Advertisement

ޝިފާއުއަށް ރައްކާތެރިކަން ފޯރުކޮށްދޭން މަޖިލީހުން ޑިފެންސް މިނިސްޓްރީގައި އެދިއްޖެ

19 ޑިސެންބަރު 2023 - 12:14 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އިހަވަންދޫ ދާއިރާ ތަމްސީލުކުރައްވާ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު : ޝިފާއުއަށް ރައްކާތެރިކަން ފޯރުކޮށްދޭން މަޖިލީހުން ޑިފެންސް މިނިސްޓްރީގައި އެދެފި - ފޮޓޯ: މަޖިލިސް އިދާރާ


ޝިފާއުއަށް ރައްކާތެރިކަން ފޯރުކޮށްދޭން މަޖިލީހުން ޑިފެންސް މިނިސްޓްރީގައި އެދިއްޖެ

19 ޑިސެންބަރު 2023 - 12:14 0

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާ ތަމްސީލުކުރައްވާ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއުއަށް މަރުގެ އިންޒާރު ދިނުމާ ގުޅިގެން އޭނާއަށް ރައްކާތެރިކަން ފޯރުކޮށްދޭން މަޖިލީހުން ޑިފެންސް މިނިސްޓްރީގައި އެދެފި އެވެ.

މަޖިލީހުގައި އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ޝިފާއުއަށް ދިން މަރުގެ އިންޒާރު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. އަދި އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާކަމަށްވެސް މަޖިލީހުން ބުނެފައިވެ އެވެ.

ފުލުހުން ވެސް ވަނީ އެ މައްސަލަ ތަހުގީގު ކުރަމުންދާކަން ކަށަވަރުކޮށްދީފަ އެވެ.

އެކަން ރޭ ޝިފާއު ވަނީ "އަދަދު" އަށް ކަށަވަރުކޮށްދެއްވާފަ އެވެ. އޭނާއަށް މަރުގެ އިންޒާރު ދީފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުލުކުރަން ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެ އާންމުންގެ ނުރުހުން އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.

"އަދި، އެ މެންބަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދެއްވުން އެދި ދިފާއީ ވުޒާރާގައި ވެސް ވާނީ ދަންނަވާފަ އެވެ." މަޖިލީހުގެ ބަޔާނުގައި ބުނެފައިވެ އެވެ.

މި މައްސަލައާ ގުޅިގެން އޭނާ ނިސްބަތްވާ އިދިކޮޅު އެމްޑީޕީން ވެސް ވަނީ އެކަން ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ގޮވާލާފަ އެވެ.

"ރައްޔިތުންގެ މަޖިލީހުގެ އެއްމެހާ މެމްބަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަލާމަތީ ހިދުމަތްތަކަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ގޮވާލަމެވެ," އެ ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިޔާސީ އިދިކޮޅު ޕާޓީއެއްގެ މައިގަނޑު ޒިންމާއަކީ ސަރުކާރު ޖަވާބުދާރީކުރުވުން ކަމަށާއި "އެ ދުސްތޫރީ ޒިންމާ އަދާކުރުމުން މަރުގެ އިންޒާރު ދީ އެފަދަ ލާއިންސާނީ ކުށެއްގެ ޝިކާރައަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން" ވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ބުނެފަ އެވެ.