Advertisement

ހުލާސާކޮށް އިއްޔެ: ކެމިކަލް ހުރި ބޭސް ދެނެގަތީ ރާއްޖެއިން، ޑަބްލިއުއެޗްއޯގެ ތައުރީފު!

15 ޑިސެންބަރު 2023 - 09:43 0

ހުސެއިން ފިޔާޒް މޫސާ

ހުސެއިން ފިޔާޒް މޫސާ


ހުލާސާކޮށް އިއްޔެ: ކެމިކަލް ހުރި ބޭސް ދެނެގަތީ ރާއްޖެއިން، ޑަބްލިއުއެޗްއޯގެ ތައުރީފު!

15 ޑިސެންބަރު 2023 - 09:43 0

ނުރައްކާތެރި ކެމިކަލް އެކުލެވޭތީ ރާއްޖޭގައި މިދިޔަ ނޮވެމްބަރު މަހު މަނާކުރި ބޭހުގައި އެ ކެމިކަލްތައް އެކުލެވޭކަން އިސްވެ ދެނެގަތީ ރާއްޖޭން ކަމަށް ވާތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ވަރަށް ބޮޑަށް ތައުރީފު ކުރިކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ރާއްޖޭގެ ކަމާ ބެހޭ އިދާރާ "މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ" (އެމްއެފްޑީއޭ) އިން އެކަމުގައި ކުރި މަސައްކަތަށް ތައުރީފުކޮށް ޑަބްލިއުއެޗްއޯ އިން އިއްޔެ އާއްމުކުރި ބަޔާނުގައި ބުނީ އެއީ ސިއްހަތު ރައްކާތެރިކުރުމަށް މަސައްކަތް ކުރުމުގައި "ދުނިޔެއަށް މިސާލެއް" ކަމަށެވެ.

ރާއްޖެއިން ދެނެގަނެ، ޑަބްލިއުއެޗްއޯގެ ސަމާލުކަމަށް ގެނައީ ޕާކިސްތާނުގެ ފާމިކްސް ލެބޯޓަރީން އުފައްދާ އެލާގޯ ބްރޭންޑުގެ ސިޓްރިޒެން ދިޔާ ބޭހުގައި ނުރައްކާތެރި ދެ ކެމިކަލެއް އެކުލެވިފައި ހުރިކަމެވެ. އެމްއެފްޑީއޭއިން ނޮވެމްބަރު 12، ގައި ނެރުނު އެލާޓެއްގައި ބުނީ އެލާގޯ ބްރޭންޑުގެ އިތުރު ބެޗުތަކުން ސާމްޕަލް ނަގައި ސްކްރީން ކުރިއިރު "ޑައިއެތިލީން ގްލައިކޯލް" އަދި "އެތިލީން ގްލައިކޯލް" ކެމިކަލް ހުރިކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

ޑަބްލިއުއެޗްއޯއިން ބުނީ ބޭހުގެ އެ ބާވަތުގައި ނުރައްކާތެރި އެ ކެމިކަލްތައް އެކުލެވޭކަން ދެނެގަތީ އެމްއެފްޑީއޭއިން ހިންގާ ވަސީލަތްތައް މަދު، ނެޝަނަލް ކޮލިޓީ ކޮންޓްރޯލް ލެބޯޓްރީން ކަމަށެވެ. ރާއްޖޭން އެކަން ދެނެގަނެ ޑަބްލިއުއެޗްއޯގެ ސަމާލުކަމަށް ގެނައުމުން އެޖަމިއްޔާއިން އެކަން އިތުރަށް ކަށަވަރުކޮށް، އެހެން ގައުމުތަކަށް އެކަން އެންގި އެވެ.

"[އެމްއެފްޑީއޭގެ] އެ ހޯދުންތައް ވީ ހަމަ އެކަނި ގައުމީ ކަންބޮޑުވުމަކަށް އެކަންޏެއް ނޫނެވެ. އެހެނީ އެ އުފެއްދުންތައް، [ނުރައްކާތެރި ކެމިކަލް އެކުލެވޭ ބޭސްތައް] އެހެން ހަތަރުގައުމެއްގައި ވެސް އައީ މާކެޓްކުރަމުންނެވެ. އެހެންކަމުން އެކަން ވެގެން ދިޔައީ ދުނިޔޭގެ ފެންވަރުގައި، ސިއްހަތު ސަލާމަތްކުރަން ކުރެވުނު މަސައްކަތަކަށެވެ،" ޑަބްލިއުއެޗްއޯ ގެ ވެބްސައިޓްގައި ޝާއިއުކުރި ބަޔާނުގައި ބުންޏެވެ.

ޑަބްލިއުއެޗްއޯ އާ ގުޅިގެން ރާއްޖޭން ކުރި އެ މަސައްކަތަކީ ތައުރީފު ހައްގު މަސައްކަތެއް ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

މުހިއްމު ބައެއް ހަބަރު