Advertisement

ލަމްހާ ބަންދުން ދޫކޮށްލަން ކުރި އަމުރު ހައިކޯޓުން ބާތިލުކޮށްފި

20 ޑިސެންބަރު 2023 - 14:56 0

ނިމާ ހަސަން

ނިމާ ހަސަން

ލަމްހާ; އޭނާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން ވަނީ ބާތިލުކޮށްފައި


ލަމްހާ ބަންދުން ދޫކޮށްލަން ކުރި އަމުރު ހައިކޯޓުން ބާތިލުކޮށްފި

20 ޑިސެންބަރު 2023 - 14:56 0

އައިޖީއެމްއެޗްގައި ވަޒީފާ އަދާކުރަމުން ދިޔަ ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރާލި މައްސަލާގައި ދައުވާކުރާ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ހައި ކޯޓުން ބާތިލުކޮށްފި އެވެ.

ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު އެ ކޯޓުން ނިންމީ, ލަމްހާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމީ ގޯސްކޮށް ކަމަށެވެ.

ކްރިމިނަލް ކޯޓުން ލަމްހާ ބަންދުން ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށްފަހު އެވެ. އެއީ ކޮންމެ ދުވަހެއްގެ ރޭގަނޑު 10:00 އިން ހެނދުނު 6:00 އަށް ގެއިން ބޭރަށް ނުކުތުން މަނާކޮށް، އަދި މާލެއިން ބޭރަށް ދާނަމަ ކޯޓުގެ ހުއްދަ ހޯދުމަށް ޝަތުރުކޮށްފައިވެ އެވެ. އަދި އޭނާ ދޫކޮށްލީ ތިން މަސް ދުވަހުގެ މުއްދަތަކަށެވެ.

މިއަދު ހައި ކޯޓުން ކުރި އަމުރުގައި ވާގޮތުން ލަމްހާ ބަންދުން ދޫކުރަން ކްރިމިނަލް ކޯޓުން އަމުރުކުރިއިރު, އޭނާގެ ފަރާތުން މުޖުތަމައަށް ނުރައްކާ އޮތް ކަމަށް ބެލުނު ސަބަބު ނެތި ގޮސްފައިވޭތޯ ބަލައި ވަޒަންކުރެވިފައިވާކަން އެނގެން ނެތް ކަމަށެވެ.

"[ލަމްހާ ބަންދުން ދޫކޮށްލަން ކުރި އަމުރަކީ] ގާނޫނުއަސާސީގެ 49, 17 އަދި 20 ވަނަ މާއްދާއާއި, ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 މާއްދާގެ (ށ) އާއި 59 ވަނަ މާއްދާ އާއި ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވައިދުގެ 13 ވަނަ މާއްދާގެ (ނ) އާއި, މަތީ މަރުހަލާގައި ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުހަލާގެ ކޯޓުތަކުން ތަބާވާންވާނެ ކަމާށް ބަޔާންކޮށްފައިވާ އުސޫލާ ހިލާފަށް ނެރުއްވާފައިވާ އަމުރެއް" ހައި ކޯޓުގެ އަމުރުުގައި ވެއެވެ.

ލަމްހާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލުކޮށް, އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރިން ކޮށްފައި އޮތް އަމުރު ދެމި އޮތް ކަމަށް ހައި ކޯޓުން ނިންމީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހަސަން ޝަފީއު, ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުالله އަދި އިސްފަނޑިޔާރު ހުސެއިން ޝަހީދެވެ.

މޭރީ މަރުވީ ބޮލަށާއި ކަރަށް ހަމަލާދީ ނޭވާ ހާސްކޮށްލައިގެން ކަމަށް އޮޓޮޕްސީ ރިޕޯޓުން ދައްކަ އެވެ. ފުލުހުންގެ ތަހުގީގު ނިންމުމަށް ފަހު އޭނާ މަރާލުމުގެ ދައުވާ އުފުލީ ފިރިމީހާ މާވިން އެސްވައި ވާގަސްގެ މައްޗަށެވެ. މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާ ލަމްހާއަކީ މާވިންގެ ލޯބިވެރިޔާ އެވެ.

މޭރީ ގްރޭސް އަކީ އައިޖީއެމްއެޗްގެ ޑައިލެސިސް ޑިޕާޓްމެންޓްގެ ނަރުހެކެވެ. އޭނާގެ ފިރިމީހާ މާވިން އާއި ލަމްހާއަކީ ކެޝުއަލްޓީގައި މަސައްކަތް ކުރާ ނަރުހުންނެވެ. ފިލިޕީންސްގައި ވަރިކުރުމަކީ މަނާކަމެއް ގޮތުގައި އޮތް އިރު، ލަމްހާ އާއި މާވިން އުޅުނީ ސިއްރު ލޯބީގެ ގުޅުމެއް ބާއްވައިގެން ކަމަށް ތުހުމަތު ކުރެ އެވެ.

އޮކްޓޯބަރު 19, 2021 ގައި ގްރޭސް ދަންޖެހިގެން މަރުވި ކަމަށް ބުނެ މާވިން ރިޕޯޓް ކުރި ނަމަވެސް ތުހުމަތު ކުރެވޭ ކަންކަން ހުރުމުން ފުލުހުން ތަހުގީގު އިތުރަށް ހިންގަމުން ދިޔައީ އެވެ.

އަދި ގްރޭސް މަރާލި ކަމުގެ ތުހުމަތުގައި މާވިން ހައްޔަރު ކުރީ އެ އަހަރުގެ އޮކްޓޯބަރު 27، ގަ އެވެ. ލަމްހާ ހައްޔަރު ކުރީ އޭގެ 50 ދުވަސް ފަހުން އެ އަހަރުގެ ޑިސެމްބަރު 16، ގަ އެވެ.

މާވިންގެ މައްޗަށް އެނގި ހުރެ މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، ލަމްހާގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

އޭގެ އިތުރަށް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ ވެސް ލަމްހާގެ މައްޗަށް ކުރެ އެވެ.

އެ ދައުވާތައް ލަމްހާގެ މައްޗަށް ކުރަނީ އައިޖީއެމްއެޗުން ހުއްދަ ނުނަގައި، ނުރައްކާތެރި ބައެއް ބޭސްތަކެއް ނެގި ކަމަށް ތުހުމަތުކޮށެވެ.