22 ޑިސެންބަރު 2023 - 00:12 3
މިންހާ އަބްދުﷲ
އާޒިމް ގެ "ފެހި ތަނަވަސް މާލެ" މެނިފެސްޓޯ ލޯންޗު ކުރުން، މިރޭ ލޯންޗުކުރި "ފެހި ތަނަވަސް މާލެ" މެނިފެސްޓޯގައި މާލެ ސިޓީއަށް މި ވަގުތަށް ބޭނުންވާ އެކި ކަންކަން ހިމަނާފައިވޭ - ފޮޓޯ: މިރާން / އަދަދު
22 ޑިސެންބަރު 2023 - 00:12 3
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީގެ) ފަރާތުން މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވާ އާދަމް އާޒިމް، މެނިފެސްޓޯ ލޯންޗް ކޮށްފި އެވެ.
އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ބާއްވާ މާލެ ސިޓީ ކައުންސިލްގެ ބައި-އިލެކްޝަންގައި ވާދަ ކުރައްވާ އާޒިމް މިރޭ ލޯންޗުކުރި "ފެހި ތަނަވަސް މާލެ" މެނިފެސްޓޯގައި މާލެ ސިޓީއަށް މި ވަގުތަށް ބޭނުންވާ އެކި ކަންކަން ހިމަނާފައިވެ އެވެ.
އެގޮތުން އާޒިމް އެންމެ ބޮޑަށް ޕްރޮމޯޓް ކުރައްވާ، ހިތް ފަސޭހަ ތަނަކަށް މާލެ ހެދުމަށް ކުރާނެ ބައެއް ކަންކަމާއި، މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލަ އާއި މާލޭގެ މަގުތަކުގެ ހާލަތު ރަނގަޅު ކޮށް ޒުވާނުންނަށް ގުޅޭ ވައުދުތަކެއް މެނިފެސްޓޯ ގައި ހިމަނާފައިވެ އެވެ.
އެންމެ މުހިންމު އެއް ވައުދުގެ ގޮތުގައި އާޒިމް ހުށަހެޅުއްވީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުން ގޯއްޗާއި ފްލެޓު ލިބުނު ފަރާތްތަކަށް ގަނޫނީ އިމުގެ ތެރެއިން، އެ ހައްގު ކަށަވަރު ކޮށް ދިނުމެވެ.
"އަޅުގަނޑުމެން މި ބުނަނީ ފުށިދިއްގަރު ފަޅު ހިއްކަން ބޭނުމެއް ނުވެޔޭ، މާލެ އަދި ދަފްތަރު ރައްޔިތުންނަށް ބްރިޖު ހުރަސްކޮށް ގެތަކަށް ދެވެން ޖެހޭނެ އޭ، ގަޑި ދެ ގަޑިއިރު ވަންދެން ކަނޑު ހުރަސް ކުރަން ދުއްވުމަށް ފަހުގައެއް ނޫނޭ އެމީހުންގެ ގެތަކަށް ދެވެން ޖެހޭނީ، އަޅުގަނޑުމެންގެ ސަރުކާރުން ފެށި ބޯހިޔާވަހިކަމުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ސަރުކާރަށް ގޮވާލަން،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ގެ "ފެހި ތަނަވަސް މާލެ" މެނިފެސްޓޯ ލޯންޗު ކުރުން، މިރޭ ލޯންޗުކުރި "ފެހި ތަނަވަސް މާލެ" މެނިފެސްޓޯގައި މާލެ ސިޓީއަށް މި ވަގުތަށް ބޭނުންވާ އެކި ކަންކަން ހިމަނާފައިވޭ - ފޮޓޯ: މިރާން / އަދަދު
އޭގެ އިތުރުން, ކުނީގެ މައްސަލަ ހައްލު ކުރުމަށް ވެސް އާޒިމްގެ މެނިފެސްޓޯގައި ހިމަނާފައި ވެ އެވެ. މާލެ ތެރެ ހަޑިވުމަކީ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށާއި ކުދި ކުދި ގޯޅިތަކުގައި އެތައް ބައިވަރު ބަޔަކު އުޅެމުން ދާއިރު، ގިނަ އަދަދެއްގެ ކުނި އުފެދޭކަން އާޒިމް ފާހަގަ ކުރެއްވި އެވެ. އެކަމަށް އޮތް ހައްލެއްގެ ގޮތުގައި އާޒިމް ހުށަހެޅުއްވީ ކުނި ނެގުމަށް "ޕޮކެޓް ކަލެކްޝަން ސެންޓަރު" ތަކެކެވެ.
އެކި ހިސާބުތަކުގައި ކުނި ނެގޭނެ ތަންތަން ގާއިމް ކުރުން މުހިންމު ކަމަށާއި ރައްޔިތުންނަށް ވެސް މިކަމުގެ މުހިންމުކަން ވިސްނައި ދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި މިހާރު އެ މީހަކަށް އެންމެ ފަސޭހަ ތަނެއްގައި ކުނި ބެހެއްޓުމުން، ހުރިހާ އެންމެންނަށް ވެސް އެކަމުގެ އުނދަގޫތައް ކުރިމަތިވާ ކަމަށް ވިދާޅުވި އެވެ.
"މަގުތަކަކީ އަޅުގަނޑުމެން ހުރިހާ އެންމެންނަށް ވެސް މުހިންމު ތަނެއް، ފަސޭހަ ކަމާއެކު ހިނގާފައި އުޅެވޭނެ ގޮތް ހެދުން ވަރަށް މުހިންމު، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް އެއްވަރަކަށް ހިދުމަތް ލިބެން ޖެހޭ، އަޅުގަނޑުމެން ސިޓީ ކައުންސިލްގެ ވެބްސައިޓް ވެސް ޑިޒައިން ކުރަމުން ދާއިރު، އަޅުގަނޑު މިދޭ ޔަގީން ކަމަކީ ލޯ ފަން ކުއްޖާ އަށް ވެސް ގޭގައި އިނދެގެން އަމިއްލަ އަށް އެޕްލިކޭޝަންތައް ލެވޭނެ އޭ،" އާޒިމް ވިދާޅުވި އެވެ.
މީގެ އިތުރުން، މާލެ ސިޓީ އަކީ އިޖުތިމާއީ ހަރަކާތްތައް ގިނަ، އެކި ހަރަކާތްތައް ހިނގާ ސިޓީއަކަށް ހަދަން ބޭނުންވާ ކަމަށް ވިދާޅުވި އެވެ. މާލެ ސިޓީ އަކީ ޒުވާނުންނަށް އެކި ކަންކަން ހުރި ސިޓީއަކަށް ވާން ޖެހޭ ކަމަށް އާޒިމް ވިދާޅުވި އެވެ.
"މާލެ ސިޓީ އަކީ މީހުން އުޅޭ ހިތުން އުޅޭ ތަނަކަށް ހަދަން ޖެހޭ، އަންނަ ހިތުން އަންނަ ތަނަކަށް ހަދަން ޖެހޭ، މާލެ ސިޓީގައި އުޅޭ ޒުވާނުންނަށް ހާއްސަކޮށް އީ ގޭމިން މުބާރާތެއް ބާއްވާނަން، މާލެ ސިޓީ މެރެތަން އަކާއި މާލެ ސިޓީގެ ފުޓްސަލް ޓޯނަމަންޓް ތައާރަފް ކުރާނަން،" އާޒިމް ވިދާޅުވި އެވެ.
މީގެ އިތުރުން މާލެ ސިޓީގެ މަގުމަތީގައި އުޅޭ ބުޅާތަކަށް ހާއްސަ "ކެޓް ޕާކް" އެއް ހަދައި ބުޅާތައް އެ ތަނަށް ބަދަލުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެ ޕާކުން ވެޓު ގެ ހިދުމަތްވެސް ލިބޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް ވިދާޅުވި އެވެ.
އާޒިމްގެ މެނިފެސްޓޯ ލޯންޗް ކުރުމުގެ ޖަލްސާގަ އިކުރީގެ ރައީސް، ސޯލިހު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އާޒިމްގެ އިތުރުން ދެން މޭޔަރުކަމަށް ވާދަ ކުރައްވަނީ ޝުއެއިބް އަލީ (އަމިއްލަ ގޮތުން)، ހުސެއިން ވަހީދު (އަމިއްލަ ގޮތުން)، އާއިޝަތު އާޒިމާ ޝަކޫރު (ޕީޕަލްސް ނޭޝަނަލް ކޮންގްރެސް - ޕީއެންސީ) އަދި މުހައްމަދު ސައިފް ފާތިހު (ދަ ޑިމޮކްރެޓްސް) އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment