Advertisement

އިދިކޮޅު ނޫސްތައް ބްލޮކް ކުރުން މީޑިއާ ކައުންސިލުން ވެސް ކުށްވެރިކޮށްފި

22 ޑިސެންބަރު 2023 - 18:16 2

އަހުމަދު އާއިދު

އަހުމަދު އާއިދު

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން : ބްލޮކު ކުރި ސައިޓުތަކުގެ މައްސަލައެއް ހުށަހެޅިފަ ނެތް ކަމަށް ބުނެ އެކަން މީޑިއާ ކައުންސިލުންވެސް ކުށްވެރިކޮށްފި - ފޮޓޯ: އެމްއެމްސީ


އިދިކޮޅު ނޫސްތައް ބްލޮކް ކުރުން މީޑިއާ ކައުންސިލުން ވެސް ކުށްވެރިކޮށްފި

22 ޑިސެންބަރު 2023 - 18:16 2

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ފާޑުކިޔައި ހަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓުތަކެއް ބްލޮކު ކުރުމުން މޯލްޑިވްސް މީޑިއާ ކައުންސިލުން ވެސް އެކަން ކުށްވެރިކޮށްފި އެވެ.

ރަޖިސްޓްރީނުކޮށް ހިންގަމުން އައި ދެ ނޫހަކާއި ރަޖިސްޓްރީކޮށްފައިވާ ނޫހަކަށް ދިވެހިރާއްޖެއިން ނުވަދެވޭ ގޮތަށް ވަނީ ބްލޮކްކޮށްފަ އެވެ. އެއީ ކުރުސީ ޑޮޓް ކޮމް އާއި ދިޔަވަރު ޑޮޓް ކޮމް އަދި ރަޖިސްޓްރީކޮށްގެން ހިންގަމުން އައި ފުރަތަމަ ޑޮޓް ކޮމް އެވެ.

އެކަމާ ގުޅިގެން މީޑިއާ ކައުންސިލުގެ އެކްސް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރަޖިސްޓްރީ ނުކޮށް ހިންގާ ނޫސް މަޖައްލާތަކަކީ ވެސް 'މީޑިއާ' ކަމަށް އެ ކައުންސިލްގެ ގާނޫނުގެ 36 މާއްދާގައި ބަޔާންކުރާ ކަމަށެވެ.

"ބްލޮކު ކޮށްފައިވާ ދެ ވެބްސައިޓުގެ ކޮންޓެންޓާ ގުޅޭ އެއްވެސް މައްސަލައެއް މި ކައުންސިލަށް ހުށަހަޅާފައިނުވާއިރު އުސޫލެއް ނެތި ބްލޮކު ކުރުމަކީ ކަންބޮޑުވާ ކަމެއް. މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅުނު ހުރަހެއް އަދި ނުރައްކަލެއް،" އެ ކައުންސިލުން ބުނެފައިވެ އެވެ.

ރަޖިސްޓްރީ ކޮށްގެން ހިންގާ "ފުރަތަމަ" އަށް ނުވަދެވޭ ގޮތަށް ބްލޮކްކޮށްފައި މި ވަނީ ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫހެއް ބްލޮކް ނުކުރާނެކަމުގެ ޔަގީންކަން ސަރުކާރުން ދިނުމަށްފަހެވެ.

ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވީ ސަރުކާރުން "ފުރަތަމަ" ބްލޮކް ނުކުރާ ކަމަށެވެ. ނަމަވެސް އެ ނޫހުގެ ވެރިޔާ އަހުމަދު އާތިފު ބުނީ ސައިޓު ބްލޮކްކޮށްފައިވާ ކަމަށާއި ބްލޮކް ކުރީ ރޭ ޝާއިއު ކުރި ރިޕޯޓަކަށް ފަހު ކަމަށެވެ.

މީޑިއާތައް ބްލޮކް ކުރަން ފެށުމުން ސިޔާސީ ޕާޓީތަކާއި، އެކި ޖަމިއްޔާތަކުން އަދި ނޫސްވެރިންނާއި އާންމުން ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުމާއި ނުރުހުން ފާޅުކުރަމުންނެވެ.

އިންޓަނެޓުގެ ހިދުމަތް ރާއްޖޭގައި ދެނީ ތިން ކުންފުންޏެކެވެ. އެ ކުންފުނިތަކުގެ ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ވަކި ވެބްސައިޓަކަށް ނުވަދެވޭ ގޮތް ހަދަނީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން އެންގުމުންނެވެ. އެ އޮތޯރިޓީ މިވަގުތު އޮންނަނީ މިނިސްޓްރީ އޮފް ސިޓީސް, ލޯކަލް ގަވަމެންޓު އެންޑް ޕަބްލިކް ވޯކްސްގެ ދަށުން ހިންގާ އިދާރާއެއްގެ ގޮތުގަ އެވެ.