Advertisement

ބަންގްލަދޭޝް ނޫން އެހެން ގައުމުތަކުން ވެސް މަސައްކަތު މީހުން ގެނެވެން އޮތްތޯ ބަލަނީ

19 ޑިސެންބަރު 2023 - 10:12 1

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރާއްޖޭ މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންތަކެއް ކިއުއެއްގަައި މަޑުކޮށްލައިގެން. ސަރުކާރުން އިއްޔެ ބުނީ ބަންގްލަދޭޝް ނޫން އެހެން ގައުމުތަކުން މީހުން ގެނެވެން އޮތްތޯ ވެސް ބަލާނެ ކަމަށް. އަދަދު ފައިލް ފޮޓޯ


ބަންގްލަދޭޝް ނޫން އެހެން ގައުމުތަކުން ވެސް މަސައްކަތު މީހުން ގެނެވެން އޮތްތޯ ބަލަނީ

19 ޑިސެންބަރު 2023 - 10:12 1

އަންސްކިލްޑް ލޭބަރުން (ވަކި ހާއްސަ ހުަނަރެއް ނެތް މަސައްކަތު މީހުން) ބަންގްލަދޭޝް ފިޔަވައި އެެހެން ގައުމުތަކުން ވެސް ގެނެވެން އޮތްތޯ ބަލާނެ ކަމަށް ސަރުކާރުން ރޭ ބުނެފި އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މަސައްކަތްތެރިން ގެންނަން ފުރަތަމަ ބަންގްލަދޭޝް އަށް ހުޅުވައިލީ ބަލަން ޖެހޭ ހުރިހާ ކަމެއް ބެލުމަށް ފަހުގައި ކަމަށާއި އެ ކަންތައްތައް ބެލުމަށް ފަހުގައި އެހެން ގައުމުތަކުން މީހުން ގެނެވެން އޮތް ނަމަ އެ ފުރުސަތު ވެސް ހުޅުވައިލާނެ ކަމަށެވެ.

ހުއްދަ ދިނުމަށް ޓަކައި ބަލަން ޖެހޭ ކަންތަައްތައް ބެލުމުގައި ބަންގަލްދޭޝްއަށް އިސްކަން ދިނީ އޭނާ ވިދާޅުވި ގޮތުގައި، އެގައުމުން މީހުން ނުގެވޭތީ ވިޔަފާރިވެރިންގެ ކަންބޮޑުވުން އޮތުމުންނެވެ.

ހުރިހާ ކަމެއް ބެލުމަށް ފަހުގައި އިއްޔެގައި އަޅުގަނޑުމެން މި އިއުލާންކޮށްފައި ވާނީ. ބާކީ ދެން ހުރި ގައުމުތަކުން ވެސް މި ދެންނެވި ކަންކަން ބަލާފައި، އަޅުގަނޑުމެން ބަލަން ޖެހޭ ކަންކަން ބަލައި ނިމުނީމާ، އެގައުމުތަކަށް ވެސް ހުޅުވައިލެވެން އޮތިއްޔާ އަޅުގަނޑުމެން އަންސްކިލްޑް ލޭބަރުން ގެނައުމަށް ހުޅުވައިލާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ބަނގްލަދޭޝް މީހުން ގެނައުމުގެ ހުއްދަ އަވަަސްކުރި ސަބަބު

ހުނަރެއް ނެތް މަަސައްކަތު މީހުން ގެންނަން ހުއްދަ ދިނުމުގައި ބަންލަދޭޝަށް އިސްކަން ދިން އެއް ސަބަބެއް ކަމަށް މިނިސްޓަރު ވިދާޅުވީ އެގައުމުން މީހުން ނުގެނެވޭތީ ވިޔަފާރިވެރިންގެ އެތައް ބަޔަކު ޝަކުވާކޮށްފައި ވުމެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބަށް ކުރެއްވި ކެމްޕެއިނުގައި ބައްދަލުވި އެތައް ބަަޔަކު އެ ޝަކުވާ ކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަަޅުގަނޑުމެން ސަރުކާރާ ހަވާލުވާން ވެގެން ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ކެމްޕެއިނުގައި ރާއްޖޭގެ ވަރަށް ބައިވަރު ވިޔަފާރިވެރިންނާ އަދި އާއްމު ފަރުދުންނާއި އަދި އަލަށް ވިޔަފާރިތައް ފަށްޓަވާ ބޭފުޅުންގެ ވަރަށް ބޮޑު ކޮންސާން އަކަށް ވެެގެން ދިޔައީ ދިވެހިރާއްޖެއަށް އަން ސްކިލްޑް ލޭބަރުން ނުލިބޭ މައްސަލަ،" އިހުސާން ވިދާޅުވި އެވެ.

އެ މައްސަލައަށް ހައްލެއް ހޯއްދަވަން، މިނިސްޓަރުކަމުގެ ހުވާކުރެއްވި ދުވަހު ރައީސް އިރުޝާދު ދެއްވި ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ. ބަންގްލަދޭޝް މީހުން ގެންނަން ހުއްދަ ދޭން ގާނޫނީ ހުރަހެއް ނެތްކަން، އެވަގުތުން އެވަގުތަށް ވެސް އެނގިވަޑައިގެންނެވި ކަމަށާ އެހެން ނަމަވެސް ބަންގްލަދޭޝުން މީހުން ގެންނަން ހުޅުވައިލީ ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހުގައި ކަމަށް ވެސް ވިދާޅުވި އެވެ.

"ގާނޫނާ ހިލާފެއް ނޫން، ރިޕޯޓްގައި އޮތީ މީހުންގެ އަދަދެެއް ނޫން"

ހުނަރެއް ނެތް މަސައްކަތްތެެރިން ބަންގްލަދޭޝުން ގެންނަން ހުޅުވައިލީ ގާނޫނާ ހިލާފަށް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓްރަރު ފައްޔާޒް އިސްމާއީލާއި އެމްޑީޕީގެ އެހެން ބައެއް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.

އެގޮތަށް ވިދާޅުވާ ބޭފުޅުންގެ ހުއްޖަތަކީ ރާއްޖެއަށް އެއް ގައުމަކުން އެންމެ ގިނަ ވެގެން ގެނެވޭނީ އެއްލައްކަ މަސައްކަތްތެރިން ކަމަށް ވެފައި ބަންގްލަދޭޝުން މިހާރު ވެސް އެ އަދަދަށް މީހުން ގެނެސްފައި ތިބި ކަމަށް ގަބޫލުކުރައްވާ ކުރެއްވުމެކެވެ. އެ އަދަދަށް މީހުން ތިބި ކަމަށް ބަލަނީ ކުރީގެ ސަރުކާރުން އާއްމުކޮށްފައި އޮތް ރިޕޯޓެއްގައި ހުރި މައުލޫމާތަކަށް ބަލައިގެންނެވެ.

އިހުސާން ރޭ ތަކުރާރުކޮށް ވިދާޅުވީ އެ ރިޕޯޓުގައި އޮތީ މީހުންގެ އަދަދު ނޫން ކަމަށާއި އެކްޓިވް ވޯކްޕާމިޓްގެ އަދަދު ކަމަށެވެ. އިމިގްރޭޝަންގައި ހުރި ރެކޯޑްތަކާއި އެ އަދަދު ދިމާ ނުވާ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ މައުލޫމާތު ބެލެހެއްޓުމުގެ ގާނޫނީ އިހުތިސާސް ލިބިގެން ވަނީ އިމިގްރޭޝަނަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިވަގުތު މޯލްޑިވްސް އިމިގްރޭޝަން ހިނގަމުން ދަނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ދަށުން ކަމަށް ވާތީ އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގޭ، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަންގެ ޑޭޓާބޭސް އިން، އާދެ ރާއްޖޭގެ ބޯޑާ ކޮންޓްރޯލް ސިސްޓަމުން، ރާއްޖޭގައި މިވަގުތު ތިބި ބަންގްލަދޭޝްގެ މުވައްޒަފުންގެ އަދަދު ސާފުކޮށް އެނގޭ،" އިހުސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ އަދަދަކީ 90،624 އެވެ. އެހެންވީމާ އެގައުމުގެ އެއްލައްކަ މީހުން ހަމަނުވާތީ އެގައުމުން އިތުރަށް މީހުން ގެންނަން ހުއްދަ ދިނުމަކީ ގާނޫނާ ހިލާފު ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.