22 ޑިސެންބަރު 2023 - 22:52 1
އަހުމަދު އާއިދު
ރައީސް ޑރ. މުހައްމަދު މުއިއްޒު : ސަރުކާރަށް ޕްރެޝަރު ބޮޑުވެ އެންމެ ފަހުން "ފުރަތަމަ" އަންބްލޮކް ކޮށްފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
22 ޑިސެންބަރު 2023 - 22:52 1
ސަރުކާރަށް ފާޑުކިޔާ ބައެއް މީޑިއާތައް ބްލޮކް ކުރުމާ ގުޅިގެން ސަރުކާރަށް ކުރިމަތިވި ޕްރެޝަރު ބޮޑުވެ، ރަޖިސްޓްރީކޮށްގެން ހިންގަނިކޮށް ބްލޮކް ކުރި "ފުރަތަމަ" ނޫހުގެ ވެބްސައިޓު މިރޭ އަންބްލޮކް ކޮށްފި އެވެ.
އެ ނޫހުގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ ވެބްސައިޓު އަންބްލޮކް ކޮށްފައިވަނީ 24 ގަޑިއިރު ފަހުން ކަމަށެވެ.
ސަރުކާރުން ރޭ އެންމެ ފުރަތަމަ ބްލޮކު ކުރީ "ދިޔަވަރު.ކޮމް" އަދި "ކުރުސީ.ކޮމް" އެވެ. މި ދެ ވެބްސައިޓަކީ ވެސް ރައީސް މުއިއްޒު ހުވާ ކުރެއްވި ފަހުން އެމަނިކުފާނަށް ފާޑުކިޔައި އެކި ތުހުމަތުތައް އަމާޒުކޮށް ލިޔުންތައް ޝާއިއު ކުރަމުންދާ ވެބްސައިޓުތަކެކެވެ. އަދިވެސް އެ ދެ ވެބްސައިޓަކަށް ނުވަދެވެ އެވެ.
ފުރަތަމަ އިން ކޮށްފައިވާ ޕޯސްޓު
"ފުރަތަމަ" ނޫހުގެ ވެބްސައިޓު ބްލޮކް ކުރިކަން ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ. އެކަމާ ގުޅިގެން ނޫސްވެރިންގެ ޖަމްއިއްޔާއިން ނެރުނު ބަޔާނަކާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބާއި ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ހަލީލު ޖަމިއްޔާއަށް ފާޑުވިދާޅުވެފަ އެވެ.
ނަމަވެސް ނޫސްވެރިންގެ ޖަމްއިއްޔާއިން ވަނީ ރަޖިސްޓްރީކޮށްގެން ހިންގަމުން އައި ފުރަތަމަ ޑޮޓް ކޮމް ބްލޮކް ކުރީ ރާއްޖެއިން ސީދާ އިންޓަނެޓް ސާވިސް ޕްރޮވައިޑަރުން ކަމަށް ޖަމްއިއްޔާ އެފްލިއޭޓްވެފައިވާ ބޭރުގެ ސައިބާ ސެކިއުރިޓީ އެކްސްޕާޓުން ބުނެފައިވާ ކަމަށް ބުނެ ސަރުކާރަށް ރައްދުދީފަ އެވެ.
ފުރަތަމަ ނޫހުގެ މަސްއޫލުވެރިޔާ އަހުމަދު އާތިފަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެވެ. އެ ނޫހުގެ އެޑިޓަރެއްގެ ގޮތުގައި ހޯމްލޭންޑު މިނިސްޓްރީގެ ދަފުތަރުގައި އޮތީ އަހުމަދު އާޒިފެވެ. އޭނާއަކީ ސަން އޮންލައިންގެ ވެސް ނޫސްވެރިޔެކެވެ.
"ފުރަތަމަ ނިއުސް" ރަޖިސްޓްރީކޮށްފައި ވަނީ ނޮވެމްބަރު 25، 2019 ގަ އެވެ.
އިންޓަނެޓުގެ ހިދުމަތް ރާއްޖޭގައި ދެނީ ތިން ކުންފުންޏެކެވެ. އެ ކުންފުނިތަކުގެ ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ވަކި ވެބްސައިޓަކަށް ނުވަދެވޭ ގޮތް ހަދަނީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން އެންގުމުންނެވެ. އެ އޮތޯރިޓީ މިވަގުތު އޮންނަނީ މިނިސްޓްރީ އޮފް ސިޓީސް, ލޯކަލް ގަވަމެންޓު އެންޑް ޕަބްލިކް ވޯކްސްގެ ދަށުން ހިންގާ އިދާރާއެއްގެ ގޮތުގަ އެވެ.
Comment