިހާރު ފާޅުގައި ތާއީދުކުރަނީ ސްޕެއިންގެ ރެއާލް މެޑްރިޑާއި ބާސެލޯނާއެވެ. އެއީ ސުޕަ ލީގުގެ ކުރިއަށް ގެންދިއުމަށް އެންމެ ފުރަތަމަވެސް ތާއީދުކުރި ދެ ކްލަބެވެ.

ބޮޑެތި ކްލަބުތަކުން ސުޕަ ލީގަށް ބުނަނީ ނޫނެކޭ

ސުޕަ ލީގު އުފެއްދުމުގެ މަސައްކަތް އަލުން ފެށުމާއެކު، އެކަމާ ދެކޮޅަށް ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓާޑައި މެންޗެސްޓާ ސިޓީ އަދި ޓޮޓެންހަމް ހޮޓްސްޕާ އިން ވަނީ ބަޔާން ނެރިފައެވެ. މި ތިން ކްލަބުންވެސް ބުނީ އެ ކްލަބުތައް ވާދަކުރަން ބޭނުންވަނީ ޔުއޭފާގެ މުބާރާތްތަކުގައި ކަމަށެވެ. މި ތިން ކްލަބަކީ އެންމެ ފުރަތަމަ ސުޕަ ލީގަށް ތާއީދުކުރި ތިން ކްލަބެވެ.

މީގެ އިތުރުން ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑުންވެސް ވަނީ ސުޕަ ލީގަށް ތާއީދުނުކުރާކަން ހާމަކޮށްފައެވެ. އެތުލެޓިކޯ އަކީ ވެސް ކުރިން ސުޕަ ލީގަށް ތާއީދުކުރި ކްލަބެކެވެ.

ސުޕަ ލީގަށް ބައިވެރިވުމަށް ކުރިންވެސް ދެކޮޅު ހެދި ޖަރުމަންގެ ބަޔާން މިއުނިކްގެ ސީ.އީ.އޯ ޔާން ކްރިސްޓިއަން ޑްރީސަން ބުނީ ސުޕަ ލީގަކީ ޔޫރަޕްގެ "ގައުމީ ލީގުތަކަށް ދޭ ހަމަލާއެއް" ކަމަށެވެ. އަދި ބަޔާން އިން ސުޕަ ލީގަށް ތާއީދުނުކުރާނެ ކަމަށެވެ.

އެމެރިކާގެ ކުޅިވަަރު މުބާރާތްތައް ހިންގާ ގޮތަށް، ރެލިގޭޝަން އަދި ޕްރޮމޯޝަނެއް ނެތި ބޮޑެތި ކްލަބުތައް އެއްކޮށްގެން ސުޕަ ލީގު ކުރިއަށް ގެންދިއުމަކީ ސަޕޯޓަރުންނަށް ކަމުދާ ގޮތެއް ނޫނެވެ. އެންމެ ބޮޑު އެއް ސަބަބަކީ، އާދައިގެ ކްލަބުތަކަށް ކުރިއަށް ދިއުމަށް ހުރަސްއެޅި، އެ ކްލަބުތަކަށް ލިބޭ ގެއްލުން ބޮޑުވުމެވެ. -- އޭއެފްޕީ