Advertisement

ގަވާއިދާ ހިލާފަށް އުޅޭ ބައެއް ބިދޭސީން ފޮނުވާލެވިއްޖެ: އިމިގްރޭޝަން

20 ޑިސެންބަރު 2023 - 15:16 1

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

ރާއްޖޭގަ އުޅޭ ބިދޭސީންތަކެއް، ދޫކޮށްފައި އޮންނަ ހުއްދައިގައި ބަޔާންކޮށްފައިވާ ވޯކް ސައިޓް ނޫން އެހެން ތަންތަނުގައި މަސައްކަތް ކުރާ ބިދޭސީންވެސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދާނެ ކަަމަށް ކޮންޓްރޯލާ ވިދާޅުވި - ފޮޓޯ: އަދަދު


ގަވާއިދާ ހިލާފަށް އުޅޭ ބައެއް ބިދޭސީން ފޮނުވާލެވިއްޖެ: އިމިގްރޭޝަން

20 ޑިސެންބަރު 2023 - 15:16 1

ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން އުފެއްދި ޓާސްކް ފޯހުން ކުރިއަށް ގެންދި އޮޕަރޭޝަންގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅެމުންދާ ބައެއް ބިދޭސީން ފޮނުވާލާފައިވާ ކަމަށް ކޮންޓްރޯލާ އޮފް އިމިގްރޭޝަންސްގެ މުހައްމަދު ޝަމްހާން ވަހީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓްރީ އޮފް ހޯމް ލޭންޑް އެންޑް ސެކިޔުރިޓީގެ ދަށުން ހިންގަމުންދާ އިދާރާތައް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިމިގްރޭޝަންސް އިން މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ހިއްސާކުރައްވާ ޝަމްހާން ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް މިހާރު ވެސް މަސައްކަތްތައް ފަށައި، އެކަން ކުރަމުން އަންނަ ކަމަށެވެ.

އެހެންނަމަވެސް، މިހާތަނަށް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކިހާ އަދަދެއްގެ ބިދޭސީންނެއް ކަމެއް އަދި އަނބުރާ ގައުމަސް ފޮނުވާލާފައި ވަނީ ކިހާ އަދަދެއްގެ ބިދޭސީންނެއް ކަން އޭނާ ހާމައެއް ނުކުރައްވަ އެވެ.

"ގަވާއިދާ ހިލާފަށް އުޅޭ ގިނަ އަދަދެއްގެ ބިދޭސީން ޗެކް ކުރެވި، ބޭރުން ތިބި މީހުން އިމިގްރޭޝަނަށް ގެނެވި، އޭގެ ތެރެއިން ބައެއް މީހުން މިހާރު ވަނީ ފުރުވާލާފައި،" ޝަމްހާން ވިދާޅުވި އެވެ.

ޝަމްހާން ވިދާޅުވީ އިމިގްރޭޝަނުން ދޫކޮށްފައި އޮންނަ ހުއްދައިގައި ބަޔާންކޮށްފައިވާ ވޯކް ސައިޓް ނޫން އެހެން ތަންތަނުގައި މަސައްކަތް ކުރާ ބިދޭސީން ވެސް ފާހަގަ ކުރެވެމުންދާ ކަމަށެވެ.

"ދީފައި އޮންނަ ހުއްދައިގަ އޮންނަ ވޯކް ސައިޓުގެ ބޭރުން، އެހެން ތަންތަންނުގައި މަސައްކަތް ކުރާނަމަ ގަވާއިދާ ހިލާފު އެވަނީ، އެހިސާބުން މަޖުބޫރު ވޭ އިމިގްރޭޝަންގެ ދަށަށް އެމީހުން ގެންނަން،" ޝަމްހާން ވިދާޅުވި އެވެ.

ފުލުހުންނާއި އިމިގްރޭޝަން، ކަސްޓަމްސް އަދި ކަރެކްޝަންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ދެ ހަފުތާ ތެރޭގައި 5.5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެ، އަދި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 53 ބިދޭސީއަކު ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް، މި މަހުގެ 18 ވަނަ ދުވަހު ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވި އެވެ.

ބިދޭސީންގެ ތެރެއިން، ބަންގްލަދޭޝް ރައްޔިތުން އެކަނި ގެނައުމަށް ނިންމި ނިންމުމަށް ބަދަލު ގެނެސް، އެ ގައުމުގެ ރައްޔިތުންގެ އިތުރުން އިންޑިޔާ އަދި ނޭޕާލްގެ އަން-ސްކިލްޑް މަސައްކަތްތެރިން ގެނައުމަށް ނިންމިކަން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކޮށްފައިވެ އެވެ.