Advertisement

ގާޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން އިތުރުކުރަން އެމެރިކާ ރުހުނު ގޮތަށް އދ ގެ ގަރާރެއް

23 ޑިސެންބަރު 2023 - 06:33 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ގާޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން އިތުރުކުރަން އެމެރިކާ ރުހުނު ގޮތަށް އދ ގެ ގަރާރެއް

23 ޑިސެންބަރު 2023 - 06:33 0

އިޒްރޭލާއި ހަމާސްއާ ދެމެދު ކުރާ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައި ތިބި ގާޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުން އަވަސް ކުރުމަށް ގޮވާލައި، އެމެރިކާ ރުހުނުގޮތަށް އދ ގެ ސެކިއުރިޓީ ކައުންސިލުން ގަރާރެއް ފާސްކޮށްފި އެވެ.

ހަނގުރާމަ އެއްކޮށް ހުއްޓާލުމަށް މަގުފައި ކޮށްދިނުމަށް ވެސް ބާރުއަޅާފައިވާ އެ ގަރާރު ފާސްކޮށްފައި ވަނީ ސެކިއުރިޓީ ކައުންސިލުގެ 15 މެންބަރު ގައުމުގެ ތެރެއިން 13 ގައުމުގެ ތާއީދާ އެކު އެވެ. އެ ވޯޓުގައި ދުނިޔޭގެ އެންމެ ބޮޑު ދެ ބާރު، އެމެރިކާއާއި ރަޝިޔާއިން ބައިވެރިވެފައެއް ނުވެ އެވެ.

އދ ގެ ސެކިއުރިޓީ ކައުންސިލުން އެފަދަ ގަރާރެއް ފާސްކޮށްފައި މިވަނީ ފަލަސްތީނު ހަނގުރާމަ ހުއްޓައިލުމަށް ގޮވާލާ އަޑުތައް މުޅި ދުނިޔޭގައި ވެސް ގަދަވެފައިވާ ދަނޑިވަޅެއްގަ އެވެ. އެ ގަރާރުގައި ހަނގުރާމަ ހުއްޓައިލުމަށް ގޮވާލާފައި ނުވަނީ އެމެރިކާއިން ވީޓޯ ކޮށްފާނެ ކަމުގެ ބިރަށެވެ.

އެންމެ ފުރަތަމަ ގަރާރު ޑްރާފްޓު ކުރިއިރު، ވީހައިވެސް އަވަހަކަށް ދެމެހެއްޓިނިވި ގޮތެއްގައި ހަނގުރާމަ ހުއްޓައިލުމަށް ގޮވާލައި އިބާރާތެއް ހިމަނާފައި އޮތެވެ. އަދި ގާޒާއަށް ފޮނުވާ އިންސާނީ އެހީ ބަލައި ފާސް ކުރުމާއި އެފަދަ ހުރިހާ ބާރެއް އދ އަށް ދިނުމަށް ވެސް ޑްރާފްޓުގައި ހިމަނާފައި އޮތެވެ. ނަމަވެސް ފަހުން އެ އިބާރާތްތައް ބަދަލު ކުރީ މީގެ ކުރިން އެ އިބާރާތުން ލިޔެ އެ ކައުންސިލުން ފާސް ކުރަން އުޅުނު ގަރާރުތައް ވެސް އެމެރިކާއިން ވަނީ ވީޓޯ ކޮށްފައި ވާތީ އެވެ.

ގަރާރު ފާސްކުރީ ހަނގުރާމަ ހުއްޓައިލުމަށް ގޮވާލުމަށް ހިމަނާފައި އޮތް އިބާރާތް ހަނގުރާމަ ހުއްޓައިލުމަށް މަގުފަހިކޮށްދިނުމަށް ބަދަލުކޮށް ގާޒާއަށް ވައްދާ އެހީގެ މައްޗަށް އިޒްރޭލަށް ބާރު ފޯރުވޭ ގޮތަށް ބަދަލު ކޮށްގެންނެވެ.

ގަރާރުގެ އިބާރާތް ބަދަލު ކުރުމުން ރަޝިޔާއިން ވަނީ ނުރުހުން ފާޅުކޮށް ހަނގުރާމަ ހުއްޓައިލުމަށް އޮތް އިބާރާތް އެ އޮތް ގޮތަށް ބޭއްވުމަށް ގޮވާލައިފަ އެވެ. ރަޝިޔާއިން ބުނީ އެ ގަރާރަކީ އެމެރިކާއިން މެދުހަމަ ކޮށްފައިވާ ގަރާރެއް ކަމަށެވެ. ވޯޓުގައި އެގައުމުން ބައިވެރި ނުވީ އެ ސަބަބާ ހުރެ އެވެ.

ހަމާސްއާ ދެކޮޅަށް ކުރާ ހަނގުރާމައެއްގެ ނަމުގައި ގާޒާގެ އާންމު ރައްޔިތުންނަށް އަމާޒުކޮށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި އެ ސިޓީގެ 2.3 މިލިއަން މީހުންގެ ތެރެއިން 20،000 އަށްވުރެ ގިނަ މީހުން ޝަހީދުވެ ޖުމުލަ އާބާދީގެ 90 އިންސައްތަ މީހުން ވަނީ ގެދޮރު ގެއްލި ހާލުގައި ޖެހިފަ އެވެ. ނަމަވެސް އިޒްރޭލުން ގެންދަނީ ހުއްޓުމެއް ނެތި ވައިގެ މަގުންނާއި އެއްގަމު މަގުން ގާޒާއަށް ހުއްޓުމެއް ނެތި ހަމަލާތައް ދެމުންނެވެ. ފަލަސްތީނުގެ މަސްރަހު ދިރާސާ ކުރާ އދ ގެ އޮފިޝަލުން ވަނީ ގާޒާގެ ހާލަތަކީ ދުނިޔެ މަތީ ނަރަކައިގެ ގޮތުގައި ސިފަ ކޮށްފަ އެވެ.

އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުން މީގެ ކުރިން ބުނެފައި ވަނީ ގާޒާއަށް އެކަށީގެންވާ މިންވަރާ ގާތަށް ވެސް އެހީ ފޯރުކޮށް ނުދެވޭ ކަމަށާއި އަސްލު ބޭނުންވާ މިންވަރަށް އެހީ ފޯރުކޮށްދެވޭނީ ހަނގުރާމަ ހުއްޓައިލުމުން ކަމަށެވެ.

ހަނގުރާމަ ހުއްޓައިލުމުގެ މަޝްވަރާތަކެއް ހަމާސްއާއި އިޒްރޭލާ ދެމެދު ނުސީދާކޮށް ކުރަމުންދާއިރު އަދި އަލިމަގެއް ފެންނާކަށް ނުފަށަ އެވެ. ހަމާސްއިން ބުނެފައި ވަނީ އަސީރުން ބަދަލު ކުރުމަށް ހަނގުރާމަ ވަގުތީ ގޮތުން ހުއްޓައިލުމުގެ މަޝްވަރާއަށް ތައްޔާރު ނަމަވެސް ވާހަކަދައްކަން މޭޒުގައި އިށީންނާނީ ވެސް ހަމަލާތައް ހުއްޓައިލުމުން ކަމަށެވެ. ހަނގުރާމަ މެދުކަނޑައިލުމަށް ތައްޔާރަށް އޮތް ކަމަށް އިޒްރޭލުން ބުނި ނަމަވެސް ހަމާސްގެ ވާހަކަތަކަށް އިޖާބަ ދިނުމުގެ އެއްވެސް ސިގުނަލެއް މިހައިތަނަށް އިޒްރޭލުން ދީފައެއް ނުވެ އެވެ.