Advertisement

ސަރުކާރުން މިހާރު ބުނަނީ ރާއްޖޭގައި ތިބީ ބަންގްލަދޭޝް ގެ 90،624 މަސައްކަތްތެރިން ކަމަށް

18 ޑިސެންބަރު 2023 - 10:18 2

އަހުމަދު އާއިދު

އަހުމަދު އާއިދު

ހޯމް ލޭންޑު މިނިސްޓަރު އިހުސާން : ސަރުކާރުން މިހާރު ބުނަނީ ރާއްޖޭގައި ތިބީ 90،624 ބަންގްލަދޭޝް މަސައްކަތްތެރިން ކަމަށް - ފޮޓޯ: ރައީސް އޮފީސް


ސަރުކާރުން މިހާރު ބުނަނީ ރާއްޖޭގައި ތިބީ ބަންގްލަދޭޝް ގެ 90،624 މަސައްކަތްތެރިން ކަމަށް

18 ޑިސެންބަރު 2023 - 10:18 2

މިހާރު ރާއްޖޭގައި ތިބީ 90،000 ބަންގްލަދޭޝް މަސައްކަތްތެރިން ކަމަށް ސަރުކާރުން ބުނެފި އެވެ.

ސަރުކާރުން މިހެން ބުނެފައި މިވަނީ ރާއްޖޭގައި ތިބި ބިދޭސީ މަސައްކަތްތެރިންގެ އަދަދުތައް އެނގެން ހުރި އިކޮނޮމިކް މިނިސްޓްރީގެ އެންމެފަހުގެ ރިޕޯޓުތައް އެ މިނިސްޓްރީގެ ސޯޝަލް ޕްލެޓްފޯމުތަކުން ފޮހެލާފައި ވަނިކޮށެވެ.

އެ ރިޕޯޓުތައް ފުހެލާފައި ވާއިރު ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ އަދަދާއި ހިލާފަށް ބަންގްލަދޭޝް އިން ރާއްޖެއަށް އަންސްކިލްޑް ލޭބަރުން އަލުން ގެނެވޭ ގޮތަށް އިއްޔެ ވަނީ ނިންމައިފަ އެވެ.

ވަޒީފާއާބެހޭ ގާނޫނުގައި 65 ވަނަ މާއްދާގެ ހ. ގައި ބަޔާންކޮށްފައިވާ ގޮތުން އެއް ގައުމަކުން ރާއްޖެއަށް އެންމެ ގިނައިން ގެނެވޭނީ 100,000 މީހުންނެވެ. އިކޮނޮމިކް މިނިސްޓްރީން އެންމެފަހުން ހާމަކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ރާއްޖޭގައި 139,220 ބަންގްލަދޭޝް މީހުން މަސައްކަތްކުރެ އެވެ.

އެ މައްސަލާގައި ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން "އަދަދު" އަށް ވިދާޅުވީ އެ ރިޕޯޓުން ފެންނަނީ އެކްޓިވް ވޯކްޕާމިޓުތަކުގެ އަދަދުތައް ކަމަށާއި އެއީ މިވަގުތު ރާއްޖޭގައި ތިބި މަސައްކަތްތެރިންގެ އަދަދު ނޫން ކަމަށެވެ. އަދި އޭގެ ތެރޭގައި އެނބުރި ގައުމަށް ދިޔަ މީހުންވެސް ހިމެނޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"މިވަގުތު ތިބި ކަމަށް އިމިގްރޭޝަންގެ ބޯޑާ ކޮންޓްރޯލް ސިސްޓަމުން ދައްކަނީ 90،624 ބަންގްލަދޭޝް މަސައްކަތްތެރިން ކަމަށް" އިހުސާން ވިދާޅުވި އެވެ.

މިނިސްޓަރުވެސް ވިދާޅުވީ ރޭ އިކޮނޮމިކް މިނިސްޓްރީން އެ ރިޕޯޓު ފުހެލި ސީދާ ސަބަބު އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެ ރިޕޯޓު ފުހެލަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ޖަވާބު ނުދެއްވާތީ އެ ރިޕޯޓު ފުހެލި ސަބަބު އަދި ކަށަވަރެއް ނުވެ އެވެ.

ބަންގްލަދޭޝް ލޭބަރުން ރާއްޖެ ގެނައުން މަނާކުރީ 2019 ވަނަ އަހަރު އެވެ. އެއީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވައިލެއްވި ޓާސްކުފޯހުގެ ނިންމުމެކެވެ. އެއާއެކު ލިޔެކިޔުން ނެތި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ފައްތަން ރެގިއުލަރައިޒޭޝަން ޕްރޮގްރާމެއް ވެސް ސަރުކާރުން ކުރިއަށްގެންދިޔަ އެވެ.

އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ 63،000 ބިދޭސީން އުޅެ އެވެ. ނަމަވެސް, ނުރަސްމީ އަންދާޒާތަކުން މި އަދަދު އެއް ލައްކައާ ގާތްކުރާ ކަމަށްވެ އެވެ.

މިގޮތަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ފައްތަން އިކޮނޮމިކް މިނިސްޓްރީގެ ދަށުން ކުރިއަށްގެންދިޔަ އެ ޕްރޮގްރާމަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން މިހާތަނަށް ސަރުކާރަކުން ކުރި އެންމެ ބޮޑު މަސައްކަތެވެ.