Advertisement

ކޮމިޝަނަރަކަށް ޝުޖާއު އައްޔަން ކުރަން ޕޮލިސް ބޯޑުން ލަފާ ދީފި

24 ޑިސެންބަރު 2023 - 12:41 0

ޕޮލިސް ކޮމިޝަނަރު ކަމަށް އައްޔަންކުރާ ޝުޖާއު


ކޮމިޝަނަރަކަށް ޝުޖާއު އައްޔަން ކުރަން ޕޮލިސް ބޯޑުން ލަފާ ދީފި

24 ޑިސެންބަރު 2023 - 12:41 0

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އައްޔަން ކުރަން ފެންނަ ކަމަށް ޕޮލިސް ބޯޑުން ނިންމައި، މިނިސްޓަރަށް ލަފާ ދީފި އެވެ.

ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލާން ހުޅުވައިލި ފުރުސަތު މި މަހު 19 ވަނަ ދުވަހު ހަމަވިއިރު، އެ މަގާމަށް ހުށަހެޅުއްވީ ޝުޖާއުގެ އިތުރުން އެސިސްޓެންޓު ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީން އެވެ.

ކޮމިޝަނަރު އައްޔަން ކުރާނީ ޕޮލިސް ބޯޑުން ވަޒަންކޮށް މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.

އަދަދު ނޫހަށް އެނގިފައިވާ ގޮތުގައި ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާނަށް ޕޮލިސް ބޯޑުން ފޮނުވީ ހަމައެކަނި ޝުޖާއުގެ ނަމެވެ.

ފުލުހުންގެ ގާނޫނުގައި ބުނެފައިވާ ގޮތުން ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކާ ޕޮލިސް ބޯޑުން އިންޓަވިއުކޮށް ގާބިލްކަން ވަޒަންކުރަންޖެހެ އެވެ. އަދި ކުރިމަތިލާ ފަރާތްތަކާ ގުޅޭ ގޮތުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑްގެ ރިޕޯޓެއް ޕޮލިސް ބޯޑުން ހޯދަންޖެހެ އެވެ.

އެ ރިޕޯޓުގައި ކޮމިޝަނަރުކަމަށް ކަނޑައެޅުމަށް އޭނާގެ ޝަރުތު ފުރިހަމަވާކަމާއި އޭނާގެ އަބުރުވެރިކަން ހުރި ނިސްބަތާއި ކޮމިޝަނަރުގެ މަގާމަށް އޭނާ އައްޔަންކުރަން ނުފެންނަ އެއްވެސް ސަބަބެއް އޮތް ކަމަށްވާ ނަމަ އެކަން ހާމަކުރަންޖެހެ އެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މުހައްމަދު ހަމީދު ނޮވެމްބަރު 15، ގައި ރިޓަޔާ ކުރެއްވުމުންނެވެ.