Advertisement

ބަންގްލަދޭޝް ލޭބަރުންނަށް އަލުން ހުއްދަދީ، އެހެން ގައުމުތަކުގެ ލޭބަރުން މަނާކޮށްފި

17 ޑިސެންބަރު 2023 - 16:39 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންތަކެއް. ރާއްޖޭގައި އެންމެ ގިނައިން މަސައްކަތްކުރަނީ ބަންގްލަދޭޝްގެ ރައްޔިތުން --- ފޮޓޯ: އަދަދު ފައިލް


ބަންގްލަދޭޝް ލޭބަރުންނަށް އަލުން ހުއްދަދީ، އެހެން ގައުމުތަކުގެ ލޭބަރުން މަނާކޮށްފި

17 ޑިސެންބަރު 2023 - 16:39 0

ބަންގްލަދޭޝް އިން ރާއްޖެއަށް އަންސްކިލްޑް ލޭބަރުން އަލުން ގެނެވޭ ގޮތަށް މިއަދު ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ހަމަޖައްސައިފި އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެ ބަންގަލަދޭޝް އިން ރާއްޖެއަށް ލޭބަރުން ގެނައުން ސަރުކާރުން މަނާކޮށްފައި އޮންނަތާ ގާތްގަނޑަކަށް ހަތަރު އަހަރު ވަނީ ވެފަ އެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ތިބީ އެ ގައުމުގެ ލޭބަރުންނެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރޭގައިވެސް އެންމެ ގިނައީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ.

ވަޒީފާއާބެހޭ ގާނޫނުގައި 65 ވަނަ މާއްދާގެ ހ. ގައި ބަޔާންކޮށްފައިވާ ގޮތުން އެއް ގައުމަކުން ރާއްޖެއަށް އެންމެ ގިނައިން ގެނެވޭނީ 100,000 މީހުން ކަމަށެވެ. އިކޮނޮމިކް މިނިސްޓްރީން އެންމެފަހުން ހާމަކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ރާއްޖޭގައި 139,220 ބަންގްލަދޭޝް މީހުން މަސައްކަތްކުރެ އެވެ.

އެހެންކަމުން, ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ މި ނިންމުމަކީ ގާނޫނާ ތައާރަޒުވާ ނިންމުމެކެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން ބަނގްލަދޭޝްއިން ރާއްޖެއަށް އަންސްކިލްޑް ލޭބަރުން ގެނެވޭގޮތަށް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެެވެ.

ހަމައެއާއެކު, އެހެން ގައުމުތަކުން ރާއްޖެއަށް އަންސްކިލްޑް ލޭބަރުން މިވަގުތު ގެނައުން މަޑުޖައްސާލާފައިވާ ކަމަށާއި ނަމަވެސް މިއަދުގެ ނިޔަލަށް އެކްސްޕެޓް އޮންލައިން ސިސްޓަމަށް އަޕްލޯޑް ކޮށްފައިވާ ޑޮކިއުމަންޓްތައް ޕްރޮސެސް ކޮށްދެމުންގެންދާނެ ކަމަށް އިއުލާނުގައި ވަނީ ބުނެފަ އެވެ.

ބަންގްލަދޭޝް ލޭބަރުން ރާއްޖެ ގެނައުން މަނާކުރީ 2019 ވަނަ އަހަރު އެވެ. އެއީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވައިލެއްވި ޓާސްކުފޯހުގެ ނިންމުމެކެވެ. އެއާއެކު ލިޔެކިޔުން ނެތި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ފައްތަން ރެގިއުލަރައިޒޭޝަން ޕްރޮގްރާމެއް ވެސް ސަރުކާރުން ކުރިއަށްގެންދިޔަ އެވެ.

އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ 63،000 ބިދޭސީން އުޅެ އެވެ. ނަމަވެސް, ނުރަސްމީ އަންދާޒާތަކުން މި އަދަދު އެއް ލައްކައާ ގާތްކުރާ ކަމަށްވެ އެވެ.

މިގޮތަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ފައްތަން އިކޮނޮމިކް މިނިސްޓްރީގެ ދަށުން ކުރިއަށްގެންދިޔަ އެ ޕްރޮގްރާމަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން މިހާތަނަށް ސަރުކާރަކުން ކުރި އެންމެ ބޮޑު މަސައްކަތެވެ.