Advertisement

ރާއްޖޭން ކުރި މަސައްކަތުން ސަލާމަތް ކުރެވުނީ އެތައް ފުރާނައެއް!

21 ޑިސެންބަރު 2023 - 10:18 0

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

އެމްއެފްޑީއޭގެ ނެޝަނަލް ކޮލިޓީ ކޮންޓްރޯލް ލެބޯޓްރީން ކުރި ޓެސްޓްތަކުން، "ކޯފް ސިރަޕް"އަކުން ނުރައްކާތެރި ދެ ކެމިކަލް ފެނިފައިވޭ، އެކަމަށް ޑަބްލިއުއެޗްއޯގެ ތައުރީފު ވެސް ލިބިފައިވޭ - ގްރެފިކްސް: އަދަދު


ރާއްޖޭން ކުރި މަސައްކަތުން ސަލާމަތް ކުރެވުނީ އެތައް ފުރާނައެއް!

21 ޑިސެންބަރު 2023 - 10:18 0

"މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ، އެ ހޯދުންތައް ވީ ހަމަ އެކަނި ގައުމީ ކަންބޮޑުވުމަކަށް އެކަންޏެއް ނޫން. އެ އުފެއްދުންތައް، [ނުރައްކާތެރި ކެމިކަލް އެކުލެވޭ ބޭސްތައް] އެހެން ހަތަރު ގައުމެއްގައި ވެސް އައީ މާކެޓްކުރަމުން. އެހެންކަމުން އެކަން ވެގެން ދިޔައީ ދުނިޔޭގެ ފެންވަރުގައި، ސިއްހަތު ސަލާމަތްކުރަން ކުރެވުނު މަސައްކަތަކަށް،" ނުރައްކާތެރި ދެ ކެމިކަލް ކަމަށްވާ "ޑައިއެތިލީން ގްލައިކޯލް" އަދި "އެތިލީން ގްލައިކޯލް" ހުރި ބޭސްތަކެއް ރާއްޖެއިން ދެނެގަތުމުން، ބައިނަލްއަގްވާމީ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އެކަމަށް ތައުރީފްކޮށް ބުނެފައިވެ އެވެ.

ހަގީގަތުގައި ވެސް މަދު ވަސީލަތްތަކަކާއެކު، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކުރި މަސައްކަތުން މުޅި ދުނިޔެއިން ވެސް އެތައް ހާސް ބައެއްގެ، ހާއްސަކޮށް ތުއްތު ކުދިންތަކެއްގެ ފުރާނަ ސަލާމަތް ކުރަން ވަނީ އެހީތެރިވެދީފަ އެވެ. ޑަބްލިއުއެޗްއޯގެ ބަޔާނުގައިވާ ގޮތުން ނުރައްކާތެރި ކެމިކަލްތައް އެކުލެވޭ، ޕާކިސްތާނު ކުންފުންޏަކަށް ނިސްބަތްވާ "ކޯފް ސިރަޕް" އެ ވަގުތު ވެސް ހަތަރު ގައުމެއްގައި އައީ ބޭނުން ކުރަމުންނެވެ.

ބޭސްތަކުގައި ކެމިކަލް ހުރިކަމުގެ އިޝާރާތް ޑަބްލިއުއެޗްއޯ އިން އެންމެ ފުރަތަމަ ކުރީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އެ ފަހަރު އެކަން ދެނެގަނެވުނީ އެފްރިކާ ބައްރުގެ ގައުމެއް ކަމަށްވާ، ގެމްބިއާއިން ފަސް އަހަރުން ދަށުގެ ކުދިންތަކެއްގެ މަރުވުމުންނެވެ. ބެލެވޭ ގޮތުގައި އިންޑިޔާއިން އުފެއްދި "ކޯފް ސިރަޕް" އެއްގައި އެކުލެވޭ ކެމިކަލްއެއްގެ ސަބަބުން 70 އެއްހާ ކުދިން މަރުވެފައިވެ އެވެ.

އޭގެ ފަހުން، މި އަހަރުގެ މެއި މަހުގެ ތެރޭގައި އިންޑޮނޭޝިޔާއިން އުފެއްދި ބޭހެއްގައި އެކުލެވުނު ކެމިކަލްއެއްގެ ސަބަބުން އެ ގައުމުން ވެސް، 300 ކުދިން ދުނިޔެ ދޫކޮށްފައިވެ އެވެ.

ޑަބްލިއުއެޗްއޯގެ "އެލާޓް" ދުނިޔޭގެ ހުރިހާ ގައުމުތަކަށް ފޮނުވީ އެހާ ހިސާބުންނެވެ. އެންމެ ތަރައްގީ ވެފައިވާ ގައުމުތަކުން ފެށިގެން އެންމެ އާދައިގެ ވަސީލަތްތައް ހުރި ގައުމުތަކުން ވެސް ބޭސްތަކުގެ ޓެސްޓްތައްކޮށް، ކެމިކަލް ދެނެގަތުމަށް ޑަބްލިއުއެޗްއޯއިން އެންގި އެވެ.

މިއީ ބައިނަލްއަގްވާމީ ބޮޑު މައްސަލައެއްގެ ގޮތުގައި ދެކި، އިތުރު ކުދިންތަކަކާއި މީހުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމުގެ ކުރިން އެކަމަށް ހައްލެއް ހޯދުމަށް މުޅި ދުނިޔެ އެކީ މަސައްކަތް ފެށި އެވެ.

އެ އެންގުމާއެކު ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން އެންމެ ފުރަތަމަ ކުރަން ފެށި މަސައްކަތަކީ ބޭހުގެ މާކެޓުގައި ނުވަތަ ފާމަސީތަކުގައި މި ވަގުތު ހުރި ބޭސްތަކުގެ ތަހުލީލުތަކެއް ކުރުމެވެ. އެއީ މި އަހަރުގެ މެއި މަހުގަ އެވެ.

"އެއާ އެކީ އަޅުގަނޑުމެން ނިންމި ނިންމުމަކީ، ކެމިކަލް އެކުލެވި ދާނެ ކަމަށް އެލާޓްކޮށްފައިވާ ބޭހެއް ރާއްޖެއަށް ބޭހެއް އެތެރެކުރާ އިރު، އެ ކެމިކަލް ނެތް ކަން ޔަގީންވާ އެނަލަސިސް ރިޕޯޓަކާ އެކު އެތެރެ ކުރުން،" އެމްއެފްޑީއޭގެ ސީނިއާ ފާމަކޮލޮޖިސްޓް އައިޝަތު ޖަލީލާ "އަދަދު" އަށް ވިދާޅުވި އެވެ.

އެފަދަ ކެމިކަލް އެއް ހުރި ކަމަށް ބެލެވޭ ބޭހެއް، އެހާ ބޮޑު ހިރާހެއް ނުވަތަ "ރިސްކް"އަކާ އެކު އެތެރެ ކުރަނީ ކީއްވެތޯ، މިއީ ވަރަށް ގިނަ ބަޔަކު މިހާރު ކުރަމުންދާ ސުވާލެކެވެ. އެ ބޭސްތައް އެތެރެ ކުރުން ހުއްޓައި ނުލައި، އަދިވެސް އެތެރެ ކުރަމުން ދަނީ ކީއްވެތޯ މިއީ އާންމުން ކުރަމުންދާ ސުވާލެކެވެ.

"ރިސްކް ހިމެނޭ ބޭސްތަކުގެ ތެރޭގައި ވަރަށް އާންމު ބޭސްތައް އެބަ ހުރި، އެ ބޭސްތައް ގެނައުން ހުއްޓާލައިފި ނަމަ އާންމުންނަށް އުނދަގޫވާނެ ފަދަ ބޭސްތަކުގައި ވެސް އެ ރިސްކް އެބަ ހުރި، މިސާލަކަށް ޕެރެސެޓެމޯލް،" ޖަލީލާ ވިދާޅުވި އެވެ.

ވަސީލަތްތައް މަދު ނަމަވެސް، ރާއްޖެއިން ކެމިކަލް ދެނެގަތް ސްޕީޑަށް ތައުރީފް ހައްގު!

ރާއްޖެއަކީ ފުޑް އެންޑް ޑްރަގް ގެ ތަހުލީލު ކުރުމުގެ ދާއިރާއަށް ބަލާއިރު މާ ބޮޑަށް ކުރިއަރާފައި އޮތް ގައުމެއް ނޫނެވެ. މިއީ ބޭސްތައް ޓެސްޓް ކުރުމުގައި ވެސް، އެމްއެފްޑީއޭއިން ހިންގާ ނެޝަނަލް ކޮލިޓީ ކޮންޓްރޯލް ލެބޯޓްރީ އަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމެވެ.

ބޭސްތަކުން ކެމިކަލް ދެނެގަތުމަށް ކުރާ ޓެސްޓް، ގޭސް ކްރޮމޭޓޯގްރަފީ – މާސް ސްޕެޓްރޯމެޓްރީ (ޖީ.ސީ – އެމް.އެސް) ކުރުމުގެ ގާބިލުކަން މުޅި ދުނިޔޭގައި ވެސް ލިބިފައިވަނީ އެންމެ ތިނެއް ނުވަތަ ހަތަރު ގައުމަށް ކަމަށް ޖަލީލާ ވިދާޅުވި އެވެ. މިއީ ބޭސްތަކުން ކެމިކަލް ދެނެގަތުމަށް ކުރި މަސައްކަތަށް ރާއްޖޭގެ އިތުރުން ޑަބްލިއުއެޗްއޯ އާއި މުޅި ދުނިޔެއަށް ވެސް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

އެހެންނަމަވެސް، ވަސީލަތްތައް މަދު ގައުމުތަކުން ވެސް ކުރެވެން އޮތް މަސައްކަތެއް ކުރުމަށް ޑަބްލިއުއެޗްއޯއިން އިލްތިމާސް ކުރި އެވެ. އަދި މި އަހަރުގެ އޮކްޓޯބަރު 31، ގައި، ބޭސްތަކުން ކެމިކަލް ދެނެގަނެވޭނެ އިތުރު ގޮތެއް ހޯދައި، އެކަން ފާސްކޮށް ގައުމުތަކަށް އެންގި އެވެ.

ޑަބްލިއުއެޗްއޯ އިން ކަނޑައެޅި އާ "ޕްރޮސެސް" އާ އެއްގޮތަށް، ރާއްޖެއިން މަސައްކަތް ފެށީ ނޮވެމްބަރު 5، ގަ އެވެ. އަދި އެންމެ ފުރަތަމަ ކަމެއްގެ ގޮތުން، ކުރިން ފާހަގަ ކުރި، އެނަލަސިސް ރިޕޯޓް ނުހަދާ އެތެރެ ކޮށްފައި ހުރި ބޭސްތަކުގެ ޓެސްޓްތަކެއް ހެދުމުގެ މަސައްކަތް ފެށި އެވެ.

"މާކެޓްގައި ހުރި ބޭސްތަކުގެ ޓެސްޓްތައް ހަދައި ނިންމާލެވުނު ތިން ދުވަހުން، މުޅި މަރުހަލާ ނިންމައި ބޭހުގައި ކެމިކަލް ހުރިކަން ދެނެގަތުމަށް ހޭދަވީ އެންމެ ހަފްތާއެއް،" ޖަލީލާ ވިދާޅުވި އެވެ.

ކެމިކަލްތައް ދެނެގަތުމަށްފަހު، އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އެ ކެމިކަލްތައް ހުރި ބޭސް އުފެއްދި ޕާކިސްތާނު ކުންފުންޏަށާއި ޑަބްލިއުއެޗްއޯއަށް އެކަން އެންގި އެވެ. އަދި ޑަބްލިއުއެޗްއޯ މެދުވެރިކޮށް އޮސްޓްރޭލިޔާއިން އެ ކުންފުނީގެ ބޭސްތަކުގެ ޓެސްޓްތައް ހެދުމުން، އެ ކުންފުނިން އުފައްދާފައި ހުރި އެހެން ބޭސްތަކެއްގައި ވެސް ނުރައްކާތެރި ކެމިކަލްތަކެއް ހުރި ކަން ދެނެގަނެވުނެވެ.

މިއީ، ޕާކިސްތާނު ކުންފުނީގެ ބޭހުގައި ނުރައްކާތެރި ކެމިކަލްތަކެއް ހުރިކަން ދެނެގަތުމުގައި އެމްއެފްޑީއޭ އިން ގެންގުޅުނު ހަލުއިމިނުގެ ނަތީޖާ އެވެ.

ބޭހުގެ އަގު ބޮޑުވެ، ވިޔަފާރިތަކަށް ދަތި ވެދާނެ! އެކަމަކު އެންމެ މުހިންމީ އާންމުންގެ ސިއްހަތު!

"ބޭހުގައި ކެމިކަލް ހުރިކަން ދެނެގަތުމަށް ޓެސްޓް ހެދޭނެ ވަސީލަތެއް ނެތް، އެއީ ސަރުކާރުން ކުރަން ޖެހޭނެ ވަރަށް ބޮޑު އިންވެސްޓްމަންޓްއެއް، ސަރުކާރުތަކުން އެ މަސައްކަތް ކުރޭ، މި ވަގުތަށް އޮތް ހައްލަކީ ބޭސް އެތެރެ ކުރުމުގެ ކުރިން ކެމިކަލް ނެތް ކަން ޔަގީންވާ އެނަލަސިސް ރިޕޯޓަކާ އެކު ބޭސް އެތެރެ ކުރުން، އެ ގޮތަށް އަމަލު ކުރަމުން މި ދަނީ،" އެމްއެފްޑީއޭ އަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމުގެ ވާހަކަ ދައްކަވަމުން ޖަލީލާ ވިދާޅުވި އެވެ.

އެނަލަސިސް ރިޕޯޓާއެކު ބޭސް އެތެރެ ކުރަން ޖެހުމަކީ ބޭހުގެ އަގު ބޮޑު ވާނެ ކަމެއްގެ ގޮތުގައި ޖަލީލާ ފާހަގަކުރެއްވި އެވެ. މިހާރު ވެސް ބޭހުގެ ވިޔަފާރި ކުރާ ކުންފުނިތަކުން ބޭހުގެ އަގު ބޮޑުވެ، ޝިޕްމަންޓް ލަސްވަމުންދާ ކަމުގެ ޝަކުވާ ކުރަމުންދާ ކަން ފާހަގަކުރައްވައި ޖަލީލާ ވިދާޅުވީ ވިޔަފާރިތަކަށް އަސަރު ކުރި ނަމަވެސް މި ވަގުތަށް އޮތް ގޮތަކީ މިއީ ކަމަށެވެ.

"ވިޔަފާރިތަކަށް ޓަކައި އާންމުންގެ ސިއްހަތަށް ނުރައްކާ ވާ ކަމެއްގައި ލުއި ގޮތެއް ނުގެންގުޅެވޭނެ، އެންމެ މުހިންމު ކަމަކީ އާންމު ރައްޔިތުންގެ ސިއްހަތު،" ޖަލީލާ ތަކުރާރުކޮށް ވިދާޅުވި އެވެ.

އެމްއެފްޑީއޭގެ މަސައްކަތުން ސަލާމަތްވީ އެތައް ގައުމަކުން ތުއްތު ކުދިންގެ ފުރާނަތަކެއް!

މިއީ އެމްއެފްޑީއޭ އިން ދެކޭ ގޮތުގައި ހާސިލް ކުރެވުނު ވަރަށް ބޮޑު ކާމިޔާބީ އެކެވެ. އެމްއެފްޑީއޭ އިން ނުރައްކާތެރި ކެމިކަލްތަކެއް ހުރިކަން ދެނެގަނެފައިވާ ބޭސް، އޭރުވެސް ހަތަރު ގައުމެއްގެ މާކެޓުގައި ހުރި ކަމަށް ޑަބްލިއުއެޗްއޯ އިން ބުންޏެވެ.

ރާއްޖޭގެ ބޭހުގެ މާކެޓުގައި މި ބޭސް ހުރީ ނިސްބަތުން މަދު އަދަދަކަށެވެ. އެހެންނަމަވެސް، ބޭރުގެ ގައުމުތަކުގައި މި ބޭހުގެ ގިނަ އަދަދެއްގެ ސްޓޮކް ހުރިކަމަށް އެމްއެފްޑީއޭއިން މައުލޫމާތު ދީފައިވެ އެވެ.

"ޑަބްލިއުއެޗްއޯއާ ގުޅިގެން އެމްއެފްޑީއޭ އިން ކުރި މަސައްކަތަށް ތައުރީފު ހައްގު، މިއީ ދުނިޔޭގެ ސިއްހީ ގޮންޖެހުންތަކާ ކުރިމަތިލާ، ވިހަ މާއްދާ އެކުލެވޭ ބޭސްތަކުން ގައުމުތައް، ހާއްސަކޮށް ފަގީރު ގައުމުތައް މި ކަމުން ސަލާމަތް ކުރުމަށް ކުރާ މަސައްކަތުގައި، ކާމިޔާބީގެ ނިޝާނެއްގެ ގޮތުގައި ފާހަގަ ކުރެވޭ ވަރުގެ މަސައްކަތެއް،" ޑަބްލިއުއެޗްއޯ އިން ރާއްޖެ އަށް ތައުރީފްކޮށް ބުނެފައިވެ އެވެ.