22 ޑިސެންބަރު 2023 - 17:10 1
އަހުމަދު އާއިދު
ދިވެހި ނޫސްވެރިން ހެއްކާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން : ސަރުކާރާ ދެކޮޅު ސައިޓުތައް ބްލޮކު ކުރުމާއެކު އެމްޖޭއޭގެ ކަންބޮޑުވުން ފާޅުކޮށްފި - ފޮޓޯ: މިރާޝް ނާޝިމް / އަދަދު
22 ޑިސެންބަރު 2023 - 17:10 1
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ފާޑުކިޔައި ހަބަރާއި ލިޔުންތައް ގެނެސްދެމުންދިޔަ ދެ ވެބްސައިޓަކާއި ރަޖިސްޓްރީ ކޮށްގެން ހިންގަމުންދިޔަ ނޫހަކަށް ނުވަދެވޭ ގޮތް ހަދައި ބްލޮކު ކުރުމަކީ، ނޫސްވެރިންނާއި ނޫސްތަކަށް ދޭ ބޮޑު ނުރައްކަލުގެ ރަނގަބީލެއް ކަމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފި އެވެ.
ރަޖިސްޓްރީ ކޮށްގެން ހިންގާ "ފުރަތަމަ" އަށް ނުވަދެވޭ ގޮތަށް ބްލޮކްކޮށްފައި މި ވަނީ ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫހެއް ބްލޮކް ނުކުރާނެކަމުގެ ޔަގީންކަން ސަރުކާރުން ދިނުމަށްފަހެވެ. ރަޖިސްޓްރީކޮށްގެން ހިންގާ ނޫހެއް ބްލޮކް ނުކުރާނެ ކަމަށް ސަރުކާރުން ބުނީ ކުރުސީ ޑޮޓް ކޮމް އަދި ދިޔަވަރު ޑޮޓް ކޮމް ބްލޮކްކުރުމާ ގުޅިގެން އާންމުންގެ ފާޑުކިޔުމާއި ނުރުހުން ފާޅުކުރަން ފެށުމުންނެވެ.
އެކަމާ ގުޅިގެން އެމްޖޭއޭއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއީ ރައްޔިތުންނަށް މައުލޫމާތު ލިބުމުގެ ހައްގާއި ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ ހައްގަން ހުރަސްއެޅޭ ގޮތަށް އެޅި ފިޔަވަޅެއް ކަމަށެވެ.
"ޑިމޮކްރަސީއާ ބީރަށްޓެހި މި ފިޔަވަޅުތަކަކީ، ނޫސްތަކާއި ނޫސްވެރިން އަދި ޖުމްލަކޮށް ހުރިހާ ރައްޔިތުންނަށްވެސް ސަރުކާރުން ދިން ވަރަށް ބޮޑު ނުރައްކަލުގެ ރަނގަބީލެއްގެ ގޮތުގައި މި ޖަމްއިއްޔާއިން ސިފަ ކުރަން،" އެ ބަޔާނުގައިވެ އެވެ.
އެމްޖޭއޭއިން ބުނީ މިއީ ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި އެތައް އަހަރެއް ފަހަތަށް ސޮއްސާލައިގެންދާފަދަ ބިރުވެރި ނިންމުމެއް ކަމަށެވެ.
އެގޮތުން، ސަރުކާރުން މިފަދަ ފިޔަވަޅެއް ފެށީ ކުރިއާލާ އެކަމުގެ އުސޫލު އާންމުނުކޮށް، އިންޓަނެޓް ސެންސާޝިޕް އެކްސަސައިޒުކުރުމުގެ ގޮތުން ކަމަށާއި އުސޫލެއް ނެތި އަޅަމުންދާ ފިޔަވަޅުތައް ހުއްޓާލުމަށް ގޮވާލާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން، ނޫސްވެރިންގެ އަހުލާގު ހިފެހެއްޓުމާއި ދޮގު ފެތުރުން ހުއްޓުވުން ގާނޫނުން މީޑިއާ ކައުންސިލަށް މަތިކޮށްފައިވަނިކޮށް، އެ އިދާރާއިން ބަލަން ޖެހޭ ކަމެއްގެ ތެރެއަށް ސަރުކާރުން ވަނުމަކީ ގާނޫނީ ނިޒާމުގެ ތަރުތީބު އޮޅިގެންދާނެ ކަމެއްގެ ގޮތުގައި ވެސް އެމްޖޭއޭއިން ސިފަ ކުރި އެވެ.
އިންޓަނެޓުގެ ހިދުމަތް ރާއްޖޭގައި ދެނީ ތިން ކުންފުންޏެކެވެ. އެ ކުންފުނިތަކުގެ ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ވަކި ވެބްސައިޓަކަށް ނުވަދެވޭ ގޮތް ހަދަނީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން އެންގުމުންނެވެ. އެ އޮތޯރިޓީ މިވަގުތު އޮންނަނީ މިނިސްޓްރީ އޮފް ސިޓީސް, ލޯކަލް ގަވަމެންޓު އެންޑް ޕަބްލިކް ވޯކްސްގެ ދަށުން ހިންގާ އިދާރާއެއްގެ ގޮތުގަ އެވެ.
ސަރުކާރުގެ މި ނިންމުންތަކާއެކު އާންމުގެ ގިނަ ބަޔަކާއި އިދިކޮޅު ފަރާތްތަކުން އަދި ނޫސްވެރިންވެސް ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުމާއި ނުރުހުން ފާޅުކުރަމުންނެވެ.
Comment