Advertisement

ތަފާތުކުރާ ކަމަށް ބުނެ މާފުށި ޖަލުގެ ޔުނިޓު 10 ގައި ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ފަށައިފި

22 ޑިސެންބަރު 2023 - 15:06 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މާފުށީ ޖަލުގައި ގައިދީއެއް : ތަފާތުކުރާ ކަމަށްބުނެ މާފުށި ޖަލުގެ ޔުނިޓު 10 ގައި ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ފަށައިފި - ފޮޓޯ: ކަރެކްޝަންސް


ތަފާތުކުރާ ކަމަށް ބުނެ މާފުށި ޖަލުގެ ޔުނިޓު 10 ގައި ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ފަށައިފި

22 ޑިސެންބަރު 2023 - 15:06 0

ކަރެކްޝަންސްގެ އޮފިސަރުން ތަފާތު ކުރާ ކަމަށް ބުނެ މާފުށި ޖަލުގެ ޔުނިޓު 10 ގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފި އެވެ.

މޯލްޑިވްސް ހިއުމަން ރައިޓްސް އެންޑް ޑިޓެއިނީ ވޮޗް އިން ނެރުނު ބަޔާނެެއްގައި ބުނެފައިވަނީ އެ ހަޅުތާލުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަމާ ގުޅިގެން ގައިދީންގެ އާއިލާތަކުން އެ ޖަމިއްޔާއަށް ޝަކުވާތަކެއް ހުށަހަޅާފައިވާ ކަމަށެވެ.

އާއިލާތަކާ ހަވާލާދީ އެ ބަޔާނުގައި ބުނެފައިވަނީ މި ހަޅުތާލު ފެށީ ޔުނިޓު 10 ގައި ތިބި ފަސް ގައިދީއަކަށް ކަރެކްޝަންސް އިން ތަފާތުކުރަމުންދާތީ ކަމަށެވެ.

އެގޮތުން އެހެން ގައިދީން ގޮޅިން ބޭރަށް ނެރޭ ގޮތަށް މި ގައިދީން ގޮޅިން ބޭރަށް ނުނެރޭ ކަމަށާއި އުސޫލުތަކާ ހިލާފަށް އެކަހަރި ވަކި ގޮޅިތަކެއްގައި ދިގު މުއްދަތަށް އެ ގައިދީން ބަންދުކޮށްފައި ބައިތިއްބާ ކަމަށް ބުނެފައިވެ އެވެ.

އޭގެ އިތުރުން ޖުވެނައިލް ޑިޓެންޝަނުގައި ބަންދުކުރުމަށް ކޯޓުން އަމުރު ނެރެފައިވާ ކުއްޖަކު ވެސް މިފަދައިން އެކަހެރިކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"މާފުށީ ޖަލުގެ ޔުނިޓު 10 ގަި ތިބި ގައިދީން ޖަލުންދޭ ކޮއްތު ނެގުން މިހާރު ހުއްޓާލާފައިވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ މި ޖަމިއްޔާއަށް މައުލޫމާތު ހިއްސާކޮށްފަ،" އެ ބަޔާނުގައިވެ އެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ތަފާތުކުރުމުގެ ސަގާފަތަކީ ނެތިދާން ޖެހޭ ސަގާފަތެއް ކަމަށާއި އެކަން އެގޮތަށް ކުރުމަށާއި ޖުވެނައިލް ޑިޓެންޝަނުގައި ބަންދުކުރަން ހުކުމް ކޮށްފައިވާ ފަރާތްތަކާމެދު އެގޮތަށް ކަން ކުރުމަށް ވެސް މޯލްޑިވްސް ހިއުމަން ރައިޓްސް އެންޑު ޑިޓެއިނީ ވޮޗް އިން ވަނީ ކަމާބެހޭ އިދާރާތަކަށް ގޮވާލާފަ އެވެ.

ގައިދީން ހަޅުތާލު ކުރާތީ އެ މައްސަލަ ހައްލު ކުރަން ޖަލު އޮފިސަރުން މިހާރު އެމީހުންނާ ވާހަކަ ދައްކަމުންދާ ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.