Advertisement

ޓީސީ ބަލިކޮށް މާޒިޔާ އެއް ވަަނަ އަށް

15 ޑިސެންބަރު 2023 - 18:31 0

މާޒިޔާގެ މެެޗެއްގެ ތެރެއިން އެ ޓީމުގެ ހަމްޕު ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ޓީސީ ބަލިކޮށް މާޒިޔާ އެއް ވަަނަ އަށް

15 ޑިސެންބަރު 2023 - 18:31 0

ޓީސީ ސްޕޯޓްސް ކްލަބް އަތުން 4-0 އިން މޮޅުވެ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން، އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

މިއަދުގެ މެޗުން މޮޅުވެ، މާޒިޔާ އިން ވަނީ 13 މެޗުން 37 ޕޮއިންޓް ހޯދައި, ލީގުގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. ދެ ވަނައިގައި އޮތީ 13 މެޗުން 35 ޕޮއިންޓް ލިބިފައިވާ ކްލަބް އީގަލްސް އެވެ.

ޕްރިމިއާ ލީގުގައި ބާކީ ދެން އޮތީ އެންމެ މެޗެކެވެ. އެއީ، އަންނަ އަންގާރަ ދުވަހު ހަވީރު އީގަލްސް އާއި މާޒިޔާ ކުޅޭ މެޗެވެ. އެ މެޗު އެއްވަރުކޮށްލައިގެން ވެސް މާޒިޔާ އަށް ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދޭނެ އެވެ. އީގަލްސް އަށް ފުރަތަމަ ފަހަރަށް ލީގު ހޯދެން އޮތީ މާޒިޔާ ބަލިކޮށްގެންނެވެ. މިހާތަނަށް ލީގުގައި ބަލިނުވެ އޮތް ދެ ޓީމަކީ އީގަލްސް އާއި މާޒިޔާ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅެން އޮތް މެޗު އެންމެ ފުރަތަމަ ޝެޑިއުލްކޮށްފައި އޮތީ މިރޭ ކުޅޭ ގޮތަށެވެ. އެކަމަކު، ގަލޮޅު ދަނޑުގެ ލައިޓްތަކުގައި މައްސަލަތަކެއް ހުރުމުން މެޗު ހަވީރަށް ބަދަލުކުރީ އެވެ. މާޒިޔާ އިން އެންމެ ފަހުން ލީގުގައި ބުރު ސްޕޯޓްސް ކްލަބާ ކުޅުނު މެޗުގެ ދެ ވަަނަ ހާފުގައި ލައިޓް ނިވިގެން، ބައިގަނޑިއިރަށް މެޗު މެދުކަނޑާލަން ޖެހުނެވެ.

މާޒިޔާ އިން ވަނީ ޓީސީ ކޮޅަށް ފުރަތަމަ 25 މިނިޓް ތެރޭ ތިން ގޯލު ޖަހައިފަ އެވެ. މެޗުގެ ހަތް ވަނަ މިނިޓްގައި މާޒިޔާގެ ސާބިއާ ފޯވާޑް، ވޮޖިސްލާވް ބަލަބަނޮވިޗް ވަނީ އެ ޓީމަށް ލީޑުނަަގައިދީފަ އެވެ. މާޒިޔާ އިން ލީޑުފުޅާކުރީ މެޗުގެ 16 ވަނަ މިނިޓްގައި އިބްރާހިމް އައިސަމް ޖެހި ގޯލުންނެވެ. އަދި މެޗުގެ 24 ވަނަ މިނިޓްގައި ހަމްޒާ މުހައްމަދު (ހަމްޕު) ވަނީ ޕެނަލްޓީ އަކުން މާޒިޔާގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ.

މެޗުގައި މާޒިޔާ އިން ކާމިޔާބުކުރި ފަހު ލަނޑު ދެ ވަނަ ހާފުގައި ކާމިޔާބުކުރީ ބަލަަބަނޮވިޗް އެވެ. އޭނާ މި ލަނޑު ޖެހީ މެޗުގެ 76 ވަނަ މިނިޓްގަ އެވެ.

ނިސްބަތުން ޒުވާން ކުޅުންތެރިން ގިނަކޮށް މި ފަހަރުގެ ލީގާ ކުރިމަތިލި ޓީސީން ލީގު ނިންމާލީ ހަތަރެއްގައި އޮވެ އެވެ. އެއީ 14 މެޗުން 22 ޕޮއިންޓް ހޯދައިގެންނެވެ.